ނުރަނގަޅުކަންތަކުގެ ވާހަކައާއި އެއްވަރަށް ކުރެވޭ ރަނގަޅު ކަންކަންވެސް ބަލައިގަނެ އެވާހަކަ ދައްކަންޖެހޭ!

Mon, 15 Apr 2024 04:45 PM

View on this article on XeeTimes

ނުރަނގަޅުކަންތަކުގެ ވާހަކައާއި އެއްވަރަށް ކުރެވޭ ރަނގަޅު ކަންކަންވެސް ބަލައިގަނެ އެވާހަކަ ދައްކަންޖެހޭ!

ބާރުއަޑެއް އިވިގެން ބަލާލިއިރު ނިރޮޅުމަގުން ދުއްވާފައިދިޔަ ސައިކަލެއް ގޯޅިއަކުން ނުކުތް ވޭނެއްގައިޖެހި އެކްސިޑެންޓްވީއެވެ. ބޯންއިން ކޮފީތަށި ދޫކޮށްލުމަށްފަހު އަވަސްވެގަތީ ވީގޮތެއް ބެލުމަށެވެ. އެތަނަށްދިޔައިރު މީހުން އެއްވެފައިއޮތެވެ. ގިނަމީހުން ތިބީ ފޯނުން ވީޑިއޯކުރުމާއި ފޮޓޯ ނެގުމުގައެވެ. ފެނުނީ ޒުވާނަކު ސީން ކޮންޓްރޯލްކުރި މަންޒަވެ. އެކްސިޑެންޓްވެ އަނިޔާ ލިބިފައިވާ 2 މީހުން ފެނުމުން  އެމްބިއުލާންސް އަށް ގުޅަން މަސައްކަތް ކުރަނިކޮށް އެހެން މީހަކު ގުޅިކަން އެނގުނެވެ. ސީން ކޮންޓްރޯލްކޮށް އެތަނުން މީހުން ދުރަށްޖައްސަމުންދިޔަ މީހާއަށް އެހީތެރިވުމުގައި އިތުރު ބަޔަކުވެސް ބައިވެރިވިތަން ފެނުނެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުންނާއި އެމްބިއުލާންސް އެތަނަށް އައެވެ. އަނިޔާވެފައިވާ 2 މީހުން އެމްބިއުލާންސް އަށް އެރުވުމުގައި ފެނުނީ ޕްރޮފެޝަނަލްކަމާއެކު އެބޭފުޅުން މަސައްކަތް ކުރިތަނެވެ. ދައްކަން މިއުޅޭ ވާހަކައަކީ ކުރިން މީހަކު އެކްސިޑެންޓްވުމުން އެމީހާ އަތްދަނޑިމައްޗަށް ލައިގެން އަވަސްފަރުވާ ދިނުމުގެ ބޭނުމުގައި ދުއްވައިގަންނަތަން މަދުންނަމަވެސް ފެނިފައިވުމެވެ. އެހެން ކަންތައްކުރުމުން އަނިޔާ ލިބިފައިވާ މީހާގެ އަނިޔާ އިހުނަށްވުރެން ގޯސްވެގެންދިއުމުގެ ފުރުސަތު އޮންނާތީއެވެ. ނަމަވެސް މިހާރު ގިނަމީހުންނަކީ އެފަދަކަންކަމަށް ލޯހުޅުވިފައިވާ މީހުންކަން އެނގެއެވެ.



މިޒަމާނުގައި ކޮންމެ މީހަކީވެސް ސްމާޓްފޯނެއް ގެންގުޅޭ މީހެކެވެ. މިފަދަ އެކްސިޑެންޓުތަކަށް 'އެޓެންޑުވާ' ރަސްމީ ހައިސިއްޔަތު އޮންނަ ފަރާތްތަކަށް ދަތިނުވާނެގޮތަކަށް ފޮޓޯ ނެގިދާނެއެވެ. އެކްސިޑެންޓް ހިގާވަގުތު ނަގާ ވީޑިއޯއާއި ފޮޓޯގެ ސަބަބުން ތަހުގީގަށް އެކަން ހިނގާފައިވާގޮތް ހޯދުމަށް ފަސޭހަވާނެއެވެ. ނަމަވެސް އެފަދަ މަންޒަރުތަށް މީސްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ފަތުރަންވާނީ އެމައްސަލައެއްގެ ބާވަތަށް ބަލައި އާންމުކުރަންޖެހޭކަމަށް އާދައިގެ އިންސާނެއްގެ ބުއްދިއަށް ގަބޫލުކުރެވި އެއިން އާއިލާއާއި ގާތްމީހުންނަށް އަސަރުނުކުރާ ނުވަތަ ގެއްލުމެއް ނުލިބޭފަދަ ގޮތަކަށެވެ. ސަބަބަކީ ނޭނގިތިބެ މީހަކަށް ގެއްލުމެއް ދެވިދާނެތީއެވެ. އެއްވެސްމީހަކު އެމީހަކު ލޯބިވާ މީހަކަށް ގެއްލުމެއް ލިބުމަށް ނޭދޭނެކަން ދަންނާށެވެ. މިފަދަ ކަންކަމުގައި މުޖުތަމައުގައި ދިރިއުޅޭ ފަރުދެއްގެ ހައިސިއްޔަތުން ޒިންމާ އަދާކުރާށެވެ. އެހެންމީހުންނަށް އެހީތެރިވުމުގައި ދެމިހުންނާށެވެ. ކުރެވޭ ރަނގަޅުކަންކަމަށް ހިތްވަރުދީ މުޖުތަމައުގެ ސަލާމަތްތެރިކަމަށް މަގުފަހިވާގޮތަކަށް އަމަލު ބައްޓަންކުރާ ބަޔަކަށްވުމުން މުޖުތަމައަށް އެއިންކުރާނީ ފައިދާއެވެ. ގިނަގިނައިން ދައްކަންވީ ރަނގަޅުކަންކަމުގެ ވާހަކައެވެ.

The post ނުރަނގަޅުކަންތަކުގެ ވާހަކައާއި އެއްވަރަށް ކުރެވޭ ރަނގަޅު ކަންކަންވެސް ބަލައިގަނެ އެވާހަކަ ދައްކަންޖެހޭ! appeared first on XeeTimes.



More from XeeTimes