އިދިކޮޅު ލީޑަރުންނަށް ބިރުދައްކަން ކުރާ މަސައްކަތް ވާނީ ފެއިލް

Thu, 28 Mar 2024 07:01 PM

View on this article on adduLive

އިދިކޮޅު ލީޑަރުންނަށް ބިރުދައްކަން ކުރާ މަސައްކަތް ވާނީ ފެއިލް

މި ސަރުކާރުން އިދިކޮޅު ސިޔާސީ ވެރިންނަށް ބިރު ދައްކަން ކުރާ މަސައްކަތް ފެއިލް ވާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.



ޝާހިދު މިހެން ވިދާޅުވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ތެރެއިން ހިންގި ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުކުރުމާ ގުޅިގެންނެވެ.

ޝާހިދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ފެއިލްވެފައިވާ ގޮތަށް އިދިކޮޅު ސިޔާސީ ވެރިންނަށް ބިރުދައްކަން ކުރާ މަސައްކަތް ވެސް ފެއިލް ވާނެ ކަމަށެވެ. ސަރުކާރުން މިފަދަ ކަންކަން ކުރަމުން ދަނީ މަޖިލީހުގެ މެޖޯރިޓީ ނުލިބޭނެތީ ގޮސް ހުސްވެގެން ކަމަށާއި ނަމަވެސް މިފަދަ ކަންކަމުގެ ސަބަބުން އެމްޑީޕީގެ މަސައްކަތަށް މަޑުޖެހުމެއް ނާންނާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ފުލުހަށް ހާޒިރުވުމަށް ފަހު ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރުކުރީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ނޫން ކަމަށާއި މައުލޫމާތު ސާފުކުރަން ކަމަށް ފުލުހުން ވިދާޅުވި ކަމަށެވެ. އެ މައުލޫމާތުތަކަކީ އޭނާގެ އޮޑިޓް ރިޕޯޓުތަކުގައި ހާމަކުރެވި، އާންމުވެސް ކުރެވިފައިވާ މައުލޫމާތުތަކެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"މި ތަހުގީގު ހިންގުމުގައި ސަރުކާރުގެ ބޭނުމަކީ އަޅުގަނޑަށް އަނިޔާވެރިވާ މަންޒަރު ދައްކައިގެން އެކަމުން ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން. ސިޔާސީ ބޭނުމަށް ފުލުހުންގެ އިދާރާ ބޭނުންކުރުމަކީ ފުލުހުންގެ އާންމު ވާޖިބު އަދާކުރުމަށް ހުރަސް އެޅޭނޭ ކަމެއް. އެފަދަ ނޭއްގާނީ ކަންކަން ހުއްޓާލުމަށް އިލްތިމާސްކުރަން،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒަށް ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވަނީ އޭނާ ފުލުހަށް ހާޒިރުކުރެވެނީ އާރްޑީސީއަށް ލިބޭ ފައިސާ އެކުންފުނީގެ ވެރިންނާއި އާރްޑީސީއާއި ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް އާރްޑީސީގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައިގައި ކަމަށެވެ. އަދި އާރްޑީސީގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައިގައި އާރްޑީސީއިން ކޮށްފައިވާ މުއާމަލާތްތަކުގެ ތެރެއިން ފައްޔާޒްއަށް މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ޗިޓުގައި ބުނެފައިވެ އެވެ.

The post އިދިކޮޅު ލީޑަރުންނަށް ބިރުދައްކަން ކުރާ މަސައްކަތް ވާނީ ފެއިލް appeared first on adduLIVE.



More from adduLive