މިނިސްޓްރީ އޮފް ހޯމް އެފެއާޒް ރީބްރޭންޑް ކުރުމުގައި މުހިންމު މަގުސަދެއް އެބަ އޮތް: އިހުސާން

Thu, 02 May 2024 02:17 PM

View on this article on Vaguthu

މިނިސްޓްރީ އޮފް ހޯމް އެފެއާޒް ރީބްރޭންޑް ކުރުމުގައި މުހިންމު މަގުސަދެއް އެބަ އޮތް: އިހުސާން

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ކުރިން ދިވެހި ސަރުކާރު ތަރުތީބު ކުރެއްވި އިރުގައި މިނިސްޓްރީ އޮފް ހޯމްލޭންޑު ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ނަމުގައި ކުރީގެ މިނިސްޓްރީ އޮފް ހޯމް އެފެއާޒް ރީ-ބުރޭންޑްކޮށް އަލުން އައު މެންޑޭޓަކާއި އެކު ފެއްޓުމުގެ ވަރަށް މުހިންމު މަގުސަދު ތަކެއް އޮތް ކަމަށް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.



އިހުސާން މިހެން ވިދާޅުވީ މިއަދު އެ މިނިސްޓުރީއާއި ހިންމަފުށީ ކައުންސިލާއި ގުޅިގެން ކ. ހިންމަފުށީގައި މިއަދު ފަށައި މުޅި ރާއްޖޭގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ "އޮޕަރޭޝަން ކުރަނގި" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތަށް ފަހުއެވެ.

މިކަމާއި ގުޅިގެން ސުވާލުކުރުމުން އިހުސާން "ވަގުތު"އަށް ވިދާޅުވީ މިނިސްޓްރީ ރީބްރޭންޑް ކުރުމުގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގައި އެތައް އަހަރު ތަކެއް ވަންދެން ހައްލު ނުކުރެވި އޮތް ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުން ކަމަށެވެ. އަދި ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމާއި، ގޭންގު ކުށްތަކާއި ރޭވިގެން ހިންގާ ބޮޑެތި ކުށްތަކުގެ މައްސަލައަށް ހައްލެއް ހޯދުމުގެ އިތުރުން ކުށްތަކަށް އަރައިގަންނަ ކުޑަ ކުދިންނާއި އަދި ކުށުގެ މާހައުލުގައި އުޅޭ ކުޑަ ކުދިންގެ މައްސަލައަށް ހައްލެއް ހޯދުމަކީ އެ މުހިންމު ނިންމުމުގެ އެއް މަގުސަދު ކަމަށް ވިދާޅުވިއެވެ.

"މިކަން ކަމަށް ދާއިމީ ހައްލެއް ގެނެވޭނީ މި ކަމާއި ގުޅުން ހުރި ހުރިހާ އިދާރާތަކެއް އެއްވުޒާރާއެއްގެ ދަށުން މަސައްކަތް ކޮއްގެން ކަމަށް ރަައީސްއަށް ގަބޫލު ކުރެވޭ ހާލުގައި މިނިސްޓްރީ އޮފް ހޯމްލޭންޑު ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ނަމުގައި އެ މިނިސްޓްރީ ތަރުތީބު ކުރެއްވި އިރުގައި ބޭރު މީހުންގެ ކޯޓާ ދިނުމާއި، ވޯކު ޕާމިޓު ދިނުމުގެ މަސައްކަތް ބަދަލު ކުރެވި މި އެޖެންސީގެ ދަށުގައި އޮތް މޯލްޑިވްސް ޕްލިސް ސާވިސް ހަމަ އެގޮތަށް އޮންނާނެ ގޮތަށް ނިންމަވާ. އޭގެ އިތުރުން މިނިސްޓުރީ އޮފް ޑިފެންސްގެ ބެއްލެވުމުގެ ދަށުން މަސައްކަތް ކުރަމުން އައި މޯލްޑިވްސް އިމިގްރޭޝަންސްވެސް ހޯމްލޭނޑް ސެކިއުރިޓީގެ ބެލުމުގެ ދަށަށް ގެނެވުނީ އެއްފުރާލެއްގެ ދަށުގައި މިކަމަށް ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތް ކުރުމަށްޓަކައި،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ދާހިލީ ވުޒާރާގެ "އޮޕަރޭޝަން ކުރަނގި" ހަރަކާތުގެ އަމަލީ މަސައްކަތް ފެށުން--ވަގުތު އިމޭޖަސް: އާދިން މޫސާ ލަތީފް

ރާއްޖޭގައި އެއްވެސް ސަރުކާރަކުން އަޅާ ނުލާ އޮތް މަސްތުވާތަކެތީގެ މައްސަލައަކީ މިއަދުވެސް ރާއްޖޭގައި އޮތް އެެންމެ ބޮޑު އެއް މައްސަލައެކެވެ. އެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރާ ކަމަށް މީގެ ކުރީގެ ސަރުކާރުތަކުން ބުނި ނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް އެކަން ވަނީ ހައްލުނުވެފައެވެ. މަސްތުވާތަކެއްޗަށް ފަރުވާ ނުލިބި އެތައްބަޔަކު މުޖުތަމައުގައި ބާކީ ވެފައި އަދި ޖަލުތަކުގައިވެސް ޒުވާނުން އެބަތިއްބެވެ.

ކުށްތަކަށް އަރައިގަންނަ ކުޑަ ކުދިންގެ އަދަދުވެސް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މިކަމަށް ހައްލު ގެނެވެނީ ގާނޫނަށް ބަދަލުތަކެއް ގެނެސްގެން ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން ކުޑަކުދިން ޖިނާއީ ކުށުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރު 12 އަށް ބަދަލު ކުރަން ގާނޫނަށް އިސްލާހު ގެންނާނެ ކަމަށް އިހުސާން ކުރިން ވަނީ ވިދާޅުވެފައެވެ.

ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމަށް "އޮޕަރޭޝަން ކުރަނގި" މިއަދު ފަށައިފި



More from Vaguthu