އާހިލް މިކިޔައިދެނީ އޯލެވެލް އިން ރަނގަޅު ނަތީޖާ ހޯދުމަށް މަސައްކަތްކުރި ގޮތް!

Tue, 30 May 2023 08:52 AM

View on this article on XeeTimes

އާހިލް މިކިޔައިދެނީ އޯލެވެލް އިން ރަނގަޅު ނަތީޖާ ހޯދުމަށް މަސައްކަތްކުރި ގޮތް!

ބ. އޭދަފުށީ ޕެންޓްލޭންޑް އާހިލް ބިން މުހައްމަދު ވަޖީހު އަކީ ތަޢުލީމީ ގޮތުން ފާހަގަކޮށްލެވޭ ދަރިވަރެކެވެ. ގްރޭޑް 1 އިން 7 އަށް ތަޢުލީމް ހާސިލުކުރީ ތާޖުއްދީން ސްކޫލުގަ އެވެ. އެއަށްފަހު ގުރޭޑް 8 އިން 10 އަށް ކިޔެވީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައެވެ. އޯލެވެލްގެ ޓޮޕް 10 ގައި ހިމެނުނު އާހިލް އަށް ވަނީ 3 މާއްދާއިން 'އޭ ސްޓަރ' ލިބިފައެވެ. އަދި 3 މާއްދާއިން 'އޭ' ލިބުނުއިރު އިސްލާމް، ދިވެހި މި ދެ މާއްދާއިން ލިބުނީ 'ބީ' އެވެ. އާހިލް ފާހަގަކުރި ގޮތުގައި އިސްލާމް، ދިވެހިން ރަނގަޅު ނަތީޖާ ހޯދުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހެއެވެ. "އެކަމަކު ރަނގަޅު ނަތީޖާއެއް ހޯދަން އުދަގޫ. ހީވަނީ ދިވެހި މާއްދާގެ 'މާކިން ކްރައިޓީރިއާ' މަތީހެން". އާހިލް ދެކޭގޮތް ކިޔައިދިނެވެ.



ނަތީޖާ ރަނގަޅު ކުރަން ކުރި މަސައްކަތް

ނަތީޖާ ރަނގަޅު ކުރުމަށް އާހިލް ކުރި މަސައްކަތަކީ ކޮބައިތޯ ބަލައިލީމެވެ. " ބުރަކޮށް ކިޔެވުމުގައި މަސައްކަތް ކުރިން. ގަޑިތައް ބަހާލައިގެން ފިލާވަޅުތައް މުތާލިޔާ ކުރީ. ސްކޫލުން ވަރަށް އެހީތެރިވި. މިގޮތުން އެކްސްޓްރާ ކުލާސްތަކުގައި ބައިވެރިވިން. އެންމެ ދަސްކުރަން ފަސޭހައީ ފަތިސް ނަމާދުކޮށްގެން ސްކޫލަށް ދާން އޮންނަ ވަގުތުކޮޅުގައި ކިޔެވުމުން. ވަކި ތާވަލަކަށް ގަޑިތައް ބަހާލައިގެން ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރީ" އާހިލް މައުލޫމާތު ދިނެވެ.

Advertisement

ފިލާވަޅު ދަސްކުރުމުގައި އެކިކުދިން ގެންގުޅެނީ އެކި ގޮތްތަކެވެ. އާހިލް އަށް ފިލާވަޅު ދަސްކުރަން އެންމެ ފަސޭހައީ އެކަނި ހުރެއެވެ. އޮޅުންއަރާ ފިލާވަޅުތައް އިތުރަށް ދަސްކުރަނީ ގްރޫޕް ސްޓަޑީ ހަދައިގެންނެވެ.

" އެއްކުއްޖަކަށް އެނގޭ ފިލާވަޅު އަނެއްކުއްޖަކަށް ބުނެދީ ހެދުމުން ހަނދާނުގައި ފަސޭހައިން ހަރުލާގޮތް ހުރޭ. ދެން ނޭނގޭ ބައިތައް މުދައްރިސުންގާތުން އޮޅުންފިލުވަން. ކުރު ނޯޓްސް ލިޔެގެން ވަކި ފޮތެއްގައި ގެންގުޅުނީ. އެއިރުން މުތާލިޔާ ކުރާ ކޮންމެފަހަރަކު މުޅި ފޮތް ކިޔާކަށް ނުޖެހޭ" އާހިލް މި ބުނެދިނީ ފަސޭހައިން ފިލާވަޅު ދަސްކުރެވިދާނެ ގޮތްތަކެކެވެ.

އާހިލް މަންމައާއި ބައްޕައާއެކު

އިތުރު ހަރަކާތް

އާހިލްގެ މަންމަ ޔަޝްފާ އަބްދުލް ޢަނީ އަކީ ސްކޫލު ދުވަސްވަރު އަދަބީގޮތުން ފާހަގަކޮށްލެވޭ ދަރިވަރެކެވެ. އަދި ބައްޕަ މުހައްމަދު ވަޖީހު އަކީ ތަޢުލީމް އުނގަންނައި ދިނުމުގައި އެތައް އަހަރެއް ހޭދަކުރަމުން އަންނަ ފާހަގަކޮށްލެވޭ މުދައްރިސެކެވެ. އާހިލް އަކީ ވެސް އަދަބީ ހަރަކާތްތަކުގައި ބައިވެރިވި ދަރިވަރެކެވެ.

" ސްކޫލުގައި އޮންނަ އަދަބީ މުބާރާތްތަކުގައި ބައިވެރިވިން. އެގޮތުން ފާރުނޫސް، ބަނދިކިއުން، ރައިވަރުކިއުން ފަދަ ދިވެހި އަދަބިއްޔާތާ ގުޅުން ހުރި ހަރަކާތްތަކުން ވަނަތައް ލިބިފައިވޭ. ރާޒުވާ އަކީ ކޮންމެ އަހަރެއްގައި ބައިވެރިވާ ކުޅިވަރެއް. އިންޓަރ ސްކޫލް މުބާރާތުގައިވެސް ބައިވެރިން. ސްކޫލުގައި ރާވާހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ އިތުރުން ސްކޫލް ޕްރިފެކްޓްގެ މަގާމުގައި ގްރޭޑް 9 އަދި 10 ގައި އުޅުނިން. ސްކޫލުގެ އިންޓަރ ހައުސް ހަރަކާތްތަކުގައި އިސްކޮށް އުޅުނިން" އާހިލް މައުލޫމާތު ދިނެވެ.

ކުރިމަގަށް ކުރާ އުންމީދު

ކުރިމަގުގައި އާހިލް ކިޔަވަން ބޭނުން ވަނީ ބިޒްނަސް އެންޑް އިކޮނޮމިކްސް ދާއިރާއިންނެވެ. ދުނިޔޭގެ އިކޮނޮމީގެ ޕޮލިސީސްތަކާއި ޓެކްސްގެ ނިޒާމާއި ގުޅޭ ދާއިރާތަކުން ރަނގަޅު ޔުނިވާސިޓީއަކުން މަތީ ތަޢުލީމް ހާސިލުކޮށް އަމިއްލަ ނަފްސަށާއި އާއިލާއަށް އަދި ޤައުމަށް ފައިދާހުރި މަސައްކަތެއްކޮށް މައިންބަފައިން ފަޚުރުވެރިވާފަދަ ކުއްޖަކަށް ވާން ބޭނުންވެއެވެ.

ޝުކުރު

" އެންމެ ފުރަތަމަ ޝުކުރު އަދާކުރަނީ މާތް ﷲ އަށް. އެއީ އަޅުގަނޑުގެ ކޮންމެ ކާމިޔާބަކަށް މަގުފަހިކޮށްދެއްވި އިލާހް. ދެން މަންމައާއި ބައްޕައަށް. އެއީ ހެޔޮގޮތް ބުނެދެއްވާ ކިޔެވުމަށް ނަސޭހަތް ދެއްވާ އަޅުގަނޑުގެ ކިޔެވުން ވަރަށް ގާތުން ބެއްލެވި ކޮންމެ ދަރިއަކުވެސް އެ މަންމައާއި ބައްޕައަކަށް ފަހުރުވެރިވާނެ ފަދަ މަންމައަކާއި ބައްޕައެއް. އަހްމަދިއްޔާ ސްކޫލް މެނޭޖްމަންޓާއި މުދައްރިސުންނަކީ އަޅުގަނޑުގެ ތަޢުލީމީ ހަޔާތުގައި އަގުނުކުރެވޭނެ އެހީތެރިކަމެއް ދެއްވި ފަރާތްތަކެއް. އަދި ރަހްމަތްތެރިންނަކީވެސް މި ކާމިޔާބަށް ވާސިލުވުމަށް އެހީތެރިވީ ބައެއްކަން ޔަގީން" އިންޓަވިއު ނިންމާލަމުން ފާހަގަކުރި އެވެ.

'ޒީޓައިމްސް' އިން އެދެނީ އާހިލް އަށް އިތުރު ކާމިޔާބީ މިންވަރު ކުރެއްވުމެވެ.

މިލިޔުން ކިޔާލުމުން
+1
1
+1
7
+1
4
+1
1
+1
0
+1
1
+1
1


More from XeeTimes