ޕީޕީއެމްގެ ނައިބުރައީސަކަސް ވަޒީރު ޚަލީލް

Thu, 17 Oct 2024 06:58 PM

View on this article on vNews

ޕީޕީއެމްގެ ނައިބުރައީސަކަސް ވަޒީރު ޚަލީލް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނައިބުރައީސްގެ މަގާމަށް، ކުރިން ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަދި މިހާރުގެ ޚާރިޖީ ވަޒީރު، ޑރ. އަބްދުﷲ ޚަލީލް އިންތިޚާބުކޮށްފިއެވެ.



ޕާޓީގެ ނައިބުރައީސްކަމަށް ވަޒީރު ޑރ. ޚަލީލް އިންތިޚާބުކޮށްފައި ވަނީ، ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު އެ ޕާޓީން ބޭއްވި ކުއްލި ސެނެޓު ބައްދަލުވުމެއްގައެވެ.

ކުއްލި ގޮތަކަށް ޕީޕީއެމްގެ ސެނެޓު ބައްދަލުވުމެއް ބާއްވަން ތާވަލުކުރުމުން، ޕާޓީ އުވާލަން ނިންމަނީކަމަށް ބައެއް ފަރާތްތަކުން ވަނީ އަޑުފަތުރާފައެވެ. އެހެންނަމަވެސް ސެނެޓު ބައްދަލުވުމުގައި އެފަދަ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވެއެވެ.

ސެނެޓު ބައްދަލުވުމުގައި ޕާޓީގެ ހުސްވެފައިވާ ނައިބުރައީސްގެ މަގާމަށް ޑރ. އަބްދުﷲ ޚަލީލް އިންތިޚާބުކުރިއިރު އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ކަމަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގް ހަލީމް ވެސް ވަނީ އިންތިޚާބުކޮށްފައެވެ.

ޕީޕީއެމްގެ އައު އެސްޖީ، އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގް ހަލީމް --ފޮޓޯ/ ޕީޕީއެމް

މި ދެ މަގާމަށް ވެސް ބޭފުޅުން އިންތިޚާބުކޮށްފައި ވަނީ ސެނެޓު ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.

ޕީޕީއެމްގެ ނައިބު ރައީސުންގެ ގޮތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވެސް ތިއްބަވައެވެ.

ޕީޕީއެމް އަކީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ކޯލިޝަން ޕާޓްނަރެވެ. އެ ދެ ޕާޓީގެ އެންމެ އިސް ލީޑަރެއްގެ ގޮތުގައި ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.

ޕީޕީއެމް އަކީ، ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޣައްޔޫމް އިސްވެހުންނަވައި، 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ރަސްމީކޮށް ރަޖިސްޓްރީކުރި ޕާޓީއެކެވެ. އެ ޕާޓީގެ މައްޗަށް ރައީސް އަބްދުﷲ ޔާމީން އަތްގަދަކުރައްވައި ރައީސް މައުމޫން ޕާޓީގެ ލީޑަރޝިޕުން ދުރުކުރެއްވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ހޯއްދެވި ކާމިޔާބީއަށްފަހުއެވެ. އޭގެ ފަހުން ޕާޓީގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކަށް ފަހު، މައުމޫނާއި ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް ޕާޓީން ބޭރުކުރިއެވެ.

ޕީއެންސީ އަކީ ޕީޕީއެމްގެ މިލްކުވެރިކަމާ ގުޅޭގޮތުން ރައީސް މައުމޫން ކުރެއްވި ދައުވާއަކާ ގުޅިގެން، އެ ޕާޓީ ގެއްލިދާނެކަމުގެ ބިރަށް ރައީސް ޔާމީން އުފެއްދެވި ބެކަޕް ޕާޓީއެކެވެ. ޕީއެންސީ ރަޖިސްޓްރީކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 31 ވަނަ ދުވަހުއެވެ.



More from vNews