އެކްސިޑެންޓްތައް ގިނަވެ ރައްކާތެރިކަމާއެކު ގެއަށް އާދެވޭނެކަމުގެ ޔަގީންކަމެއް ނެތް!

Sun, 28 May 2023 11:08 AM

View on this article on XeeTimes

އެކްސިޑެންޓްތައް ގިނަވެ ރައްކާތެރިކަމާއެކު ގެއަށް އާދެވޭނެކަމުގެ ޔަގީންކަމެއް ނެތް!

މާލެއާއި ހުޅުމާލެ ގުޅިފައިވާ ބްރިޖުގެ އިތުރަށް ހުޅުމާލޭގެ މަގުތަކުގައި ހިނގަމުންދާ އެކްސިޑެންޓްތައް ދުވަހެއް ދުވަހަކަށް މިދަނީ ގިނަވަމުންނެވެ.



ވޭތުވެދިޔަ މަހެއްހާ ދުވަހުގެތެރޭގައި ވެސް ވަނީ އެކްސިޑެންޓްގެ ސަބަބުން 2 މީހަކު މަރުވެފައެވެ. މީގެތެރޭގައި ހިމެނެނީ ހުޅުމާލޭގެ ނިރޮޅުމަގުގައި ޕިކަޕަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓާއި، މާލެއިން ހުޅުމާލެއަށް އަންނަ ހައިވޭގައި ސައިކަލެއް ޕިކަޕެއްގައި ޖެހި ހިނގި އެކްސިޑެންޓް އެވެ. 

އަދި ހުޅުމާލޭގެ އިންޑަސްޓްރިއަލް ޒޯން ކައިރިން ދުއްވާފަ ދިޔަ ޓްރަކެއް ފުރޮޅާލައިގެން ހިނގި އެކްސިޑެންޓްގެ އިތުރަށް ވޭތުވެދިޔަ ހަފްތާގައި ވަނީ ޕިކަޕަކާއި ސައިކަލެއްޖެހިގެން އިތުރު އެކްސިޑެންޓެއްވެސް ހިނގާ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

Advertisement

ފަރުދީ ޒިންމާ ކޮބާ؟

ބްރިޖާއި ބޮޑެތި މަގުތަކުގައި ބާރު ސްޕީޑުގައި ދުއްވާ މީހުން އެހެން މީހުންގެ ރައްކާތެރިކަމަށް ބެލުމެއް ނޯވެއެވެ. ދުއްވަން އޮންނަ ބާރުމިނަށްވުރެ ބާރަށް އެހެން މީހުންނަށް ނުރައްކާވާ ގޮތަށް ބުރިޖުގައި ދުއްވާ މީހުން ވަގުތުން ވަގުތަށް ހުއްޓުވާތަނެއް ނުފެނެއެވެ. އެބަޔަކު ހިތަށް އެރި ގޮތަކަށް ދުއްވާތަނެއްގެ ގޮތުގައި މިވަނީ ވެފައެވެ.

އެއްގަމު އުޅަނދު ދުއްވަމުން ފޯނާއިކުޅުންވެސް މިވަނީ އާންމުކަމަކަށް ވެފައެވެ. 'ޒީޓައިމްސް' އަށް ވަނީ މިފަދަ ވީޑިއޯއެއް ލިބިފައެވެ. އެ ވީޑިއޯ އިން ފެންނަގޮތުގައި ކާރު ދުއްވަންއިން މީހާ ބުރިޖުގައި ދުއްވަމުން ދިޔައީ ފޯނާއި ކުޅެމުންނެވެ. އެކްސިޑެންޓެއް ހިނގައިފާނެ ކަމުގެ އެއްވެސް ޖެހިލުމެއް ނުވެއެވެ.

ސައިކަލުން ޕެޓްރޯލް ހުސްވެގެން ބުރިޖުގައި މަޑުކޮށްގެން ތިބޭ މީހުންގެ އަދަދުވެސް ދަނީ ގިނަވަމުންނެވެ. މިދިޔަ ހަފްތާގައި މިފަދަ ދެމީހުންނާއި ދިމާވި މީހަކު ކިޔައިދިނެވެ.

" އަހަރެން ދިޔައީ ހުޅުމާލެއިން މާލެ ދިއުމަށް. އުމުރުން ދުވަސްވީ މީހަކު ގޮވާތީ މަޑުކުރީ. އެވަގުތު އެމީހާ ހުރީ ބުރިޖުގައި ސައިކަލު ހުއްޓިގެން. ދެން އެމީހާ ގޮވައިގެން މާލެ ގޮސް ޕެޓްރޯލް ގަނެގެން ފުޅިއަކަށް އަޅައިގެން އަނެއްކާ ހުޅުމާލެ އައިސް ސައިކަލާއި ހަމައަށް އެމީހާ ގެންގޮސްދިނިން". ދިގުދަތުރެއް ކުރާއިރު ޕެޓްރޯލް ހުރިތޯ ޔަގީން ކުރަން އެބަޖެހެއެވެ.

ބާރު ސްޕީޑުގައި ދުއްވާފައިދާއިރު ކުއްލިއަކަށް ދުއްވަމުންދިޔަ އުޅަނދު ހުއްޓިގެން ދިމާވެދާނެ އެކްސިޑެންޓަކަށްވެސް ވިސްނަން އެބަޖެހެއެވެ. އެކްސިޑެންޓްތައް މަދުކުރުމަށް ފަރުދީ ޒިންމާ އަދާކުރެވިދާނެއެވެ.

އަމިއްލަ ރައްކާތެރިކަމަށް ވިސްނަމާ!

ގިނަ އުޅަނދުތަކެއް ދުއްވާ ބާރުބޮޑު މަގުތަކުގައި ދުއްވާއިރު އެދުއްވަން އޮންނަ ބާރުމިނުގައި ދުއްވުމަށް އިސްކަންދޭށެވެ. އަދި ދެ އުޅަނދު ދެމެދުގައި ބަހައްޓަންޖެހޭ ދުރުމިން ބަހައްޓާށެވެ. ގަވާއިދާއި ޚިލާފަށް ދުއްވާ އުޅަނދުގެ މައުލޫމާތު ފުލުހުންނާއި ހިއްސާކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. 

ވޭތުވެދިޔަ 1 އަހަރު ހިނގި އެކްސިޑެންޓްތައް ހިނގަން މެދުވެރިވި ބައެއް ސަބަބުތައް:

  • ބާރު ސްޕީޑުގައި ދުއްވާފައިދާ ކާރު ކޮންޓްރޯލުން ނެއްޓިގެން
  • ކާރު ފުރޮޅާލައިގެން
  • ބާރު ސްޕީޑުގައި ދުއްވާ ޕިކަޕުން ޖެހިގެން
  • ލައިޓް ޕޯސްޓްގައި ޖެހިގެން
  • ހައިވޭ ފެންސުގައި ޖެހިގެން
  • ސައިކަލާއި ޓްރަކް ޖެހިގެން
  • ބަހެއްގައި ކާރެއް ނުވަތަ ސައިކަލެއް ޖެހިގެން

މަގުތައް ހަނިވެފަ ވަރަށް އަނދިރި

ހައިވޭގެ ބައެއްސަރަހައްދުތަކާއި ބޮޑެތި ބައެއް މަގުތައް ވަރަށް އަނދިރިކޮށް އޮންނަ މަންޒަރު ފެނެއެވެ. އަނދިރިވުމުން ވެސް ދުއްވަން އުނދަގޫވާފަހަރު އާދެއެވެ. އަދި ހުޅުމާލޭގެ ދެވަނަފިޔަވަހީގެ ދެކޮޅަށް ދުއްވާ މަގުތަކުގައި އެކަށީގެންވާ ޖާގައެއް ނެތްކަން ފާހަގަކުރެވެއެވެ. 

އެކްސިޑެންޓްވެފައިވާ ކާރެއް ކައިރީގައި ފުލުހަކު ހަރަކާތްތެރިވަނީ

އެކްސިޑެންޓް މަދުކުރުމަށް ފުލުހުން ކުރަނީ ކޮންކަމެއް؟

ހުޅުމާލެއާއި މާލޭގެ މަގުތަކުގެ ޓްރެފިކް ބެލެހެއްޓުމަށް ބައެއްފަހަރު ފުލުހުން ހަރަކާތްތެރިވާތަން އެބަފެނެއެވެ. އެހެންނަމަވެސް ދާއިމީކޮށް މިމަންޒަރެއް ނުފެނެއެވެ. ބޮޑެތި މަގުތަކުގައި ފުލުހުން ދާއިމީކޮށް ތިބެގެން ނަމަވެސް އެކްސިޑެންޓްތައް މަދުކުރުމަށް ކުރެވެންހުރި މަސައްކަތެއް ކުރަން އެބަޖެހެއެވެ. ގަވާއިދާއި ޚިލާފަށް ދުއްވާ މީހުންނާއިމެދު ފިޔަވަޅު އަޅަން އެބަޖެހެއެވެ. މިފަދަ މީހުންގެ ސަބަބުން ކުށެއްނެތް އެތައް ބައެއްގެ ފުރާނަ ގެއްލި ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު މަގުތަކުގައި ދުއްވުން މިވަނީ ބިރުވެރިކަމަކަށް ވެފައެވެ. އެނބުރި ސަލާމަތުން ގެއާއި ހަމައަށް އާދެވޭނެ ކަމުގެ ޔަގީންކަމެއް ނޯވެއެވެ.

ފުލުހުންގެ ވެބްސައިޓްގައި ފާހަގަކޮށްފައިވާ ގޮތުގައި މިއަހަރުގެތެރޭގައި 831 އެކްސިޑެންޓް ވަނީ ހިނގާފައެވެ. އެކްސިޑެންޓްތައް މަދުކުރުމަށް ކުރެވެންހުރި މަސައްކަތެއް ކުރަން މިވަނީ ޖެހިފައެވެ. 

ނޯޓް: އެކްސިޑެންޓްތައް މަދުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތަފްސީލް ހޯދުމަށް 'ޒީޓައިމްސް' އިން ވާނީ ފުލުހުންގެ މުއައްސަސާގައި އެދިފައެވެ. ތަފްސީލް ލިބުމުން އެމައުލޫމާތު ހިއްސާކުރާނަމެވެ.

މިލިޔުން ކިޔާލުމުން
+1
0
+1
1
+1
2
+1
0
+1
0
+1
2
+1
0


More from XeeTimes