މުރާކި: ސިއްހީ ފައިދާ ގިނަ އެކަމަކު ކެއުމުގައި ވިސްނަންޖެހޭ!

Thu, 25 May 2023 09:36 AM

View on this article on XeeTimes

މުރާކި: ސިއްހީ ފައިދާ ގިނަ އެކަމަކު ކެއުމުގައި ވިސްނަންޖެހޭ!

މުރާކި ގަހަކީ 1.5 މީޓަރުގެ އުސްމިނުގައި ހެދޭ ފަތުގެ ދިގުމިނުގައި 9.7 އަދި ފުޅާމިނުގައި 8.1 ސެންޓިމީޓަރު ހުންނަ ފަތުގެ މަތީބައިގައި ގަދަފެހި އަދި ތިރީގައި މަޑުފެހިކުލައަކަށް ހުންނަ ގަހެކެވެ. މި ގަހުގައި އަޅާ މާ ހުންނަނީ ރަނގަބީލެއްގެ ބައްޓަމަށެވެ. މިގަހުގައި އަޅާ މޭވާގައި ލާނީ ހުތް ފޮނި ރަހައެވެ. މުރާކި ދޮންނުވާއިރު ހުންނަނީ ފެހި ކުލައިގައެވެ. ދޮންވުމުން ހުންނަނީ މަޑު އޮރެންޖް ކުލައަކަށެވެ. ދިވެހިން މުރާކި ކައިއުޅޭނީ ހުހަށެވެ. ނަމަވެސް ބައެއްފަހަރު ބޭރު ގައުމުތަކުގައި ސެލަޑް ތައްޔާރުކުރުމުގައި މުރާކި ބޭނުންކުރެއެވެ. ދިވެހި ބޭސްވެރިކަމުގައި މުރާކިފަތް ބޭނުން ކުރާކަމަށް ވެއެވެ. މުރާކި އޮންނަނީ ފަތްހެން ހުންނަ މަޑު ތޮށިގަނޑެއްގެ ތެރޭގައެވެ. މުރާކި ފަތުގައި ކޮންމެވެސް ވަރަކަށް ކެހެރި ހުރެއެވެ. މުރާކީގެ ވެސް ތަފާތު ވައްތަރުތައް ހުންނަކަން ފާހަގަ ކުރެވެއެވެ. ދިވެހިރާއްޖޭގައި ވަކިޚާއްސަ ސަމާލުކަމެއްދީގެން އެހެން މޭވާ ހައްދާއުޅޭގޮތަށް މުރާކި ހައްދާނުއުޅެއެވެ. އޭގެ ބަދަލުގައި ރަށްރަށުގެ ހުސްބިންތަކުގައި ހިތަށް ހެދޭ ގަހެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. 



ސިއްހީ ބައެއް ފައިދާ:

މުރާކީގައި ޕޮޓޭސިއަމް އެކުލެވޭއިރު، ހަށިގަނޑުގައި ފެން ދައުރުކޮށްދިނުމަށް އެހީވެދެއެވެ. މުރާކީގައި ހިމެނޭ ޒިންކުގެ ސަބަބުން ދިފާއީ ނިޒާމު ވަރުގަދަކޮށްދެއެވެ. އޭގެ އިތުރުން ކަށިތަކަށް ކެލްސިއަމް ލިއްބައިދެއެވެ. އަދި ދަގަނޑުގެބައި ހުރުމުގެ ސަބަބުން އެނީމިއާއިން ދުރުކޮށް މެގްނީޒިއަމްގެ ސަބަބުން އެންޒައިމްސް އުފައްދައިދިނުމަށް މުރާކި މުހިންމު ދައުރެއް އަދާ ކުރެއެވެ. މުރާކި އަކީ ސަރުބީ މަދުން ހުންނަ މޭވާއަކަށް ވުމުން ބަރުދަން ލުއިކުރުމަށް އެހީވެއެވެ. ތަންތަން ދުޅަވުމާއި ރިހުމާއި ހަމުގައި ހުންނަ ފާރު ރަނގަޅު ކުރުމަށް މުރާކި ފަތް ބޭނުން ކުރާކަމަށްވެއެވެ.

Advertisement

ހަކަތައާއި ބުންވަރު އިތުރުކޮށްދޭ މުރާކި ކެއުމުގައި ބޭނުންކުރާއިރު ވިސްނާލަންވީ އެންމެ މުހިއްމު ކަމަކީ ދޮންނުވާ މުރާކި ނުކެއުމެވެ. އެއީ ދޮންނުވާ މުރާކީގައި ވިހަ މާއްދާއެއް ހުންނަކަމަށްވެއެވެ.

މުރާކިއަކީ ސަރުބީމަދު، ސޯޑިއަމް ނުހުންނަ މޭވާއަކަށްވުމުން މިއީ ހަށިގަނޑަށް ފައިދާހުރި މޭވާއެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ލޭމައްޗަށް ދިއުމާއި ހަކުރު ބައްޔާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ މޭވާއެއްކަމަށް ދިރާސާތަކުން ހޯދިފައިވެއެވެ.

'ވިތެނޮލައިޑްސް' ކިޔާ މާއްދާއެއް ހިމެނޭ މޭވާއެއް ކަމުން ކެންސަރާއި ދެކޮޅަށް މަސައްކަތްކުރެއެވެ.

'މިލެޓޯނިން' ނަމަކަށް ކިޔާ މާއްދާއެއް ހިމެނޭތީ އުމުރުން ދުވަސްވުމުން ދިމާވާ ބައެއް މައްސަލަތަކަށް މުރާކި ކެއުމުން ލުއި ލިބެއެވެ.

ކަރުތެރެ އަދި ޕްރޮސްޓޭޓް ގްލޭންޑްގެ މައްސަލަތަކުގެ ފަރުވާއަށް މުރާކި ބޭނުންކުރާކަމަށްވެއެވެ.

 

މަސްދަރު: ސިއްހަތު ބްލޮގް/ އެންޕާކްސް

މިލިޔުން ކިޔާލުމުން
+1
2
+1
0
+1
13
+1
1
+1
2
+1
2
+1
0


More from XeeTimes