ފޮރިން މިނިސްޓަރު ޒަމީރު އަންނަ ހަފްތާގައި އިންޑިއާއަށް ވަޑައިގަންނަވަނީ

Thu, 02 May 2024 01:07 PM

View on this article on Vaguthu

ފޮރިން މިނިސްޓަރު ޒަމީރު އަންނަ ހަފްތާގައި އިންޑިއާއަށް ވަޑައިގަންނަވަނީ

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އަންނަ ހަފްތާގައި އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.



އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި ޒަމީރު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގައެވެ. ރިޕޯތްތައް ބުނާގޮތުން މި ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއި ބައްދަލުކުރައްވާނެއެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސްވެރިޔަކު އިންޑިއާއަށް ކުރައްވާ ރަސްމީ ފުރަތަމަ ދަރުފުޅެވެ.

އެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު ފާއިތުވި ދުވަސްތަކުގައި ހީނަރުވެފައިވާ ގުޅުން އަލުން ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރެވޭނެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

''ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި މިނިސްޓަރު ޖައިޝަންކަރު ގެ މި ބައްދަލުވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި، އިންޑިއާއިން އެގައުމުގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނޭ ގޮތަށް ގިނަ ކަންކަމުގައި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތައް ކަނޑައެޅިގެންދާނެ ކަމަށް ބެލެވޭ،'' ވެރިކަންކުރާ ބީޖޭޕީ ޕާޓީގެ މަސްލަހަތު އޮންނަ ''ވިއޯން'' ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވި ފަހުން އިންޑިއާ ރާއްޖެ ދެމެދު އޮންނަ ގުޅުން ވަނީ ހީނަރުވެފައެވެ. އަދި މި ސަރުކާރުން ޗައިނާއެކު ގާތް ގުޅުމެއް ބަދަހިކުރާ ކަމުގެ އަޑު ވަނީ ފެތުރިފައެވެ.

އެހެންނަމަވެސް ސަރުކާރުން ބުނަމުންދިޔައީ ހުރިހާ ގައުމުތަކާއެކު ގާތް ގުޅުމެއް ބާއްވާނެ ކަމަށާއި އެއްވެސް ގައުމެއް ތަފާތު ނުކުރާނެ ކަމަށެވެ.

މި މަހުގެ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެއިން ފައިބާ ނިމޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. ސިފައިންގެ ބަދަލުގައި ރާއްޖޭގައި ދެން ހަރަކާތްތެރިވާނީ އިންޑިއާގެ މަދަނީ މީހުންނެެވެ.



More from Vaguthu