ކުރާނެ މަސައްކަތެއް އޮވެފައި އެމީހެއްގެ ހަށިގަނޑުގައި ވަރުހުރިނަމަ، ޒަކާތް ލިބިގަތުން ހުއްދަ ނުވާނެ!

Fri, 26 Apr 2024 03:49 PM

View on this article on XeeTimes

ކުރާނެ މަސައްކަތެއް އޮވެފައި އެމީހެއްގެ ހަށިގަނޑުގައި ވަރުހުރިނަމަ، ޒަކާތް ލިބިގަތުން ހުއްދަ ނުވާނެ!

ޢިލްމުވެރިން ވިދާޅުވާގޮތުގައި މުދަލުގެ ޙައްޤަކީ އެ މުދަލުން ޒަކާތް ދިނުމެވެ. ތިމާގެ އަތުގައި ރައްކާކޮށް ޚަޒާނާކޮށްފައި ބަހައްޓާ މުދަލުގައި އެ މުދަލުން ޒަކާތް ނެރެންޖެހޭ ޝަރުތުތައް ހަމަވާނަމަ، އެއިން ޒަކާތް ދައްކަން ޖެހޭނެއެވެ. އެ ޝަރުތުތަކަކީ މުދާ ފުރިހަމައަށް މިލްކުވުމާއި، މުދަލުގައި ނިޞާބު ހަމަވުމާއި، ނިޞާބު ހަމަވިތާ ހަނދުމަހުން އެއް އަހަރު ފުރުމެވެ.



އިސްލާމްދީނުގައި ޒަކާތް ފަރުޟުކުރެއްވީ ހަމައެކަނި ފަޤީރު މީހާގެ ޙާޖަތްތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމަށްފަހު އޭނާ މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލުމުގެ މަޤްސަދުގައެއް ނޫނެވެ. އެކަމަކު ޒަކާތުގެ ނިޒާމަކީ މުޅި މުޖުތަމަޢުން ފަޤީރުކަން ނައްތައިލުން ކަށަވަރުކޮށްދޭ ނިޒާމެކެވެ. ފަޤީރުންނާއި މިސްކީނުންގެ ނިކަމެތި ހާލަތުން އަރައިގަނެ އެބައިމީހުންނަކީ ފުދުންތެރި ބަޔަކަށް ހަދައިދީގެންނެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި ޒަކާތުގެ މަޤްސަދަކީ އޭގެ ހައްޤުވެރިންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުމެވެ.

ޒަކާތަކީ ދައުލަތާއި ފަރުދުންނާ ދެމެދު އޮންނަ ގުޅުމެކެވެ. ތަނަވަސްކަމުގެ އަހުލުވެރިންގެ ރައުސުލްމާލުން އުނިކޮށް ދައުލަތަށް ނަގަންޖެހޭ އެއްޗެކެވެ. ފަޤީރުންނާއި މިސްކީނުންނާއި ދަރަނިވެރިންނާއި އަލަށް އިސްލާމްވާ މީހުންނާއި ދަތުރުމަތީގައި ހާލުގައިޖެހޭ މީހުންނާއި އަދި މިނޫނަސް ޒަކާތުގެ ހައްޤުވެރިންގެ ގޮތުގައި ޤުރްއާނުގައި ކަނޑައަޅުއްވާފައިވާ ފަރާތްތަކުގެ ލާބަޔަށްޓަކައި ހޭދަކުރަންޖެހޭ އެއްޗެކެވެ.

ޒަކާތް ދެއްކުމުގެ ސަބަބުން އިޤްތިސާދުގައި ދައުރުކުރާ ފައިސާ އިތުރުވެ އިޤްތިސާދަށް އަންނަ ލޮޅުންތަކުން ސަލާމަތްކޮށްދީ ހަމައަކަށް އަޅުވައިދެއެވެ. ފަރުދުންގެ ކިބައިގައި ތަނަވަސްކަން އިތުރުވެ ވިޔަފާރީގެ މުއާމަލާތްތައް އިތުރުވެއެވެ. މިގޮތުން އިޤްތިސާދީ ހީނަރުކަމުގެ ދުވަސްވަރުވެސް މުދާ ގަންނަ ފަރާތްތަކުން މުދާ ގަތުމަށް ބޭނުންވާ މިންވަރު އިތުރުވެ، އަޑިގުޑަންތަކުން އިޤްތިސާދު ސަލާމަތްވުމަށް މަގުފަހިވެއެވެ.

ޒަކާތުގެ ޝަރުޢީ މަޤްސަދުތައް ހާސިލުކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރިން، އެބައިމީހުންގެ މައްޗަށް މާތްﷲ ފަރުޟު ކުރައްވާފައިވާ މުދަލު ޒަކާތް އަދާކޮށްގެންނެވެ. މުސްލިމް އިންސާނަކު، އޭނާ މާދަމާ ކާނީ ކޮން އެއްޗެއްތޯއާއި ނުވަތަ އުނުއޮރިޔާން ނިވައިކުރާނީ ކިހިނެއްތޯއާއި ބޭސްފަރުވާކުރާނީ ކިހިނެއް ކަމާމެދު ވިސްނައި ފިކުރުކޮށް ގޮތްހުސްވެ، އޭނާގެ ހިތަށް ކުރާ އަސަރާއި އަޅާވޭނުން އޭނާ ސަލާމަތްކޮށްދިނުމަކީ ކޮންފަދަ މަތިވެރިކަމެއް ހެއްޔެވެ!

އިސްލާމްދީން ބާރުއަޅަނީ ހަލާލު ގޮތުގައި މަސައްކަތްކޮށްގެން ރިޒުޤު ހޯދުމަށެވެ. ކުރާނޭ މަސައްކަތެއް އޮވެފައި އެ މީހެއްގެ ހަށިގަނޑުގައި ވަރުހުރިނަމަ، އެފަދަ މީހަކު ޒަކާތް ލިބިގަތުން ހުއްދަ ނުވާނެކަމަށް ކީރިތި ރަސޫލާ ﷺ ވަނީ އަންގަވާފައެވެ.

މައުލޫމާތު: ހުކުރު ޚުޠުބާ

The post ކުރާނެ މަސައްކަތެއް އޮވެފައި އެމީހެއްގެ ހަށިގަނޑުގައި ވަރުހުރިނަމަ، ޒަކާތް ލިބިގަތުން ހުއްދަ ނުވާނެ! appeared first on XeeTimes.



More from XeeTimes