"ﷲގެ ރަހުމަތް ނުވާނަމަ އުރެދުންތަކަށް ވަގުތުން އަޒާބު ދެއްވާނެ"

Fri, 26 May 2023 12:09 PM

View on this article on vNews

"ﷲގެ ރަހުމަތް ނުވާނަމަ އުރެދުންތަކަށް ވަގުތުން އަޒާބު ދެއްވާނެ"

މާތްﷲ ގެ ރަހުމަތް އަހަރެމެންގެ މައްޗަށް ނުވާނަމަ އަހަރެމެންކުރާ ފާފަތަކަށާއި އުރެދުންތަކަށް ވަގުތުން އަޒާބު ދެއްވިސްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"މާތްﷲ ގެ ރަހުމަތްފުޅުގެ ތަނަވަސްކަން" މި މައުޟޫއަށް ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި އަޑުއިވިގެންދިޔަ މިއަދުގެ ހުތުބާގައިވަނީ، ކޮންމެ ނަމާދެއްގެ ކޮންމެ ރަކުއަތެއްގައި އެކަލާނގެ ރަހުމަތްވަންތަކަމާއި ރަހީމުވަންތަކަން އަހަރެމެން ހަނދާންކުރަމުން އަންނަ ކަމަށާއި ރަހުމަތްވަންތަކަމުގެ ސިފަ މަހުލޫގުންނަށް އާއްމުވިޔަސް ރަހީމުވަންތަކަމުގެ ސިފައަކީ މާތް ﷲ މުއުމިނުންނަށް ހާއްސަ ކުރައްވާފައިވާ ސިފައެއްކަމަށް ބުނެފައެވެ.

ކަލާނގެ ރަހުމަތަށް އެދި މުއުމިނުން ކުރާ ދުއާ ބަޔާންކުރައްވައި މާތްﷲ ކީރިތި ގުރުއާނުގެ މޫރިތި އާޔަތްތަކުގައި ވަހީކުރައްވާފައިވާ ބަސްފުޅުތަކަށްވެސް ހުތުބާގައި ވަރަށް ތަފްސީލީ ގޮތެއްގައި އަލިއަޅުވާލާފައިވެއެވެ.

"އަޅަމެންގެ ވެރި ރަސްކަލާކޮ! އިބަރަސްކަލާނގެ ރަހުމަތާއި ދެނެވޮޑިގަތުން ހުރިހާ އެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވެއެވެ. ފަހެ ތައުބާވެ އިބަރަސްކަލާނގެ މަގަށް ތަބާވީ މީހުންނަށް ފާފަފުއްސަވާނދޭވެ! އަދި ނަރަކައިގެ އަޒާބުން އެއުރެން މުއްތި ކުރައްވާމދޭވެ!"
ހުތުބާ

ހުތުބާގައި ބުނީ ﷲގެ ރަހުމަތް އެކަލާނގެ ކޯފާގެ މައްޗަށް އިސްވެފައިނުވާނަމަ ބިންމަތީގައި އެއްވެސް ހަލްގަކަށް ދިރިނޫޅެވޭނެ ކަމަށެވެ.

ހުތުބާ ނިންމާލަމުން، ރަހުމުކުރާ މީހަކަށް ވުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އެންމެހާ މުސްލިމުންނަށް ގޮވާލައި ﷲ ގެ ރަހުމަތް ހޯދުމަށް އަމިއްލަ ނަފްސަށް ރަހުމްކޮށް މައިންބަފައިންނަށް އިހުސާންތެރިވުމަށާއި މުސްލިމު އަހުންނަށް އޯގާތެރިވުމަށާއި ކުޑަކުދިންނަށް އަޅާލުމަށް ވަސިއްޔަތްކޮށްފައި ވެއެވެ.



More from vNews