އޮޑިޓް އޮފީހަށް 114.5 މިލިއަންގެ ބަޖެޓެއް ދޭން މަޖިލީހުން ނިންމައިފި

Mon, 21 Oct 2024 12:30 PM

View on this article on ThePress.mv

އޮޑިޓް އޮފީހަށް 114.5 މިލިއަންގެ ބަޖެޓެއް ދޭން މަޖިލީހުން ނިންމައިފި

އަންނަ އަހަރަށް ލަފާކޮށް، އޮޑިޓާ ޖެނެރަލްގެ އޮފީހަށް 114.5 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.



އޮޑިޓާ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 99.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު 2022 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގައި ހަދަމުންދާ އެ އޮފީހުގެ އާ އިމާރާތުގެ މަސައްކަތަށް 15 މިލިއަން ރުފިޔާ އިތުރުކޮށް މާލިއްޔަތު ކޮމިޓީން ނިންމީ 114.5 މިލިއަން ރުފިޔާގެ ބަޖެޓެއް އޮޑިޓާ ޖެނެރަލްގެ އޮފީހަށް ދިނުމަށެވެ.

އެހެންވެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓް ފާސްކުރުމަށް ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 75 މެންބަރުން ވެސް ވޯޓުދެއްވީ އޮޑިޓް އޮފީހަށް 114.5 މިލިއަން ރުފިޔާގެ ބަޖެޓެއް އަންނަ އަހަރަށް ލަފާކޮށް ކަނޑައެޅުމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުން އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓަށް ވަނީ 15 ޕަސެންޓް އިތުރުކޮށްފައެވެ.

މިދިޔަ މަހުގެ ފަހުކޮޅު އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ލިޔުއްވި ގޮތުގައި:

  • އެ އިދާރާގެ މުސާރައިގެ އޮނިގަނޑަށް 2008 ގެ ފަހު ގެނައި ބަދަލާއެކު މުސާރައިގެ އޮނިގަނޑު މުރާޖައާކުރުމުގެ ފުރުސަތު މިދިޔަ 21 އަހަރު ލިބިފައެއް ނުވޭ
  • ނަތީޖާއެއްގެ ގޮތުން މިދިޔަ ހަތަރު އަހަރު ދުވަހު ތިން ޑިރެކްޓަރަކާއި 13 މެނޭޖަރަކާއި 13 ސީނިއާ އޮޑިޓަރަކު ހިމެނޭހެން 99 މުވައްޒަފަކު އެ އިދާރާއިން ވަކިވެފައިވޭ

އެހެންވެ މުސާރައިގެ އޮނިގަނޑު މުރާޖައާނުކޮށް، މުވައްޒަފުން ކުރާ މަސައްކަތަށް ބަލައި މުސާރައިގެ ކުރިއެރުން ދިނުމަށް ހިމަނާފައިވާ ކަމަށް އޮޑިޓަރު ޖެނެރަލް ލިޔުއްވާފައިވެއެވެ. ނިޔާޒީ ލަފާކުރެއްވި ގޮތުގައި އޮޑިޓާ ޖެނެރަލްގެ އޮފީހުގައި މަސައްކަތްކުރާ 173 މުވައްޒަފުންގެ ތެރެއިން 100 މުވައްޒަފަކަށް އަންނަ އަހަރު ކުރިއެރުން ލިބޭނެއެވެ.

ހަމަ އެހެންމެ، އޮޑިޓާ ޖެނެރަލް އޮފީސް ހިންގާ ދެ އިމާރާތްކަމަށްވާ ސްޓާ ކްލައުޑް އިމާރާތާއި ބިއްލޫރިޖެހިގޭގެ ތެރެއިން ބިއްލޫރިޖެހިގެއަކީ ވަރަށް ބޮޑަށް ބާވެ ހަލާކުވެފައިވާ އިމާރާތެއް ކަމަށްވާތީ އެ ތަނުން އެހެން އިމާރާތަކަށް އަންނަ އަހަރު ބަދަލުވާން ޖެހިއްޖެ ނަމަ ކުލީގެ ގޮތުގައި ބޮޑު ހަރަދެއް ހިނގާނެ ކަމުގައި ވެސް ނިޔާޒީ ލަފާކުރެއްވިއެވެ.



More from ThePress.mv