ސަލްމާން ގެއަށް ހަމަލާ ދިން މީހުން ހައްޔަރުކޮށްފި

Tue, 16 Apr 2024 09:20 AM

View on this article on adduLive

ސަލްމާން ގެއަށް ހަމަލާ ދިން މީހުން ހައްޔަރުކޮށްފި

މިދިޔަ އާދީއްތަ ދުވަހުގެ ވަރަށް ފަތިހުގެ ވަގުތެއްގައި ބޮލީވުޑްގެ ފިލްމީ ތަރި ސަލްމާން ޚާންގެ ގެއަށް ބަޑިން ހަމަލާތަކެއް ދިން މައްސަލައިގައި ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށްފި އެވެ.



މުމްބާއީގެ ފުލުހުން އެ ދެ މީހުން ރޭ ހައްޔަރުކުރީ ގުޖްތާރުގެ ބޫޖުއިންނެވެ. މި ދެ ފިރިހެނުން ހައްޔަރުކުމުގެ ކުރިން އެ މީހުން ހަމަލާ ދިނަށް ހަރަކާތްތެރިވުމުގެ ތެރޭގައި ސަލްމާންގެ ގެލެކްސީ އެޕާޓްމަންޓް ހިސާބުގަނޑުގައި ހަރަކާތްތެރިވި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުން އެ މީހުންގެ މަންޒަރުތަކެއް ސްކްރީންޝޮޓްތަކެއް ވެސް ފުލުހުން އާންމުކުރި އެވެ.

ނަމަވެސް ހައްޔަރުކުރި ދެ މީހުންނާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އެ ދެ މީހުން ބަޑިން ގެލެކްސީ އެޕާޓްމަންޓް ހަމަލާތަކެއް ދިނުމަށް ފަހު ސައިކަލެއްގައި ވަނީ ފިލައިފަ އެވެ. އަދި އެ ހާދިސާގެ މައުލޫމާތު ލިބުމާ އެކީ ފުލުހުން ތަހުގީގު، ފަށައި ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފެށި އެވެ.

ސަލްމާންގެ ގެއަށް ދިން ހަމަލާއާ ގުޅިގެން މީގެ ކުރިން ވެސް އޭނަ އާއި އާއިލާ އަށް މަރުގެ އިންޒާރުތަކެއް ދީފައިވާ އަދި ޖަލުގައި އޮތް ގޭންގްސްޓާރު ލޯރެންސް ބިޝޯނީގެ ކޮއްކޮ އައްމޯލް ބިޝޯނީ ވަނީ ހަމަލާގެ ފަހަތުގައި ހުރީ އޭނަ ކަމަށް ބުނެފަ އެވެ. އަދި އާދީއްތަ ދުވަހުގެ ހަމަލާ އަކީ "ކުޑަވަރެއްގެ ޓްރެއިލާއެއް" ކަމަށާއި "އަސްލު ހަމަލާ އަދި ކުރިއަށް އޮތީ" ކަމަށް ބުނެފައިވެ އެވެ.

ސަލްމާންގެ ގެއަށް ދިން ހަމަލާއާ ގުޅިގެން ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަލު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނަމަވެސް މި ހާދިސާ އަކީ "ޕަބްލިސިޓީ ސްޓަންޓެއް" ކަމަށް ބުނެ ބައެއް މީޑިއާތަކުން ތަފާތު ވާހަކަތައް ފަތުރައި. ހަގީގަތާ ހިލާފު ވާހަކަތަކެއް ފަތުރަމުންދާތީ ސަލްމާންގެ ކޮއްކޮ އަރްބާޒް ޚާން ރޭ އިންސްޓަގްރާމްގައި އާއިލާގެ ފަރާތުން ބަޔާނެއް ވެސް ނެރެފައިވެ އެވެ.

ފާއިތުވި ދެ އަހަރުން ފެށިގެން ސަލްމާނަށް ދަނީ މަރުގެ އިންޒާރުތަކެއް ލިބެމުންނެވެ. މިކަމާ ގުޅިގެން އެތައް ފަހަރެއްގެ މަތިން އޭނަގެ ސެކިއުރިޓީ ފުލުހން ވަރުގަދަކޮށްފައިވެ އެވެ. އަދި އަމިއްލަ ހަށިރައްކަލަށް ބަޑިއެއް ގެންގުޅުމުގެ ހުއްދަ 2022 ގައި އެދުމުން އެ ހުއްދަ ވެސް ސަލްމާނަށް ދީފައިވެ އެވެ. އަދި ސަލްމާން ވަނީ އެ އަހަރު ދަތުރުކުރަން ބްލެޓްޕްރޫޕް ކާރެއް ވެސް ގަނެފަ އެވެ.

The post ސަލްމާން ގެއަށް ހަމަލާ ދިން މީހުން ހައްޔަރުކޮށްފި appeared first on adduLIVE.



More from adduLive