ޕަރްވީން ބާބީގެ ރޯލަށް އުރްވަޝީ

Mon, 05 Jun 2023 10:00 AM

View on this article on adduLive

ޕަރްވީން ބާބީގެ ރޯލަށް އުރްވަޝީ

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ޕަރްވީން ބާބީގެ ބައޮގްރަފިކަލް ޑްރާމާގައި އޭނަގެ ރޯލު ކުޅެން ބަތަލާ އުރްވަޝީ ރޯޓޭލާ އަށް ފުރުސަތު ލިބިއްޖެ އެވެ.

މި ވާހަކަ އޭނަ ވަނީ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ. އުރްވަޝީ ބުނީ މި ބައޯޕިކް ވާނީ 2005 ގައި މަރުވެފައިވާ ބަތަލާ ފަހުރުވެރިވާނެ ފަދަ އެއްޗަކަށް ކަމަށެވެ. ހިންދީ ސިނަމާގައި 1970 އާއި 1980 ގެ ތެރޭގައި ބޮޑު މަޝްހޫރުކަމެއް ހޯދި ޕަރްވީން އަކީ ވަރަށް ގިނަ ސިއްހީ އަދި ނަފުސާނީ މައްސަލަތަކެއްގެ ތެރެއަށް ވެއްޓި، ވަރަށް ހިތްދަތިކޮށް ވަކިވެގެން ދިޔަ ބަތަލާއެކެވެ.

އޭނަ ޖެނުއަރީ 20، 2005 ގައި މަރުވި އިރު އުމުރަކީ 50 އަހަރެވެ. ޕަރްވީންގެ ކެރިއަރުގައި ވަރަށް ކާމިޔާބު ފިލްމުތަކެއް ކުޅުނެވެ. އަދި އޭނަ ފާހަގަކުރެވިފައި ވަނީ ވަރަށް ސްޓައިލިޝް، ފެޝަން އައިކަންއެއްގެ ގޮތުގަ އެވެ.

ޕަރްވީންގެ ފިލްމީ ކެރިއަރު 1972-1991 އާ ހަމައަށް ކުރިއަށް ދިޔަ އެވެ. އޭނަގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ދީވާރު"، "އަމަރު އަކްބަރު އެންތަނީ"، "ސުހާގު"، "ކާލާ ޕައްތަރު"، "ޝާން"، "ކާލިއާ" އަދި "ނަމަކު ހަލާލް" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

ޕަރްވީންގެ ހަޔާތަށް ބިނާކޮށް ހަދަން ނިންމާފައިވާ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ދީރަޖް މިޝްރާ އެވެ. އަދި މީގެ ޑައިރެކްޓަރަކީ ވަސީމު އެސް ޚާނެވެ. އެކަމަކު އަދި ފިލްމުގެ ނަމާއި އެއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމައެއްނުކުރެ އެވެ.

ޕަރްވީންގެ ހަޔާތަށް ނުސީދާކޮށް މީގެ ކުރިން ވެސް ފިލްމުތަކެއް ހަދާފައިވެ އެވެ. އޭގެ ތެރޭގައި ބަތަލާ ކަންގަނާ ރަނާވަތު ކުޅުނު 2006 ގެ "ވޯ ލަމްހޭ" ހިމެނެ އެވެ.

The post ޕަރްވީން ބާބީގެ ރޯލަށް އުރްވަޝީ appeared first on adduLIVE.



More from adduLive