ޔޫރޯ 2024: މިއަދު ތިން މެޗު، ސްޕެއިން އަދި ކްރޮއޭޝިއާ ވާދަކުރާ މެޗު 9 ޖަހާ އިރު

Sat, 15 Jun 2024 12:56 PM

View on this article on ThePress.mv

ޔޫރޯ 2024: މިއަދު ތިން މެޗު، ސްޕެއިން އަދި ކްރޮއޭޝިއާ ވާދަކުރާ މެޗު 9 ޖަހާ އިރު

ޔޫރޯ ފުޓްބޯޅަ މުބާރާތް ރޭ ޖާމަނީގައި ފެށި އިރު މިއަދު އެމުބާރާތުގެ ތިން މެޗު ކުޅޭނެއެވެ. އެއީ ގްރޫޕް އޭ ގެ އެއް މެޗާއި ގްރޫޕް ބީގެ ދެމެޗެވެ.ގްރޫޕް އޭގެ ދެވަނަ މެޗު ރާއްޖެ ގަޑިން ހަވީރު ހައެއް ޖަހާ އިރު

މިއަދު ފުރަތަމަ ފެނިގެންދާނީ ގްރޫޕް އޭގެ ބާކީ އޮތް ދެ ޓީމު ކަމަށްވާ ހަންގަރީ އަދި ސުވިޓްޒަލޭންޑްގެ ދެމެދު ކުޅޭ މެޗެވެ. ރާއްޖޭ ގަޑިން ހަވީރު ހައެއް ޖަހާ އިރު ކުޅޭ މިމެޗުން ނަތީޖާ ނެރުމަށް ދެ ޓީމުން ވެސް ބޭނުންވާނެއެވެ. ހާއްސަ ގޮތެއްގައި މި މުބާރާތުގެ ފުރަތަމަ މެޗު އަދި ގްރޫޕްގެ ފުރަތަމަ މެޗުގައި ޖާމަނީ 5-1 އިން ސްކޮޓްލޭންޑް ބަލިކުރުމުން މި ދެޓީމުން ވެސް މުބާރާތުގެ ފެށުން ރަނގަޅު ކުރަން ބޭނުންވާނެއެވެ.

ހަންގަރީގެ 23 އަހަރުގެ ކެޕްޓަން ސަބޮސްލާއީ އަކީ ޔޫރޯ މުބާރާތެއްގައި އެގައުމު ތަމްސީލުކުރާނެ އެންމެ ޒުވާން ކެޕްޓަން/ފޮޓޯ: އެކްސް

މި މެޗަށް ހަންގަރީ ނިކުންނަނީ ރަނގަޅު ފޯމެއްގައި އޮވެގެންނެވެ. މިގޮތުން އެޓީމުން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައިވާ އިރު މިމަހުގެ 4 ވަނަ ދުވަހު އަޔާލޭންޑާ ވާދަކުރި މެޗުން ހަންގަރީ ބަލިވީ 2-1 ގެ ހަނި ސްކޯލައިނަކުންނެވެ.

ސުވިޓްޒަލޭންޑަށް ބަލާ އިރު އެޓީމުން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވި އިރު އަނެއް ދެމެޗުން ވީ އެއްވަރެވެ.

ސްޕެއިން އަދި ކްރޮއޭޝިއާގެ ކުރިމަތިލުން ރޭގަނޑު ނުވައެއް

ޔޫރޯގެ 2024 ގެ އެންމެ ވާދަވެރި ގްރޫޕް ކަމަށް ބެލެވޭ ގްރޫޕް ބީގެ ފުރަތަމަ ދެމެޗު މިރޭ ފެނިގެންދާނެ އިރު ފުރަތަމަ މެޗުގައި ވާދަކުރާނީ ސްޕެއިން އަދި ކްރެއޭޝިއާއެވެ.

ޔޫރޯ 2024 އަށް ސްޕެއިން ކުރިމަތިލަނީ ރަނގަޅު ފޯމެއްގައި އޮވެގެންނެވެ. މިގޮތުން، އެޓީމުން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައިވާ އިރު އަނެއް މެޗުން ވީ އެއްވަރެވެ. އަދި މުބާރާތުގެ ކުރިން މިމަހު ކުޅުނު އެކުވެރިކަމުގެ ދެ މެޗު ވެސް ސްޕެއިން ކާމިޔާބު ކުރީ ވާދަވެރިންގެ ކޮޅަށް 5 ލަނޑު ޖަހައިގެންނެވެ.

މިރޭގެ މެޗުގެ ކުރިން ކްރޮއޭޝިއާ އެންމެ ފަހުގެ ތަމްރީނުތަކުގައި ބައިވެރިވަނީ/ފޮޓޯ:އެކްސް

ކްރޮއޭޝިއާ އަށް ބަލާ އިރު އެޓީމު ވެސް މިރޭގެ މެޗަށް ނިކުންނަނީ ރަނގަޅު ފޯމެއްގައި އޮވެގެންނެވެ. މިގޮތުން އެޓީމުން އެންމެ ފަހުން ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށްފައިވާ އިރު މިމަހުގެ 8 ވަނަ ދުވަހު ޕޯޗުގަލްއާ ވާދަކުރި މެޗު 2-1 އިން ކާމިޔާބުކުރީ ކްރޮއޭޝިއާއެވެ.

ސްޕެއިން އަދި ކްރޮއޭޝިއާ ކުޅޭ މެޗު ރާއްޖޭ ގަޑިން ރޭގަނޑު 9 ޖަހާ އިރު ފަށާ އިރު މިމެޗު ކުޅެނީ ޖާމަނީގެ ވެރިރަށް ބާލިންގައެވެ.

އެންމެ ފަހުގެ ޗެމްޕިއަން އިޓަލީގެ ފުރަތަމަ މެޗުވެސް މިރޭ

2021 ވަނަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި އިޓަލީ ތަށި ދިފާއުކުރުމަށް ކުޅޭ ފުރަތަމަ މެޗުގައި ނިކުންނާނީ އަލްބޭނިއާއާ ދެކޮޅަށެވެ.

އިޓަލީން ބޭނުންވާނީ މިމެޗުން މޮޅުވެ މުބާރާތުގެ ފެށުން ރަނގަޅުކުރާށެވެ. ހާއްސަކޮށް މުބާރާތުގައި ދެން ކުޅެން ޖެހޭ މެޗުގައި ސްޕެއިންއާ ވާދަކުރަން ޖެހޭ އިރު އެމެޗުގެ ކުރިން ތާވަލުގެ ކުރި ހޯދުމަށް އިޓަލީން މަސައްކަތް ކުރާނެއެވެ. މެޗަށް ނިކުންނަ އިރު އިޓަލީ އޮތީ ރަނގަޅު ފޯމެއްގައެވެ. މިގޮތުން އެންމެ ފަހުން ކުޅުނު 4 މެޗުގެ ތެރެއިން ތިން މެޗުން އެޓީމު މޮޅުވި އިރު މިމަހުގެ 5 ވަނަ ދުވަހު ތުރުކީއާއެކު ކުޅުނު ރަހްމަތްތެރިކަމުގެ މެޗުވީ 0-0 އިން އެއްވަރެވެ.

ތަށި ދިފާއުކުރަން ނިކުންނަ އިޓަލީން ބޭނުންވާނީ މުބާރާތުގެ ފެށުން ރަނގަޅު ކުރަން/ފޮޓޯ: އެކްސް

އަލްބޭނިއާއަކީ ޔޫރޯ 2024 ގެ އެންމެ ހައިރާން ކޮށްލަނިވި ކުޅުން ދައްކާނެ ޓީމު ކަމަށް ބުނާ ޕަންޑިޓުން ގިނައެވެ. އެހެން ކަމުން މިރޭ މެޗު އިޓަލީއަށް ފަސޭހަ ނުވާނެ ކަމަށް ބެލެވޭ އިރު އަލްބޭނިއާގެ ފޯމް މެޗުގެ ކުރިން އެހާ ރަނގަޅެއް ނޫނެވެ. މިގޮތުން އެޓީމުން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވި އިރު އަނެއް ދެމެޗުން އެޓީމު ވީ ބައްޔެވެ.

ގްރޫޕް ބީގައި އިޓަލީ އަދި އަލްބޭނިއާ ވާދަކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާ އިރުއެވެ.More from ThePress.mv