މަޖިލިސް އިންތިޚާބުން ސަރުކާރަށް ބޮޑު ކާމިޔާބެއް، ދިވެހީންގެ ރާއްޖެއަށް އިތުރު އުންމީދެއް!

Sun, 21 Apr 2024 11:17 PM

View on this article on XeeTimes

މަޖިލިސް އިންތިޚާބުން ސަރުކާރަށް ބޮޑު ކާމިޔާބެއް، ދިވެހީންގެ ރާއްޖެއަށް އިތުރު އުންމީދެއް!

ރައްޔިތުންގެ މަޖިލިސް އިންތިޚާބު 2024 ގެ ވޯޓުލުން މިއަދު ހެނދުނު 8 އިން ހަވީރު 5:30 އަށް ކުރިއަށްދިޔައިރު މި އިންތިޚާބުން ސަރުކާރަށް މިވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ. ސަރުކާރު ހިންގާ ޕީއެންސީ އަށް މިހާތަނަށް ނަތީޖާ ދައްކާގޮތުން 70 ގޮނޑި ލިބިފައިވާއިރު މިއީ ސުޕަމެޖޯރިޓީއެވެ.



ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މުޅިން އަލަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން އިންތިޚާބަށް ނެރުނުއިރު މިއީ މަޖިލީހުގައި މިހާރު ތިބި އެމްޑީޕީގެ މެންބަރުން ބަލިކޮށް ލިބުނު ފާހަގަކުރެވޭ ކާމިޔާބީއެކެވެ. މަޖިލީހުގައި ގިނަދުވަސްވީ ގިނަ މެންބަރުންތަކަކަށް ނާކާމިޔާބު ލިބުނުއިރު މި އިންތިޚާބުގައި ވާދަކުރި އެމްޑީޕީގެ ސަރުކާރުގެ މިނިސްޓަރުންނަށް ވެސް ވަނީ ނާކާމިޔާބު ލިބިފައެވެ. އޭގެތެރޭގައި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އައިޝަތު ނަހުލާ އާއި ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު އާއި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ކުރީގެ ހެލްތް މިނިސްޓަރ އަމީން އިބްރާހީމް ވެސް ވަނީ އިންތިޚާބުން ބަލިވެފައެވެ. މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު އަސްލަމަށްވެސް ވަނީ ނާކާމިޔާބު ވެފައެވެ.

ރައީސް ނަޝީދު އިސްކޮށް އުޅުއްވާ ދަޑިމޮކްރެޓްސްގެ ކެންޑިޑޭޓުންނަށް ވެސް ވަނީ ނާކާމިޔާބުވެފައެވެ. އަދި ރައީސް ޔާމީން ތާއީދު ކުރެއްވި ކެންޑިޑޭޓުންނަށްވެސް މިހާތަނަށް ލިބުނު ނަތީޖާއިން އެއްވެސް ގޮނޑިއެއް ކާމިޔާބު ނުވެއެވެ. 2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބެކޭ އެއްގޮތަށް މިފަހަރުވެސް އަދާލަތު ޕާޓީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބުނުވެއެވެ.

މިހާތަނަށް ފެންނަންހުރި ނަތީޖާއަށް ބަލާއިރު އެމްޑީޕީ އަށް ލިބިފައިވަނީ 12 ގޮނޑިއެވެ. އަދި އަމިއްލަގޮތުން ވާދަކުރި 7 މީހަކަށް ވަނީ ގޮނޑި ކާމިޔާބުވެފައެވެ. އެމްޑީއޭ އަށް 2 ގޮނޑި ޖޭޕީ އަށް 1 ގޮނޑި އަދި އެމްއެންޕީ އަށް 1 ގޮނޑި ވަނީ ލިބިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މިފަހަރު ކާމިޔާބުކުރެއްވީ އެންމެ 3 ކަނބަލުންނެވެ. އެއީ ރައީސް ޑރ. މުޢިއްޒުގެ ކޮއްކޮ ފާތިމަތު ސަޢުދާ އާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިންވެސް ކުރެއްވި އަސްމާ ރަޝީދު އާއި އަނާރާ ނަޢީމް އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން ސަރުކާރު ހިންގާ ޕާޓީއަށް މިލިބުނު ކާމިޔާބީއަކީ ރައީސް ޑރ. މުޢިއްޒު އާއި ސަރުކާރުގެ އިސްވެރިންނާއި ޕާޓީގެ ހަރަކާތްތެރި މެންބަރުން ކުރި ބުރަމަސައްކަތުގެ ފޮނި ނަތީޖާކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. ރައީސް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރައްވާ ދިވެހީންގެ ރާއްޖެއެއް ދިވެހީންނަށް ފުރިހަމައަށް ހޯދައިދިނުމަށް މަޖިލީހުގެ މެޖޯރިޓީގެ މުހިންމުކަން ތަކުރާރުކޮށް ވިދާޅުވެދެއްވާފައެވެ.

The post މަޖިލިސް އިންތިޚާބުން ސަރުކާރަށް ބޮޑު ކާމިޔާބެއް، ދިވެހީންގެ ރާއްޖެއަށް އިތުރު އުންމީދެއް! appeared first on XeeTimes.



More from XeeTimes