ފިހާރައަކުން ތިން ފުޅި ސެންޓު ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

Fri, 19 Apr 2024 11:00 AM

View on this article on Vaguthu

ފިހާރައަކުން ތިން ފުޅި ސެންޓު ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

މާޅޭގެ ފިހާރައަކުން ތިން ފުޅި ސެންޓު ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.



ވައްކަމުގެ މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ފަސް ދުވަހު ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

ބަންދު އަމުރުގައިވާ ގޮތުން އޭނާ ވަނީ ފިހާރައަކުން ކަލެކްޝަން ބްރޭންޑުގެ ތިން ފުޅި ސެންޓު ވަގަށް ނަގާފައެވެ. އަދި އޭނާ އާ ދެކޮލަށް ފުލުހުން ވަނީ ހާދިސާ ރިޕޯޓު ހުށަހަޅާފައެވެ.

އަމުރުގައިވާ ގޮތުން އޭނާ އަކީ ކުށުގެ ރެކޯޑު އޮތް ކުށުގެ ވެށީގައި އުޅޭ މީހެކެވެ. އަދި ދެން އަންނަ އަޑުއެހުމެއްގައި އެ ފިހާރައިގެ ސީސީޓީވީ ފުޓޭޖު ހުށަހެޅުމަށް ބަންދު އަމުރުގައި ވަނީ ބުނެފައެވެ.

ދާދިފަހުން މާލޭގެ ފިހާރައަކުން ފޯނަކާއި، ސެންޓު ފުޅިއަކާއި 2000 ރުފިޔާ ވަގަށްނެގި މީހަކު އަތުލައިގަނެ ފުލުހުންނާއި ހަވާލު ކުރުމުން، 15 ދުވަސް ބަންދުގައި އޮތުމަށްފަހު އެނބުރި އައިސް އަނެއްކާވެސް ފިހާރަ ފަޅާލައި ވައްކަން ކުރާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

ފަހަކަށް އައިސް މާލޭގެ ފިހާރަތަކުން ވައްކަން ކުރުން އާންމުވެފައިވާއިރު އަންހެނަކު ފިހާރައަކަށް ވަދެ ގިނަ އަދަދެއްގެ ސާމާނު އޭނާގެ އަތް ދަބަހަށް އަޅައިގެން ދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ.



More from Vaguthu