އަދިތީ އާއި ސިދާތު އެންގޭޖްވެއްޖެ

Thu, 28 Mar 2024 06:00 PM

View on this article on adduLive

އަދިތީ އާއި ސިދާތު އެންގޭޖްވެއްޖެ

އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ އަދިތީ ރާއޯ ހައިދަރީ އާއި އެކްޓަރު ސިދާތު އެންގޭޖްވެއްޖެ އެވެ.



އެ ދެ މީހުން އެންގޭޖްވިކަން މިއަދު އިއުލާންކުރީ އެންގޭޖްމަންޓް އަނގޮޓިއާ އެކީ ނަގާފައިވާ ފޮޓޯއަކާ އެކީގަ އެވެ. އަދިތީ އާއި ސިދާތު ރައްޓެހިވެގެން އުޅޭތާ މިހާރު ތިން ވަރަކަށް އަހަރު ވެދާނެ އެވެ. އެކަމަކު އެންގޭޖްވުމާ ހަމައަށް ދެ މީހުން އެ ގުޅުމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އަދިތީ އާއި ސިދާތު 2021 ގައި އެކީގައި ފިލްމެއް ވެސް ކުޅުނެވެ. އެއީ ތެލެގޫ ފިލްމު "މަހާ ސަމޫދަރަމް" އެވެ. އަދިތީ އާއި ސިދާތަކީ ވެސް ބޮލީވުޑާއި އިންޑިއާގެ ދެކުނު ފިލްމުތަކުގައި މަސައްކަތްކުރާ ދެ ތަރިންނެވެ. އަދިތީގެ ކުރިއަށް އޮތް އެންމެ ފާހަގަކޮށްލެވޭ ޕްރޮޖެކްޓަކީ ސަންޖޭ ލީލާ ބަންސާލީ މެއި 1 ގައި ނެޓްފްލިކްސް އަށް ގެންނަން އުޅޭ ސީރީޒް "ހީރާމަންޑީ" އެވެ. އޭނަ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ދިއްލީ 6"، "ރޮކްސްޓާ"، "ލަންޑަން، ޕެރިސް، ނިއު ޔޯކް"، "ފިތޫރު" އަދި "ވަޒީރު" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

ސިދާތު ކުޅުނު އެންމެ ފާހަގަކޮށްލެވޭ ހިންދީ ފިލްމަކީ އާމިރު ޚާންގެ "ރަންގް ދެ ބަސަންތީ" އެވެ.

އަދިތީ އާއި ސިދާތު އެންގޭޖްވި އިރު، މި ދެ ތަރިންނަކީ ވެސް ކުރީގެ ކައިވެނިތައް ރޫޅިފައިވާ ބައެކެވެ. އަދިތީ އާއި ސަތިއަދީޕް މިޝްރާގެ ކައިވެނި ރޫޅުނީ 2012 ގަ އެވެ. ސިދާތު އާއި މެގްނާގެ 2003 ގެ ކައިވެނި ރޫޅުނީ 2007 ގަ އެވެ.



More from adduLive