ވަކިވީ އަސަރާއި މަންޒަރު (ހަތަރުވަނަބައި)

Sat, 27 May 2023 08:27 AM

View on this article on XeeTimes

ވަކިވީ އަސަރާއި މަންޒަރު (ހަތަރުވަނަބައި)

އުފާވެރި ދުވަސްތަކަކަށްފަހު އަލީފާމެންގެ ރަށުން އަހަރެމެން ފުރާ ދުވަސް ޖެހުނީއެވެ. އަހަރެން ދިރިއުޅެމުންދާ މާލެއަށެވެ. އަހަރެން އަލީފާމެންގެ ރަށަށް ދިޔައީ މާލެއިން ދިރިއުޅޭނެ ތަނެއް ކުއްޔަށް ހިފާފައެވެ. އަދި އެނބުރި މާލެ އައިސް ކުރާނެ އެއްވެސް ކަމެއް ނުބަހައްޓަމެވެ. ހުރިހާ ކަމެއް ނިންމާފައި ދިޔުމުން ވީ ފަސޭހަ އިހުސާސްވީ މާލެ އާދެވުމުންނެވެ. މާލެ އައިސް އަލީފާ ބަދަލުވީ ޕްރައިވެޓް އޮފީހަކަށެވެ. މާލެ އައުމާއެކު ދެމީހުންވެސް ލަސްނުކޮށް ވަޒީފާއަށް ނިކުތީމެވެ. ޗުއްޓީ އެއްކޮށް ހުސްކޮއްލަން ބޭނުން ނުވާތީއެވެ. އަލީފާ ވަޒީފާއަށް ދާން ޖެހެނީ ޝިފްޓް ޑިއުޓީ އަދާކުރާ ތަނަކަށް ވުމުން އެކި ދުވަހު އޮފީހަށް ދާން ޖެހޭނީ އެކި ގަޑީގައެވެ. އަހަރެން ސަރުކާރުގެ ވަޒީފާ އަދާކުރާތީ ދާން ޖެހެނީ ހަމަ އެކަނި ހެނދުނު ގަޑީގައެވެ. ނަމަވެސް ދެމީހުންވެސް އަބަދުވެސް އެކަކު އަނެކަކަށް ވަގުތު ދެމެވެ. ބޭރަށްވެސް ދެމީހުން އެކީގައި ނޫނީ ނުދަމެވެ.

ރޭގަނޑުގެ ކެއުމަށް އަހަރެމެން ރެސްޓޯރަންޓަކަށް ދިޔަ ރެއެކެވެ. އެކި ވާހަކަ ދެއްކުމުގެ ތެރޭގައި އަހަރެން ސުވާލެއް ކޮއްލީމެވެ.

"ދުވަހަކުވެސް ފޮޓޯ ނުނަގަންތަ" އަލީފާ ފޮޓޯ އަލްބަމެއް ނުގެންގުޅޭތީ ސުވާލު ކޮއްލީމެވެ.

"އާން. ނުގެންގުޅެން. ކީއްކުރަން" އަލީފާ ސުވާލު ކޮއްލިއެވެ.

އެކަމަކުވެސް އަހަރެންގެ ހިތް އެކަމަކަށް އެއްބަހެއް ނުވެވުނެވެ. ކޮންމެވެސް ގޮތަކަށް އެއީ ތެދެއްތޯ ބަލާނަމޭ ހިތަށް އެރިއެވެ. އަހަރެން އަލީފާގެ ކޮއްކޮއަށް ގުޅީމެވެ. ސިއްރުންނެވެ. އަލީފާގެ އަލްބަމް ފޮނުވައިދޭތޯއެވެ. ހޯދާލާފައި އަންގާލާނެ ކަމަށް އަލީފާގެ ކޮއްކޮ ބުންޏެވެ. އަހަރެން މިވެގެން އުޅޭ ގޮތެއް ނުބުނަމެވެ. މާ ގިނައިރެއް ނުވަނީސް އަލީފާގެ ކޮއްކޮ ގުޅިއެވެ. އަލްބަމް އެބައޮތް ކަމަށް ބުންޏެވެ. އަލްބަމް ފޮނުވަންވީމަ ގުޅާލާނަމޭ ބުނެލީމެވެ. އަދި އަލީފާ ގާތުގައި އެވާހަކަ ބުނުމުން އެކަމާއި އަލީފާ ހިތްހަމަނުޖެހުނެވެ. ނަމަވެސް އަހަރެން މިއީ އަލީފާގެ ފިރިމީހާއަށް ވުމުން ސިއްރު ކުރަންވީ ކޮން ކަމެއްތޯ ސުވާލު ކުރީމެވެ. އެއްވެސް ޖަވާބެއް ނުލިބުނެވެ.

އީދު ބަންދަށް ރަށް ރަށަށް މީހުން ފުރަފުރައިގެން ދަނީއެވެ. އެކަމަކު އަހަރެންނަށް އޮފީހުން ޗުއްޓީއެއް ނުލިބޭތީ މާލޭގައި މަޑުކުރަން ޖެހުނީއެވެ. ނަމަވެސް އެ ޗުއްޓީގައި އަލީފާ ރަށަށް ދާން ބޭނުންވާތީ އެކަމަށް އަހަރެން ހުއްދަ ދިނީމެވެ. އަލީފާގެ އުފަލަށްޓަކައެވެ. އާއިލާގެ މީހުންގެ ގާތަށް އަލީފާ ދާން ބޭނުންވާނެތީއެވެ. އަލީފާ ހުރީ ވަރަށް އުފަލުންނެވެ. އަހަރެން އެކަނި މާލޭގައި ބަހައްޓާފައި ދާކަށް އެއްވެސް ކަހަލަ ޖެހިލުމެއްނެތި ރަށަށް ދާން ތައްޔާރުވަމުން ދިޔައެވެ. ހެނދުނު އަހަރެން އޮފީހަށް ދިޔައީ އަލީފާ ދަތުރަށް ބޭނުންވާނެ ހުރިހާ އެއްޗެއް ގަނެދީފައެވެ. ފުރަން އޮތީ ހަވީރުގެ ވަގުތެއް ކަމުން އެ ގަޑިއަށް އަހަރެންނަށް ގެއަށް އާދެވޭނެތީ އޮފީހަށް ދިޔައީއެވެ. ނަމަވެސް މެންދުރުވާން އުޅެނިކޮށް އަހަރެންނަށް ލިބުނީ އުފާވެރި ޚަބަރެކެވެ. ޗުއްޓީ ހަމަޖެހުނު ވާހަކައެވެ. އަހަރެންނަށް އުފަލުން ދުއްވައިގެނެވުނެވެ. އަލީފާ އާއި އެކު ރަށަށް ދެވޭތީއެވެ. އަލީފާއަށް ހުއްދަ ދިނަސް އެކަނި ރަށުން ބޭރަށް ފޮނުވާކަށް އަހަރެންގެ ހިތް ނޭދެއެވެ. އަހަރެން އަވަހަށް ގެއަށް އައިސް އެވާހަކަ އަލީފާގެ ގާތުގައި ބުނެލީމެވެ. އަލީފާވެސް އުފަލުން އައިސް އަހަރެންގެ ގައިގައި ބައްދައިލިއެވެ.

ހަވީރު ހަތަރެއް ޖެހިއިރު ލޯންޗުން އަހަރެމެން އަލީފާމެންގެ ރަށަށް ދާން ފުރައިފީމެވެ. ދެގަޑިއިރާ ތިރީސް މިނިޓްގެ ދަތުރަކަށްފަހު އެރަށަށް ދެވުނެވެ. ގެއަށް ގޮސް ތައްޔާރުވެލައިގެން ބޭރަށް ނިކުމެލާނަމޭ ހިތާ ކޮޓަރިއަށް ވަނީމެވެ. އަހަރެން ވަނުމާއި އެކު އަލީފާ ބޭރަށް ނިކުތެވެ. އަހަރެން ފެންވަރައިގެން ނިކުމެ ރީތި ވެލައިގެން ބޭރަށް ނިކުތްއިރު ސައި ތައްޔާރު ކޮއްލައިގެން އަލީފާ މޭޒު ދޮށުގައި އަހަރެންގެ އިންތިޒާރުގައި އިނެވެ.

"އިމްރާން ސައިބޮއި ނިމެންވާއިރަށް އަހަރެން އަންނާނަން ފެންވަރާލައިގެން" އަހަރެން ސައިބޯން ފެށުމާއި އެކު އަލީފާ ކޮޓަރިއަށް ދާން ހިނގައިގަތެވެ. އަހަރެންނާއި އެކު އަލީފާގެ ކޮއްކޮވެސް އަހަރެންނާއި އެކު ސައިބޯން އިނެވެ.

"ކޮއްކޯ ކޮބާ އަލްބަމް" އަހަރެން ސުވާލު ކޮއްލީމެވެ.

"ކުޑާ ދެންމެ އެ އަލްބަމްތައް ނަގައިގެން އުޅުނު. ނޭނގެ މިހާރު ވީތަނެއް" އަލީފާގެ ކޮއްކޮ ބުނެލިއެވެ.

އަހަރެންގެ ބޮލުގައި ރިއްސާލިއެވެ. އަލްބަމް އަހަރެންނަށް ނުދައްކަން އުޅެނީ ކީއްވެހެއްޔެވެ. ކޮންމެވެސް ސިއްރެއް އޮނާނެއެވެ. އެހެންނޫނިއްޔާ ފިރިމީހާއަށް ފޮރުވަންވީ ސަބަބެއް ނެތްތާއެވެ. އަލީފާ ކޮޓަރިން ނިކުތުމުން އަލްބަމް ކޮބައިތޯ އަހަރެން އަލީފާ އާއި ސުވާލު ކޮއްލީމެވެ. ޖަވާބަކަށް އައީ ވަރަށް ކުރު ޖަވާބެކެވެ. އެ އަލްބަމް ހޯދަން އިމްރާން ތިވަރަކުން އުޅެނީ ކީއްކުރަން ހެއްޔެވެ. މިހާރު އެ އަލްބަމް އަންދާލައިފިކަމަށް އަލީފާ ބުނެލިއެވެ. ނަމަވެސް އެގޭތެރޭގައި އަންދާލި ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އަހަރެންގެ ޝައްކުތައް އިތުރުވަމުން ދިޔައެވެ. ޝައްކުތައް އިތުރުވަމުން ދިޔަ އަނެއް ސަބަބަކީ އަލީފާ ވަރަށް ލޯބިން ގެންގުޅޭ ފައިސާ ތަކެއް ހުރީމައެވެ. ވަކި ވޮލެޓަކަށް ލައިގެންނެވެ. އެއީ މެލޭޝިއާގެ ފައިސާއެވެ. އެކަމާއި ވެސް އަހަރެން ސުވާލު ކުރީ އަލްބަމް ކަންތައް ދިޔަ ގޮތުންނެވެ. އެ ފައިސާ އާއި ގުޅޭ ގޮތުންވެސް އަލީފާ ދިނީ ކުރު ޖަވާބެކެވެ.

"އެއީ ތިއްތިބޭ ދިން ފައިސާ. ހަނދާނަކަށް ބަހައްޓާށޭ ކިޔާފައި" އަލީފާ ވަރަށް ހަމަ ޖެހިލާފައި ބުނެލިއެވެ.

ތެދެކެވެ. އަލީފާގެ ތިމާގެ ބޭބެއެއް އެވަގުތު މެލޭޝިއާގައި ކިޔަވަމުން ދިޔައެވެ. ނަމަވެސް އަހަރެންގެ ހިތުގައި އުފެދިފައިވާ ޝައްކަށް ޔަގީންކަން ހޯދުމުގެ ގޮތުން ފޭސްބުކުން އަލީފާގެ ތިއްތިބެއާއި ނޭނގޭ ގޮތަށް ވާހަކަ ދެއްކީމެވެ. ވާހަކައިގެ ތެރެއިން އަލީފާއަށް ހާދަ ރީތި ފައިސާ ތަކެއް ދިން ވާހަކަ އާއި އެ ފައިސާ އަލީފާ ގެންގުޅެނީ ވަރަށް ލޯބިން ކަމުގައި ތިއްތިބޭ ގާތުގައި ބުނީމެވެ. ނަމަވެސް އަލީފާގެ ތިއްތިބޭއަށް ލިބުނީ ހައިރާން ކަމެކެވެ. އަލީފާއަށް ދުވަހަކުވެސް މެލޭޝިއާ ފައިސާ ދިން ކަމުގެ ހަނދާނެއް ނެތް ކަމަށް އަލީފާގެ ތިއްތިބޭ ބުނުމާއި އެކު އަހަރެންގެ ޝައްކުތައް އިތުރުވިއެވެ. ވަގުތުން އަލީފާއަށް ގުޅާފައި ދޮގު ހަދަނީ ކީއްވެތޯ ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ނުދީ ފޯނު ކަނޑާލިއެވެ. ގެއަށް އައިސް އަހަރެން އަލީފާއަށް ނަސޭހަތް ދިނީމެވެ. ދޮގު ނުހަދާ ރަނގަޅަށް ތެދު ބަހުން ވާހަކަ ދެއްކުމަށް އެދުނީމެވެ.

އަހަރެންގެ އޮފީހުން މެލޭޝިއާ އަށް ދާން ފުރުސަތު ލިބުނު ދުވަހެވެ. އެއީ ހަފްތާއަކަށެވެ. ނަމަވެސް މިކަންތައް މިހެން ހުރުމުން އަހަރެން ނުދާން ނިންމައިގެން ހުއްޓާ ކޮންމެހެންވެސް ދާން ޖެހޭ ދަތުރެކޭ އޮފީހުން ބުނުމުން އެކަމަށް އެއްބަސްވީމެވެ. އެންމެ ހަފްތާއަކަށް ވާތީއެވެ. ފުރުމުގެ ކުރިން އަލީފާއަށް ގެންނާނީ ކޮންއެއްޗެއްތޯ ސުވާލު ކުރީމެވެ. އެއްވެސް ޖަވާބެއް ނުލިބުނެވެ. އަހަރެން ފުރައިގެން ދިޔަ ފަހުން އެއްވެސް ދުވަހަކު އިސްވެ އަލީފާ އަހަރެންގެ ހާލު ބަލާ ނުލާކަން އަހަރެންނަށް ފާހަގަވިއެވެ. ކޮންމެ ފަހަރަކުވެސް ގުޅަނީ އަހަރެންނެވެ. ގުޅާލާ ކޮންމެ ފަހަރަކު އަލީފާ އުޅެނީ ގެއިން ބޭރުގައެވެ. ކޮންމެވެސް ތިމާގެ މީހެއްގެ ގޭގައެވެ. އަހަރެން އެކަމާއި އަޅައެއް ނުލަމެވެ.

އަހަރެން މާލެ އައީ އެއް ހަފްތާގެ ފަހުންނެވެ. އަހަރެން ހުރީ އަލީފާ ދުށުމަށް ކެތް މަދުވެފައެވެ. އަދި އަލީފާވެސް އަހަރެންނަށް އިންތިޒާރު ކުރާނެއެވެ. އަހަރެންނަށް ގެއަށް އާދެވުނީ ރޭގަނޑުގައެވެ. ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުން އެއާޕޯޓުން ކާން އުޅެފައިވެސް އަލީފާ އަހަރެންނަށް ވަރަށް މީރުކޮށް ކައްކާފައި ހުންނާނެ ކަމުގެ އުންމީދުގައި ކާން އައީ ގެއަށެވެ. ނަމަވެސް ކަންތައް ދިމާވީ އަހަރެން ހީކުރި ގޮތާއި ޚިލާފަށެވެ. އަހަރެން ފޮށި ހިފައިގެން ގެއަށް ވަނުމާއި އެކު އަލީފާވެސް ވަނީ ކޮޓަރިއަށެވެ.

"އޮންނާނެ ވަރަށް ރީތި އެއްޗެއް ގެނެސްފައި" އަހަރެން ބޭނުންވީ އަލީފާއަށް ސަޕްރައިޒެއް ދޭށެވެ.

"ދެން ދޭބަލަ ކާން. ހުންނާނެ ކާން ހަދާފައި" އަލީފާ ފޫހި ފާޑަކަށް ބުނެލިއެވެ.

ނަމަވެސް އެއީ އަލީފާ މިއަދު ވަރަށް ބުރަކޮށް އުޅުނީމަ ވަރުބަލިވީ ކަމަށް އަހަރެން ނިންމީމެވެ. އަހަރެން ކައި ނިމިގެން ކޮޓަރިއަށް ގޮސް ފޮށި ހުޅުވާލާފައި އަހަރެން އަލީފާއަށް ގެނައި ހަދިޔާ ދިނީމެވެ. ރަން ކެވެލި ކޮޅެކެވެ. އަހަރެން އެކެވެލިކޮޅު ދިނުމާއި އެކު ތޭންކްސް ބުނުން ފިޔަވާ އެއްވެސް އެއްޗެއް ނުބުނެއެވެ. އަހަރެން އަޅާ ނުލީމެވެ. ދެން މާދަމާ ވާހަކަ ދައްކާނީއޭ ހިތާ ނިދަން އޮށޯތީމެވެ.

ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް އަލީފާގެ އުޅުމަށްވެސް ބަދަލު އަންނަމުން ދިޔައެވެ. އެކަމަށް އަހަރެން ދޭ ނަސޭހަތެއް އަޑެއް ނާހައެވެ. އެންމެފަހުން އޮފީހުންވެސް ކެނޑުނީއެވެ. އަހަރެން އާދޭސް ކުރަނިކޮށެވެ. އެ އޮފީސް ހިތްހަމަ ނުޖެހުނީއެވެ. އަހަރެން މާލޭގެ ވަރަށް ގިނަ އޮފީސްތަކުން ވަޒީފާ ހޯދައި ދިނީމެވެ. ނަމަވެސް އަލީފާ ބޭނުންވީ ކުރިން އުޅުނު އޮފީހުން ވަޒީފާއެކެވެ. އެނޫން ތަނަކަށް ވަޒީފާއަށް ދާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް އަހަރެން އަލީފާ އެކަނި ރަށަށް ފޮނުވާލާކަށް ބޭނުމެއް ނޫނެވެ. ދެމީހުން ދެރަށުގައި އުޅެގެން ލިބޭނީ ކޮން އުފަލެއް ހެއްޔެވެ. އަހަރެން އެކަމާއި އަލީފާގެ އާއިލާ އާއި މަޝްވަރާ ކުރީމެވެ. ހައްލެއް ލިބޭތޯއެވެ. އެކަން އަލީފާއަށް އެނގުނު ދުވަހު އަހަރެންގެ ކުރިމަތީގައި އޭނަގެ އަތުގައި އަޅާފައި އޮތް ރަން ކެވެލިކޮޅު ހަލާކުކޮއްލާފައި އަހަރެންނާއި ދިމާއަށް އެއްލައިލިއެވެ. އަހަރެންނަށް ރޮވުނެވެ. އެކަމަކުވެސް ހިތްވަރާއިއެކު ދިރިއުޅުން ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރީމެވެ. ގިނަ ދުވަސް ދުވަހު ކާން އިނދެފައި އަހަރެންގެ ގަމީހުން އަތްވެސް ފޮހެލާ ދުވަސްތައް ގިނައެވެ. ނަމަވެސް މިކަމުގެ އެއްވެސް މަޢުލޫމާތެއް އަހަރެންގެ އާއިލާއަކަށް ނުދެމެވެ. އެމީހުން ހިތްހަމަ ނުޖެހިދާނެތީއެވެ. އަލީފާގެ އުޅުމަށް ބޮޑެތި ބަދަލުތައް އަންނަމުން ދިޔައީ ވަރަށް އަވަހަށެވެ. އެންމެފަހުން އަހަރެންނަށް ޚަބަރު ލިބުނީ އަލީފާ ކުރިން އުޅުނު އޮފީހުގެ މެނޭޖަރ ނަޒީރު އަހަރެން ގޭގައި ނޫޅޭ ވަގުތު ގެއަށް އަންނަ ކަމެވެ. އަދި އަހަރެން އޮފީހުގައި އުޅޭ ގަޑިއަކީ އެމީހުން އަހަރެމެންގެ ކޮޓަރިން ބައްދަލު ކުރާ ގަޑިކަމަށެވެ. އަހަރެން އެއީ ތެދެއްތޯ ބެލީމެވެ. އެއީ ތެދެކެވެ. ނަޒީރު އާއި ދެމީހުން އުޅެނީ ރައްޓެހިވެގެންނެވެ. އަހަރެން ނަޒީރުގެ މަޢުލޫމާތު ވެސް ހޯދީމެވެ. އޭނާ އަކީ އެއޮފީހުގެ އެހެން ކުދިންނާއިވެސް ރައްޓެހިވެ އެކުދިން އަތުން ޚަރަދު ކުރަމުންދާ މީހެކެވެ. އަހަރެންނަށް އެކަން އެނގުނުކަން އަލީފާއަށް އެނގުނު ވަގުތުން ފެށިގެން އަހަރެންނާއި ވާހަކަ ދެއްކުން ހުއްޓައިލިއެވެ. ފިރިމީހާގެ ހައިސިއްޔަތުން އެއްވެސް ކަމެއް ކޮއްދިނުން ހުއްޓުނީއެވެ. އެއް ގެއެއްގައި އެއްވެސް ގޮތަކަށް ވާހަކަ ނުދައްކާތާ އަހަރެއްވީ ފަހުން އަހަރެން އެހެން ރަށަކަށް ފަސް ދުވަހަށް ދާން ޖެހުނެވެ. އަލީފާ ހުރީ ވަރަށް އުފަލުންނެވެ. އަހަރެން ފުރާތީއެވެ. އަހަރެން އެރަށުގައި ހުރި ފަސްދުވަސް ތެރޭގައިވެސް އަލީފާ އަހަރެންގެ ޚަބަރެއް ނުބަލައެވެ. އަހަރެންވެސް ނުބަލަމެވެ. އަލީފާއަށް މިނިވަންކަން ދިނީއެވެ. އެއް ދުވަހަކު ހަވީރު އަހަރެން އަލީފާއަށް ގުޅައިލީމެވެ. ޖެހިގެން އަންނަ ދުވަހު މާލެ ދާ ވާހަކަ ބުނެލުމަށެވެ. ނަމަވެސް އަލީފާ ބުނީ އަހަރެންނާއި އެކީ ދެން އުޅެން ބޭނުންނުވާ ކަމަށާއި ވީހާ އަވަހަކަށް ރަށަށް ދާން ބޭނުންވާ ވާހަކައެވެ. އެދުވަހު އަލީފާގެ އެދުމުގެ މަތިން އަހަރެން އަލީފާ ވަރި ކުރީމެވެ. އަދި އަހަރެން މާލެ އަންނަންދެން މަޑުކޮއްލުމަށް އެދުނީމެވެ. އެކަމަށް އަލީފާ އެއްބަސްވިއެވެ.

ޖެހިގެން އައި ދުވަހު ހަވީރު ވަގުތުގައި އަހަރެން މާލެ އައީމެވެ. އަދި ވަރަށް ދެރަވެފައި ހުރެ ގެއަށް ވަނީމެވެ. އަލީފާ ކޮޓަރި ތެރޭގައި އިނެވެ.

"އަލީފާ. އަލީފާ ބޭނުން އެއްޗެއް ގެންދޭ. ހެޔޮ ކޮންމެ އެއްޗެއް ގެންދިޔަސް" އަހަރެން އަދިވެސް އަލީފާއަށް ހެޔޮއެދޭކަން ހާމަ ކޮއްދިނީމެވެ.

"އަހަރެން އެއްވެސް އެއްޗެއް ބޭނުމެއް ނޫން. މާދަމާ ލޯންޗުން ޓިކެޓް ނަގައިދީ" އަލީފާ ރަށަށް ދާން ޓިކެޓް ނަގައިދޭން އެދުނެވެ. އެކަމަށް އަހަރެން އެއްބަސްވީމެވެ.

ޖެހިގެން އައި ދުވަހު ހަވީރު ފުރި ލޯންޗުން އަލީފާ ރަށަށް ފުރިއެވެ. ލޯންޗަށް އަރައި ލޯންޗް އަހަރެންގެ ލޯމަތިން ގެއްލެންދެން އަހަރެންނަށް ހުއްޓުން އަރާފައި ހުރެވުނެވެ. އެކަމަކު އެންމެ ފަހަރަކުވެސް އަލީފާ އަހަރެންނަކަށް ބަލައެއް ނުލައެވެ. އަލީފާ ރަށަށް ގޮސް ކުރިންވެސް އުޅުނު އޮފީހުން ވަޒީފާ ހޯދިއެވެ. އަދި މެނޭޖަރު ނަޒީރު އާއި ގުޅުން ބަދަހި ކުރަމުން ދިޔަ އަޑުތައް އިވެމުން ދިޔައެވެ. ނަޒީރު ބުރަކަށި އޮޕަރޭޝަން ކޮއްގެން ހޮސްޕިޓަލުގައި އޮތް އިރުވެސް އެތާ ޑިއުޓީގައި އިންނަނީ އަލީފާ ކަމަށް ޚަބަރު ލިބުނެވެ. އަލީފާ ނަޒީރުގެ ދެވަނަ އަންބަކަށް ވުމުގެ އިންތިޒާރުގައި ދުވަސްތައް ގުނަމުން ދަނިކޮށް ޚަބަރު ލިބުނީ ނަޒީރު އަލީފާމެންގެ ރަށުން ދެ އަންބަށް އެހެން ކުއްޖަކާއި ކައިވެނި ކުރި ޚަބަރެވެ. އަލީފާ އާދޭސް ކޮށްކޮށް ހުއްޓައެވެ. އެހާ ލޯބިވި މީހާ އަށްޓަކައި އަލީފާގެ ފިރިމީހާ ދޫކޮށް ދިއުމުގެ ނަތީޖާ ފެނުނީ ވަރަށް ހިތި ކޮށެވެ. އަދިވެސް އަލީފާ މީހަކާއި ނީނދެއެވެ. ނަމަވެސް އަހަރެންނަށް އޭގެ ބަދަލުގައި ލިބުނީ ރަނގަޅު ދީންވެރި ސާލިހް އަންބެކެވެ. މިހާރު އަހަރެންނަކީ ލޯބި ލޯބި ދަރިއަކާއި ލޯބި ލޯބި އަންބެއްގެ ފިރިއެކެވެ. ހަރުދަނާ ފިރިއެކެވެ. އެއްވެސް މީހަކަށް އެހެން މީހަކަށް ދެރައެއް ނުދެވޭނެއެވެ. އެ އަސަރާއި މަންޒަރު ވަކިވެގެން ދިޔައިރު އަހަރެންނަށް ހީވީ ދެން އަލީފާއަށް ވުރެ ރަނގަޅު މީހަކު އަހަރެންނަށް ނުލިބޭނެ ކަމަށެވެ. ނަމަވެސް މިހާރު އެކަމާއި އަހަރެން ނުވިސްނަމެވެ. އަހަރެން ވިސްނަނީ އަހަރެންގެ ލޯބިވާ އަނބިމިހާ އާއި ދަރިފުޅާ މެދުގައެވެ. އެ ވަކިވި އަސަރާއި މަންޒަރުގެ މަތިން މިހާރު ހަނދާން ނައްތައިލައިފީމެވެ.

= ނިމުނީ =

The post ވަކިވީ އަސަރާއި މަންޒަރު (ހަތަރުވަނަބައި) appeared first on XeeTimes.


More from XeeTimes