މާލޭގެ ފިހާރައަކުން ސިނގިރޭޓު ކާޓޫނުތަކެއް ވަގަށްނެގި ތިން މީހަކު ހައްޔަރުކޮށްފި

Thu, 17 Oct 2024 08:42 PM

View on this article on vNews

މާލޭގެ ފިހާރައަކުން ސިނގިރޭޓު ކާޓޫނުތަކެއް ވަގަށްނެގި ތިން މީހަކު ހައްޔަރުކޮށްފި

މާލޭގައި ހިންގާ ފިހާރައަކުން ސިނގިރޭޓު ކާޓޫނުތަކެއް ވަގަށް ނެގި ތިން މީހަކު ހައްޔަރުކޮށްފިއެވެ.



ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ފަތިހު 4:20 ހާއިރު މާލެ ތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންތަކަކަށް، މާވެޔޮ މަގުގައި ހުރި ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަންކޮށްފައިވާކަން ފާހަގަކުރެވުމުން އެކަން ތަހުގީގުކޮށްފައިވާ ކަމަށެވެ.

އެގޮތުން އެކަން ފާހަގަކުރެވިގެން، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބަލައި ދެނެގަނެ، ވައްކަންކުރިކަމަށް ތުހުމަތުކުރެވޭ ތިން މީހުން ހޯދައި، އެ މީހުން ހައްޔަރުކޮށްފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ ފިހާރައިން އެ ތިންމީހުން ވަގަށްނެގިކަމަށް ތުހުމަތުކުރެވޭ ފައިސާއާއި ސިނގިރޭޓު ކާޓޫންތަކެއް ހޯދާފައިވާކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، ލިލީގޭ އުމުރުން 46 އަހަރުގެ މުޙައްމަދު ޞަބާހުއާއި ހަމަ އެރަށު އަތަމާގޭ އުމުރުން 26 އަހަރުގެ އިޙުސާން އިބްރާޙީމްގެ އިތުރުން ރ. އިނގުރައިދޫ ދަނބުރުއްދޮށުގޭ އުމުރުން 34 އަހަރުގެ އިބްރާޙީމް މުޙައްމަދު ރަޝީދެވެ.

މި މައްސަލައާ ގުޅިގެން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އިހުސާން އިބްރާޙީމް 30 ދުވަހަށް ބަންދުކުރުމަށް އަދި ދެން ތިބި ދެމީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރު ނެރެދީފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ. ސިނގިރޭޓު ކާޓޫންތަކަކާއި ފައިސާތަކެއް ވަގަށްނެގި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، ދުންފަތާއި އަދި އެފަދަ އެހެން އެއްޗެހީގެ ވަބާއިން ދިވެހިން ސަލާމަތްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން، ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ގާތްގަނޑަކަށް ތިންގުނަ ބޮޑުކުރުމަށާއި ރާއްޖެއަށް ވޭޕް އެތެރުކުރުން އަންނަ މަހުގެ 15 އިން ފެށިގެން މަނާ ކުރުމަށް ވެސް ރައީސް ނިންމަވާފައިވެއެވެ.

ރައީސްގެ މި ނިންމެވުމާއެކު ސިނގިރޭޓު ފޮއްޓެއްގެ އަގު ތިންގުނައަށް އިތުރުވާނެކަމަށް ބެލެވެއެވެ.



More from vNews