ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން ނަގަން ފަށަނީ

Mon, 29 Apr 2024 09:46 PM

View on this article on adduLive

ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން ނަގަން ފަށަނީ

ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.



ވަޒީރުންނާ ސުވާލު ކުރުމަށް ކުރިއަށްގެންދާ "އަހާ" ފޯރަމްގައި އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖޭގައި ނިސްބަތުން ވަރަށް ގިނަ ކަމަށާއި އެއީ ކިހާ އަދަދެއް ކަމާއި އަދި އެއީ ކޮން ބައެއްކަން ސަރުކާރުގެ ލިޔެކިޔުންތަކުން ސީދާ އެނގިފައި ނެތް ކަމަށެވެ.

މި ސަރުކާރުން ކުރަމުންދާ މަސައްކަތަކީ އެއް އަހަރުތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ދެ އަތުގެ އިނގިލީގެ ނިޝާނާއި އެމީހުންގެ ފޮޓޯ ނެގުމަށްފަހު މިހާރު ހުރި ވޯކްޕާމިޓް ރެކޯޑުތަކާ ދިމާވޭތޯ ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއަށް ފަހު ގަވާއިދާ ހިލާފަށް ތިބީ ކޮން ބައެއް ކަމާއި އެމީހުން ތިބީ ކޮން ތަނެއްގައި ކާކުގެ ބެލުމުގެ ދަށުގައިތޯ ނުވަތަ އެއްވެސް މީހެއްގެ ބެލުމުގެ ދަށުގައި ނޫންތޯ ބަލާނެ ކަމަށާއި ބައެއް ބިދޭސީން ރާއްޖޭގައި އުޅެމުން އަންނަނީ އެއްވެސް ރަސްމީ ލިޔެކިޔުމެއް ވެސް ނެތި ކަމަށް އިހުސާން ވިދާޅުވި އެވެ.

"ހުރިހާ އެންމެން ފުރަތަމަ ސިސްޓަމްގެ ތެރެއަށް ގެނައުމުގެ މަސައްކަތް މި ފަށަނީ އެއް އަހަރު ތެރޭގައި އެކަން ނިންމަން. މޭ ދެވަނަ ދުވަހު އެ މަސައްކަތުގެ އަމަލީ މަސައްކަތް ކ. ހިންމަފުށިން އެބަ ފަށަން،" އިހުސާން ވިދާޅުވި އެވެ.

މި މަސައްކަތް ކުރާއިރު ހުރިހާ ރަށެއްގެ ކައުންސިލާއި ފުލުހުން ގުޅިގެން އެ ރަށެއްގައި ތިބި ހުރިހާ ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނަގައި ސިސްޓަމާއި ދިމާކުރުވާފައި މިއީ ކޮންބައެއްތޯ ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިއީ މި މަސައްކަތުގެ ފުރަތަމަ މަރުހަލާ ކަމަށާއި ދެވަނަ މަރުހަލާގެ ތެރެއިން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތޭނެ ފަސޭހަ ގޮތެއް ހޯދައިދިނުން ކަމަށް ވިދާޅުވި އެވެ. އަދި ވަރަށް ބޮޑަށް ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންނަށް ވެސް ގަވާއިދުގެ ތެރެއަށް ވަންނަން ފުރުސަތު ދޭނެ ކަމަށް އެކަމަށް ބޯނުލަނބާނަމަ ޑީޕޯޓު ކުރާނެ ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.

The post ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން ނަގަން ފަށަނީ appeared first on adduLIVE.



More from adduLive