ރާއްޖެ ލަންކާ ދަތުރުތަކަކީ ދިވެހިންނާއި ލަންކާގެ ރައްޔިތުން އަދި ފަތުރުވެރިންނަށް މުހިންމު ރޫޓެއް - އަމީން

Fri, 26 Apr 2024 07:52 PM

View on this article on Vaguthu

ރާއްޖެ ލަންކާ ދަތުރުތަކަކީ ދިވެހިންނާއި ލަންކާގެ ރައްޔިތުން އަދި ފަތުރުވެރިންނަށް މުހިންމު ރޫޓެއް - އަމީން

ރާއްޖެ އާއި ލަންކާގެ ދަތުރުތަކަކީ ދިވެހިންނާއި ލަންކާގެ ރައްޔިތުންގެ އިތުރުން ފަތުރުވެރިންނަށް ވެސް މުހިންމު ރޫޓެއް ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.



އަމީން މިހެން ވިދާޅުވީ، މޯލްޑިވިއަން އިން މާލެ-ކޮލަމްބޯ ދެކޮޅު ދަތުރުތައް އަލުން ފެށުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ޚާއްޞަ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

މިދަތުރުތައް ރަސްމީކޮށް ފައްޓަވައި ދެއްވީ މިކަމަށްޓަކާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން އާއި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާސް އެވެ.

މިދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ލަންކާގެ ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.

އަމީން ވިދާޅުވީ އިއްޔެ އަލުން ފެށި ލަންކާ ރާއްޖެ ދަތުރުތަކަކީ ދިވެހިންނާއި ސްރީލަންކާގެ ރައްޔިތުންނަށާއި އަދި ފަތުރުވެރިންނަށް މުހިންމު ރޫޓެއް ކަމަށާއި ހާއްސަކޮށް ބޭސްފަރުވާއަށް ދާ ދިވެހިންނަށް ނަވަލޯކާ ހޮސްޕިޓަލުން ޚާއްސަ ޑިސްކައުންޓެއް ހަމަޖެހިފައިވާ ކަމަށެވެ. އަދި ގައުމީ އެއަރލައިން، މޯލްޑިވިއަންއަށް ގިނަ ގޮންޖެހުންތަކެއް ހުރިނަމަވެސް، ސަރުކާރުން ދަނީ ޤައުމީ އެއާލައިން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެމް.އޭ.ސީ.އެލްގެ ފަރާތުން ލިބޭ ސަޕޯޓާއި އެހީތެރިކަން އަމީން ވަނީ ފާހަގަކޮށްފައެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ، މި ދަތުރުތަކަށް އެކުންފުނިން ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށާއި ހަފްތާ ބަންދާއި ދިމާކޮށް ދަތުރުތައް ހަމަޖެހިފައި އޮތުމުން ހަފްތާ ބަންދުގައި ރާއްޖޭން ބޭރަށް ވަޑައިގަންނަވާ ބޭފުޅުންނަށް ވެސް ލުއި ފަސޭހަތަކެއް ވާނެ ކަމަށެވެ.

އަދި ބޭސްފަރުވާއަށް ލަންކާއަށް ދާ ދިވެހިންނަށް ލަންކާގެ ނަވަލޯކާ ހޮސްޕިޓަލުން ފަނަރަ އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ފަރާތުން މި ދަތުރުތައް ރާވާފައިވަނީ ހަފްތާއަކު ދެދުވަހު ކުރާ ގޮތަށެވެ. އެއީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހުއެވެ.



More from Vaguthu