ރާއްޖެއިން ބޭރު ކުރަން އުޅުނު 81،030 ޑޮލަރު ދައުލަތަށް ނަގާ 12،000 ރުފިޔާއިން ޖޫރިމަނާކޮށްފި

Mon, 21 Oct 2024 03:53 PM

View on this article on ThePress.mv

ރާއްޖެއިން ބޭރު ކުރަން އުޅުނު 81،030 ޑޮލަރު ދައުލަތަށް ނަގާ 12،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ކޯންފްލޭކްސް ޕެކެޓެއް ތެރޭ ފޮރުވައިގެން ރާއްޖެއިން ބޭރަށް ގެންދަން އުޅުނު 81،030 ޑޮލަރު ދައުލަތަށް ނަގާ މި މައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާ 12،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.



މި މައްސަލައިގައި ހައްޔަރުކޮށް ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުމުގެ ކުށުގެ ދައުވާކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝަހްމިން އިސްލާމް ޝަގުރްއަށެވެ. މިދިޔަ އޮގަސްޓު މަހުގެ 25 ވަނަ ދުވަހު 13:53 ހާއިރު، ބަންގްލަދޭޝްއަށް ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ހުއްޓައި ލަގެޖު ބެލިއިރު ޑޮލަރުތައް ފެނުނު މައްސަލައިގައި ހައްޔަރުކުރި ޝަހްމިންގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން އެ މައްސަލައަކީ އިއުތިރާފުގެ އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށް ހުށަހަޅައިފައިވާ މައްސަލައެކެވެ.

އިއްޔެ ކުރި ހުކުމުގައި އޭނާ ދައުވާއަށް އިއުތިރާފުވެ، އެ މައްސަލައިގައި ވަކީލަކު ހަމަޖެއްސުމުގެ ތަނަވަސްކަން ނެތް ކަމަށާއި އޭނާ އެދެނީ ވީހާ ވެސް އަވަހަށް ހުކުމްކޮށް، ރާއްޖެއިން ޑީޕޯޓުކޮށް ދިނުމަށް ކަމަށް ބުނެފައިވެއެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ޝަހްމިންއާ އެކު ހަދައިފައިވާ އިއުތިރާފުގެ އެއްބަސްވުމުގައި ވަނީ އޭނާ ގެންދަން އުޅުނު ޑޮލަރުތައް ދައުލަތަށް ނަގައި، ޖޫރިމަނާގެ ގޮތުގައި 12،000 ރުފިޔާ ދެއްކުމަށެވެ.

މި މައްސަލައިގައި ޝަހްމިން ވަނީ، އޭނާގެ އަމިއްލަ ފައިސާގެ ގޮތުގައި ހިމެނޭ 4500 ޑޮލަރާއި 350 ޔޫރޯ ކަސްޓަމްސް އިން ނަގާފައިވާކަމަށް ބުނެފައެވެ. އަދި އެ ފައިސާ ލިބުމުން ޖޫރިމަނާ ދެއްކޭނެ ކަމަށްވެސް ބުނެފައިވެއެވެ. މި މައްސަލައިގައި ކޯޓުން ކުރި ހުކުމުގައި ވަނީ އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތަށް ފޮރުވައިގެން ގެންދަން އުޅުނު ޑޮލަރުތައް އަތުލައި 15 ދުވަސް ތެރޭގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އަމުރުކޮށްފައެވެ.



More from ThePress.mv