ހިތާއި ފުރާނަ ރާއްޖެ އަށް ދޭން ތައްޔާރު: ނާޒިމް

Sat, 27 May 2023 06:27 AM

View on this article on adduLive

ހިތާއި ފުރާނަ ރާއްޖެ އަށް ދޭން ތައްޔާރު: ނާޒިމް

ހިތާއި ފުރާނަ ރާއްޖެ އަށް ދޭން ތައްޔާރު ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އެމްއެންޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ އޭނާ އަކީ ސިފައިންގެ ވަޒީފާގައި ހުއްޓާ ބޭއިންސާފުން ވަޒީފާ އިން ވަކިކުރި އޮފިސަރެއް ކަމަށާއި އަދި އޭނާ އަކީ މަގާމުގައި ހުއްޓާ ޖަލަށްލެވުނު ވަޒީރެއް ކަމަށެވެ. ނަމަވެސް ގައުމީ ހިދުމަތަށް މިއަދު އަނެއްކާވެސް ހުންނެވީ ނިކުމެ ކަމަށާއި އަދިވެސް ހުންނެވީ އުމުރުން 19 އަހަރުގައި ކުރެއްވި ހުވައިގެ މަތީގައި ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު މިހުރީ އަޅުގަނޑުގެ މުޅި ހިތާއި ފުރާނަ ދިވެހިރާއްޖެ އަށް ދިނުމަށް ތައްޔާރަށް." ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ދިވެހިންނަށް ކުރެވޭނެ ކަމަށާއި، ދިވެހިންނަށް ވާނެ ކަމަށާއި، ދިވެހިންގެ ހުވަފެނުގައި އެންމެ ފުރިހަމަޔަށް ކުލަ ޖެއްސޭނެ ކަމަށެވެ. އަދި ދިވެހި ގައުމަށް ބޭނުން ވަނީ ދިވެހި ހައްލު ކަމަށާއި، ބޭނުންވަނީ ދިވެހި ގައުމުގެ ހުންގާނު ދިވެހިންގެ އަތަށް ނެގޭނެ ތެދުވެރި ލަޝްކަރެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ބޮޑު ތަކުރުފާނާއި ދޮންބަންޑާރައިންގެ ޖިހާދަށް އަޅުގަޑުމެންނަަށް ފުރިހަމަ ޝުކުރެއް ދެންނެވެނީ ދަންނަވަންތޯ އެދުވަހު. ޝަހީދު އަލިރަސްގެފާނާއި، ޝަހީދު ހުސެއިން އާދަމްގެ ފުރާނައިގެ އަގު އަދާކުރެވޭނީ ހަމަ އެދުވަހު. މަރުހޫމް އިބުރާހިމް ނާސިރާއި އޭނާގެ އަރިހުގައި މަސައްކަތް ކުރެއްވި ތެދުވެރި ދިވެހި ދަރިންގެ ވަސިއްޔަތަކީ ވެސް ދަންނަވަންތޯ މިއީ." ނާޒިމް ވިދާޅުވި އެވެ.

ގައުމަށް ހެޔޮ ބަދަލު ގެންނަން ބޭނުންވާނަމަ އެބަދަލު އެހެން މީހަކު ގެންނާނެ ކަމަށް، ނުވަތަ އެހެން ވަގުތެއް އަންނާނެ ކަމަށް ތިބެގެން ގައުމަށް ހެޔޮ ބަދަލު ނާންނާނެ ކަމަށާއި މިއީ ދިވެހި ގައުމަށް ބަދަލު ގެންނަންވީ ވަގުތު ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި މިއީ ބޭރުގެ ނުފޫޒުތައް ބޭރުކޮށް ދިވެހި ގައުމު ދިވެހިންގެ އަތްމައްޗަށް ގެންނާންވީ ވަގުތު ކަމަށްވެސް ވިދާޅުވި އެވެ.

The post ހިތާއި ފުރާނަ ރާއްޖެ އަށް ދޭން ތައްޔާރު: ނާޒިމް appeared first on adduLIVE.More from adduLive