ވާހަކަ: ނޯޓްކޮޅު

Sat, 20 Apr 2024 10:54 AM

View on this article on XeeTimes

ވާހަކަ: ނޯޓްކޮޅު

އެއީ އަހަރެންގެ ސްކޫލް ދައުރެވެ. އެއްވެސް ޚިޔާލެއް ނެތި މައިންބަފައިންގެ އެހީގައި ކިޔެވުމާއިގެން ކުރިއަށް ދިޔައީމެވެ. ދިރިއުޅުމަކީ ކޮބައިކަން އަހަންނަކަށް ނުވެސް އެނގެއެވެ. ބޭނުންވާ ހުރިހާ ކަމެއް އަހަންނަށް ހުންނަނީ ފުދިފައެވެ. އަހަންނަކީ އަންހެން ކުއްޖެއް ނަމަވެސް އަހަރެންގެ މައިންބަފައިން ބޭނުންވީ އަހަންނަށް ރަނގަޅު ތައުލީމެއް ދޭށެވެ.



އަހަންނަކީ މާލެއަށް އުފަން މާލޭގެ ގެދޮރު ހުރި މަޔަކާއި ބަފައެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަހަރެން ކިޔަވަމުން އައީ ގިޔާސުއްދީން ސްކޫލްގައެވެ. ދިރިއުޅެމުންދާ ގެ ހުންނަނީ ހެންވެއިރުގައި ނަމަވެސް އަހަރެން ސްކޫލަށް ދަނީ އެކުވެރިންނާއި އެކުގައެވެ. އެއީ އަހަރެންގެ މައިންބަފައިން ވަރަށް އިތުބާރު ކުރާ ކުދިން ތަކެކެވެ. ތެދެކެވެ. އެކުދިން ދުވަހަކުވެސް ގޯސް ނަސޭހަތެއް ނުދެއެވެ. މަގުމަތީ ހިނގާފައިދާ އިރުވެސް އަބަދުވެސް އިސްދަށަށް ޖަހައިގެން ހިނގުމަކީ އަހަރެންގެ އާދައެކެވެ.

"ސަލާމް" ފަހަތުން މީހަކު ގޮވައިލި އަޑަށް އަހަރެން ފަހަތަށް ބަލައިލީމެވެ.

ފަހަތުގައި ހުރީ އަހަރެމެންގެ ގެ ކައިރީގައި އުޅޭ ފިރިހެން ކުއްޖެކެވެ. އަހަރެން ލައްބައޭ ބުނެ އަނެއްކާ ވެސް ހިނގައިގަތީމެވެ. ނަމަވެސް އަހަރެންގެ ގާތުގައި ތިބި ކުދިންނަކީ އެ ފިރިހެން ކުއްޖާގެ ރައްޓެހި ބައެކެވެ. އަހަރެން ހިނގައިގަތުމުން އެމީހުންނާއި ވާހަކަ ދައްކަމުން އެކުއްޖާ އަހަރެންގެ ގެއާއި ހިސާބަށް އައެވެ. އެކަމަށް އަހަރެން ސަމާލުކަމެއް ނުދެމެވެ. ނަމަވެސް އަހަރެން ބޭރަށް ނިކުންނަ ގިނަ ވަގުތު އެ ފިރިހެން ކުއްޖާ ގެކައިރިން ފެނެއެވެ. އެދުވަހުވެސް އަހަރެން އަނގައިންވެސް ނުބުނެ އައިސް ގެއަށް ވަނީ އެހެން ދުވަސް ދުވަހުވެސް ކަންތައް ކުރާ ގޮތުގެ މަތިންނެވެ.

ހޫނުކަން އެހާ ގަދައެއް ނޫނެވެ. މެންދުރުފަހަށް އެޅީމައި ކޮންމެވެސް ވަރަކަށް ހޫނުމަޑެވެ. ކޮންމެވެސް ވަރަކަށް މިއަދު ވާރޭ ވެހިފައި އޮތުމުންވެސް ހޫނުކަން މަޑެވެ. އަހަރެން އެހެން ދުވަހެކޭ އެއްގޮތަށް އަހަންނާއިއެކީ ދާ ކުދިން އަންނަންދެން ސްކޫލް ދޮރާށި ދޮށުގައި މަޑުކޮއްލީމެވެ. މިއަދު އަހަންނަށް ތަންކޮޅެއް ކުރިން ނިކުމެވުނީއެވެ. އަތުގައި އޮތް ފެންފުޅިން ފެންކޯވަރެއް ބޯލައިފީމެވެ. ދެވަނަ ފަހަރަށް ފެންކޯވަރެއް ބޯލަން ފުޅި އަނގައިގައި ޖެހިތަނުން އަހަރެންގެ ފޮތުގެ ތެރެއިން އެއްޗެއް ވެއްޓުނުހެން ހީވެގެން ބަލައިލީމެވެ. އާނއެކެވެ. ގަނޑު ކޮޅެކެވެ. ނޯޓެކެވެ. އެއީ އަހަރެންގެ އެއްޗެއް ނޫން ކަމަށް ނިންމި ނަމަވެސް އެ ގަނޑުކޮޅު ވެއްޓުނީ އަހަރެންގެ ފޮތުގެ ތެރެއިންނެވެ. އަހަރެން އެ ގަނޑުކޮޅު ނަގައި ބަލައިލީމެވެ. އޭގައި އޮތީ ކުޑަ ކުޑަ ނޯޓެކެވެ.

"ކީއްވެ ވާހަކަ ނުދައްކަނީ. މިއީ އިއްޔެ ދިމާވި ކުއްޖާ. އަހަރެންގެ ނަމަކީ ސަލީމް. ވަރަށް ވާހަކަ ދައްކަން ބޭނުން" އަހަރެން އެ ނޯޓްކޮޅު ބޮނޑިކޮއްލީމެވެ. އަހަރެން އަދި ކުއްޖަކާއި ރައްޓެހިވާ ވަރެއް ނުވާ ކަމަށް އަހަރެން ގަބޫލު ކުރަމެވެ. ނަމަވެސް އަހަރެންނަށް އެނޯޓާއި މެދު ވިސްނެން ފެށުނެވެ. އެ ނޯޓް ފޮނުވި ސަލީމްގެ ފަރާތުން ދުވަހަކުވެސް އަހަންނަށް އުނދަގުލެއް ނުލިބެއެވެ. އަދި އަހަރެން ފަހަތުން ދުވަހަކުވެސް ނާދެއެވެ. އަބަދުވެސް ފެންނަނީ ވަރަށް މަޑުމައިތިރި ހިތްހެޔޮ ސާދާ ގޮތެކެވެ.

"ކިހިނެއްވެފައި ތިހުރީ. ހާދަހާ ފިކުރު ބޮޑުވެފައިހެން ހީވޭ" އަހަންނާއި އެކު ގެއަށް ދާ އެކުވެރިން އަހައިލިއެވެ. އަހަރެން އެ ނޯޓްކޮޅު އެމީހުންގެ އަތަށް ދިނީމެވެ.

"ކިހިނެއް އަހަރެންގެ އަތަށް ތި ނޯޓް އައީ" އަހަރެން ބޭނުންވީ އަހަރެންގެ ފޮތުގެ ތެރެއަށް އެ ނޯޓް އައި ގޮތެކެވެ.

"އަހަރެން ލީ. ސަލީމްގެ އެދުމަށް. އެހެން ނޫނަސް އެއީ ކިހާ ރަނގަޅު ކުއްޖެއް. އަދި ވަރަށް ދޮން ކުއްޖެއްދޯ ސަލީމަކީ" އެތަނުން އައިޝާ ބުނެލިއެވެ. އަހަރެން އެއަކަށް ޖަވާބެއް ނުދެމެވެ. ހިނިގަނޑަކުން ނިންމައިލީމެވެ. އެމީހުންވެސް އެވާހަކައެއް އިތުރަކަށް ނުދައްކައެވެ. އެމީހުންނާއި އެކު އެދުވަހުވެސް ގެއަށް އައީއެވެ.

ރޭގަނޑު ބާރަ ޖެހިއިރުވެސް އަހަރެން އޮތީ ލޮލަށް ނިދި ނައިސްފައެވެ. ނަސީބަކުން ކުރިއަށް އޮތް ދުވަހަކީ ހުކުރު ދުވަހެވެ. ސްކޫލް ބަންދުވާނެއެވެ. އަހަންނަށް ހަމަ ވިސްނެނީއެވެ. ކިތަންމެ އަޚްލާގު ރަނގަޅުކަމަށް ބޭރުފުށުން ފެނުނު ނަމަވެސް އެތެރެ ވަރަށް ހަޑިވެދާނެވެ. ނިންމަންވީ ކިހިނެއްކަން އަހަންނަކަށް ނޭނގުނެވެ. ގޯސްކޮށް ނިންމައިފިއްޔާ އަހަރެންގެ މުޅި ދިރިއުޅުން އުމުރަށް ހަލާކުވާނެއެވެ. މީހެއްގެ ޚިޔާލެއް ހޯދާކަށްވެސް ނުކެރުނެވެ. އެމީހުން ނޫނެކޭ ބުނެ އަހަރެން ހިފަހައްޓަފާނެތީއެވެ. އަހަރެން ވިސްނާ ވިސްނާ ބޮލުގައި ރިއްސަންވެސް ފަށައިފިއެވެ. އެހެން އޮއްވައި ނިދުނު އިރެއް ނޭގެއެވެ. ހޭލެވުނީ މަންމަ ގޮވައިލީމައެވެ. ފުރަތަމަވެސް ލޯ ހުޅުވައިލާފަވެސް އަހަރެންގެ ސިކުނޑިއަށް އައީ ސަލީމެވެ. ނިންމަންވީ ގޮތެކެވެ. އަހަރެން ބޭނުންވީ ސަލީމް އާއި ބައްދަލު ކޮއްލާފައި ގޮތެއް ނިންމާށެވެ. ނަމަވެސް ސަލީމް އާއި ބައްދަލު ކުރުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. އެއީ މޮބައިލް ފޯނު ހުންނަ ދުވަސްވަރެއް ނޫނެވެ. އެހެން ވުމާއި އެކު އިތުރު އިންތިޒާރެއް ކުރަން ޖެހުނީއެވެ. ސްކޫލް ހުޅުވުނީމަ ނޫނީ ދެން ސަލީމަކާއި ދިމާ ނުވާނެއެވެ.

އަހަރެން އަވަދިނެތި އުޅުނީ މަންމައަށް އެހީތެރިވާށެވެ. ހުކުރު ދުވަހުގެ މެންދުރަށް ކެއްކުމުގައެވެ. އަހަންނާއި އެކު ގޭގައި އައިޝާ ކިޔާ ކުއްޖަކުވެސް އުޅުނެވެ. ބަދިގޭގައި ވަރަށް ބުރަކޮށް އުޅެނިކޮށް ގޭ ދޮރުގައި ބެލް ޖެހިއަޑަށް އަހަރެން ގޮސް ދޮރު ހުޅުވައިލީމެވެ. އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އަހަރެންގެ ކުރިމަތީގައި ހުރީ ސަލީމެވެ. އަހަރެންގެ ބަސް ހުއްޓުނެވެ.

"އައިޝާ އެބައުޅޭތަ" ސަލީމް އެހެން ބުނެލުމުން އަހަރެން ގޭތެރެއަށް ވަނީ އައިޝާ ހޯދައިލާށެވެ. ސަލީމަކީ އައިޝާގެ ރަށުގެ ކުއްޖެކެވެ.

އައިޝާގެ ގާތުގައި އެހެން ބުނެފައި އަހަރެން އަވަސްވެގަތީ ކުޑަ ނޯޓެއް ލިޔެލާށެވެ. އަދި އަވަސް އަވަހަށް ވަރަށް ސިއްރުން އައިޝާގެ އަތަށް އެ ނޯޓް ދިނީމެވެ. އައިޝާ ވަރަށް އަމާނާތްތެރިކަމާއި އެކު ސަލީމާއި ހަވާލު ކުރިއެވެ. އަހަރެން އެދުނީ ބައްދަލުކޮށް ވާހަކަ ދައްކައިލުމަށެވެ. އެކަމުގައި އައިޝާ މެދުވެރިއަކަށް ހެދުމަށްވެސް އެދުނީމެވެ.

އަހަރެމެން ވަރަށް އުނދަގުލުން އެއްކަލަ ނޯޓުން ވާހަކަ ދައްކަމުން ދިޔައީ އަހަރެންގެ މައިންބަފައިންނަށް ވަރަށްވެސް ސިއްރުންނެވެ. މިކަމުގައި އައިޝާގެ ކުޅަދާނަކަން ވަރަށް މޮޅެވެ. އަހަންނާއި ސަލީމްގެ ލޯބީގެ ގުޅުން ދުވަހެއް ދުވަހަކަށް ބަދަހިވަމުން ދިޔައެވެ. ނަމަވެސް ބައްދަލުކޮއްލާ ވާހަކަ ދައްކާލާނެ ރަނގަޅު ފުރުސަތެއް ނުލިބެއެވެ. ވާހަކަވެސް ދެއްކެނީ ނޯޓުންނެވެ. ނޯޓް ހަވާލު ކުރުމާއި ބަލައި ސަލީމް އަންނަނީ އައިޝާ ހޯދުމަށޭ ކިޔައިގެންނެވެ. އަހަރެމެންގެ ލޯބީގެ ދުނިޔޭގައި އުދުހެމުން ދަނިކޮށް ސަލީމް ގެއްލުނެވެ. އަހަރެން ވަރަށް ދެރަވިއެވެ. ސަލީމާއި ގުޅޭނެ އެއްވެސް ގޮތެއް ވޭތޯ ބެލީމެވެ. އެހުރިހާ ކަމެއްވީ ބޭކާރެވެ.

ސަލީމް ގެއްލުމާއި އެކު އަހަރެންގެ އެކަނިވި ހަޔާތަށް އިތުރު މީހެއް ގެންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަދި ކިޔެވުމަށް ކޮންމެވެސް ވަރަކަށް ހުރަސް އެޅުނު ނަމަވެސް ހިތްވަރު ކުރީމެވެ. އެގޮތުން ޓިއުޝަން ސެންޓަރަކަށް ދާން ފެށީ ރަނގަޅަށް ފިލާވަޅު ދަސްނުވާތީއެވެ. އަހަރެން ޓިއުޝަނަށް ދާންފެށިތާ އަހަރެއް ނުވަނީސް އަހަރެންގެ ގާތުން ކުއްޖަކު ރައްޓެހިވާން އަހައިފިއެވެ. އަހަރެން ނޫނެކޭ ބުނާކަށް ބޭނުމެއް ނުވިއެވެ. ކުރިން ލިބުނު ކަހަލަ ލަނޑެއް ލިބޭކަށްވެސް ބޭނުމެއް ނޫނެވެ. އަހަރެން ލޯ މަރާފައި އާނ ބަސް ބުނެފީމެވެ. ސްކޫލް ދައުރު ނިމުމާއި އެކު އަހަރެމެންގެ ކައިވެނި ކުރެވުނެވެ. މިހާރު އަހަންނަކީ ދެ ކުދިންގެ މަންމައެކެވެ. ލޯބިވާ ފިރިއެއްގެ އަންބެކެވެ. ނަމަވެސް އަހަރެން ބޭނުންވީ އިތުރަށް ކިޔަވާށެވެ. ވަޒީފާއަކަށް ދަމުންނެވެ. އަހަރެންގެ ދެކުދިންވެސް މިހާރު ސްކޫލް ނިމެން ގާތްވަނީއެވެ. އަހަރެން ބޭނުންވީ ޑިގްރީއެއް ހަދާށެވެ. އެގޮތުން އަހަރެން ބައިވެރިވި ކޯހުގެ ފުރަތަމަ ކްލާސް އޮތީ އޮންލައިން ކޮށެވެ. އަދި ޓީޗަރު ބޭނުންވީ ހުރިހާ ކުދިންވެސް ވީޑިއޯ ޖައްސައިގެން ތިބުމަށެވެ. އެގޮތުން ހުރިހާ ކުދިންވެސް ވީޑިއޯ ޖެއްސި ވަގުތު އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެ ކްލާހުގައި ސަލީމްވެސް އިނެވެ. އަހަރެންނަށް އުފަލުން ރޮވުނެވެ. ކްލާސް ނިންމާފައި ސަލީމް އަހަންނަށް ގުޅައި ހާލު ބެލިއެވެ. މިހާރު ސަލީމަކީވެސް އަހަރެން ގޮތަށް ދެކުދިންގެ ބައްޕައެކެވެ. އެގޮތަށް ސަލީމް ކަންތައް ކުރީ ކީއްވެތޯ އަހަރެން އެހީމެވެ. ސަލީމް ބުނީ ކުއްޖަކު ބުންޏޯ އަހަރެންގެ މައިންބަފައިން މި ގުޅުމަށް ހުރަސް އަޅާ ވާހަކައެވެ. އެހެން ވުމުން އަހަންނަށް ދެރައެއް ދޭން ބޭނުން ނުވާތީ އެގޮތަށް އަމަލު ކުރީ ކަމަށެވެ. އެކަމަކު އަދިވެސް އަހަރެމެން ވަރަށް ލޯބިވެއެވެ. ނަމަވެސް އެއިން މިހާރު ކުރާނެ ފައިދާއެއް ނެތެވެ. ނޯޓުކޮޅުން ދެއްކި ވާހަކަ ބޭކާރު ވީއެވެ.

= ނުނިމޭ =

The post ވާހަކަ: ނޯޓްކޮޅު appeared first on XeeTimes.



More from XeeTimes