އާސަހަރާ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މާދަމާ ފަށަނީ

Fri, 26 May 2023 05:26 PM

View on this article on vNews

އާސަހަރާ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މާދަމާ ފަށަނީ

މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އާސަހަރާ، ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މާދަމާ ފެށުމަށް މާލެ ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ.

އާސަހަރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަން މާލެ ސިޓީ ކައުންސިލުން ނިންމީ، އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 99ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، ޒަމާންތަކަކަށްފަހު އާސަހަރާ ތަރައްޤީކުރުމަށް ނިންމާ އެ މަޝްރޫޢުގެ ދަށުން އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކުރަންޖޭހޭ މަސައްކަތްތައް މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެ މަސައްކަތްތަކާއި ގުޅިގެން އާސަހަރާގައި މައްޔިތުންގެ ކަށުކަމާކެމީގެ ކަންކަމަށް ދިމާވެދާނެ ދަތިތަކަށްޓަކައި، ނިޔާވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ހުޅުމާލެ ސަހަރާގައި ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

އަދި ނަމާދު ވަގުތުތައް ނޫން ވަގުތު ތަކުގައި މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އާސަހަރާގެ މިސްކިތުގައި ނަމާދުކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށް ވެސް ކައުންސިލުން ބުނިއެވެ.

ކައުންސިލުން ބުނީ، އާސަހަރާ ތަރައްޤީ ކުރުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް 2 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި، އެ މަސައްކަތް ނިމުނުހާ އަވަހަށް އެކަން އާމުންނަށް އަންގާ އިޢުލާނު ކުރާނެ ކަމަށެވެ.

އާސަހަރާ މިސްކިތް މަރާމާތުކުރުމަށް ނިންމެވީ އާސަހަރާއަކީ މާލެ ސިޓީގައި ބޭނުން ކުރާ ހަމައެކަނި ސަހަރާކަމަށްވެފައި، އެ ސަހަރާ ފުރިފައިވުމުން ކަމަށް މާލެ ސީޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވެފައިވެއެވެ.

އާސަހަރާ މަރާމާތުކޮށް ނިމޭއިރު، އަންހެނުން ނަމާދު ކުރުމަށް ބޭނުން ކުރާ ޖާގަ ބޮޑުކުވާނެކަމަށާއި، އަންހެނުންނަށް ހާއްސަ ވުލޫ ކުރާތަނެއްވެސް މަރާމާތުކޮށް ޖާގަ އިތުރުކުރުމަށް ނިންމާފައިވާކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.



More from vNews