"އޮޕަރޭޝަން ކުރަނގި": މާފުށިން 805 ބިދޭސީންގެ މައުލޫމާތު ނަގައިފި

Sat, 15 Jun 2024 10:32 AM

View on this article on ThePress.mv

"އޮޕަރޭޝަން ކުރަނގި": މާފުށިން 805 ބިދޭސީންގެ މައުލޫމާތު ނަގައިފި

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ހޯމް މިނިސްޓްރީން ފަށާފައިވާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މާފުށިން ގިނަ އަދަދެއްގެ ބިދޭސީންގެ މައުލޫމާތު ނަގައިފިއެވެ.މާފުށީގައި ކުރަނގި އޮޕަރޭޝަން ފަށާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އަދި އެކަމުގެ މައުލޫމާތު ހިއްސާ ކުރަމުން ހޯމް މިނިސްޓްރީން ބުނީ، އެ އޮޕަރޭޝަންގައި މިހާތަނަށް 805 ބިދޭސީއެއްގެ މައުލޫމާތު ނަގާފައިވާ ކަމަަށެވެ.

އަދި މި އޮޕަރޭޝަން އީދަށް މެދު ކަނޑާލާފައިވާކަން ފާހަގަ ކޮށް ހޯމް މިނިސްޓްރީން ބުނީ، ދެން އޮޕްރޭޝަން ފަށާނީ އީދު ބަންދަށް ފަހު ކަމަށެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގައުމީ ހަރަކާތުގެ ދަށުން ކުރިއަށްގެންދާ މި އޮޕަރޭޝަން ފެށީ މެއި 2 ގައި ކ. ހިންމަފުށިންނެވެ. އަދި މެއި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގާފައި ވެއެވެ.

މި ސަރުކާރުގެ އަމާޒަކީ އެއް އަހަރު ދުވަސްތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދިފައިތިބި މީހުންކަން ކަށަވަރު ކުރުމެވެ. ގަވާއިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން އެތެރެވުމުގެ މައްސަލައަކީ ދެހާހުގެ ފަހުކޮޅުން ފެށިގެން ބޮޑުވެފައިވާ މައްސަލައެެކެވެ. އެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި މީގެ ކުރީގެ އެކި ސަރުކާރުތަކުން ވެސް ބުރަ މަަސައްކަތްތަކެއް ކޮށްފައިވެ އެވެ.

އެގޮތުން މިދިޔަ ސަރުކާރުން ވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އެންމެ ގިނައިން އުޅޭ ބިދޭސީން ނިސްބަތްވާ ބަންގުލަދޭޝްއިން ރާއްޖެއަށް ލޭބަރުން ނުގެނެވޭ ގޮތް ހަދައިފަ އެވެ. ނަމަވެސް, މި ސަރުކާރުން ވަނީ ބަންގުލަދޭޝްއިން "އަންސްކިލްޑް" ލޭބަރުން ގެނެވޭ ގޮތަށް އަލުން އުސޫލު ބަދަލުކޮށްފަ އެވެ.More from ThePress.mv