ކައުންސިލުތަކުގެ ދަރަޖަ 3 ވަނައަށް ބަދަލުކުރުމަކީ ހެޔޮ ބަދަލުތަކެއް ފެނިގެންދާނެކަމެއް: އާދަމް ޝަރީފު

Wed, 24 Apr 2024 11:31 AM

View on this article on ThePress.mv

ކައުންސިލުތަކުގެ ދަރަޖަ 3 ވަނައަށް ބަދަލުކުރުމަކީ ހެޔޮ ބަދަލުތަކެއް ފެނިގެންދާނެކަމެއް: އާދަމް ޝަރީފު

ކައުންސިލްތަކުގެ ދަރަޖަ 4 ވަނައަށް އޮންނަ އޮތުމަކީ ކައުންސިލުތަކުގެ ބޮޑު ކަންބޮޑުވުމެއް ކަމަށާއި މިކަންބޮޑުވުންތައް އަޑުއަހާ މިހާރު ކައުންސިލުތަކުގެ ދަރަޖައަކީ 3 ވަނަކަމަށް ކަނޑައަޅާފައިވާ ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.



ލާމަރުކަޒީ ނިޒާމުގެ ސިޔާސަތު ވިލަރެސްކުރުމުގެ މާހާސިންތާ "ފަނޯއްލަ ދަރުބާރު" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ ކައުންސިލްތަކުގެ ދަރަޖަ ބަދަލުކުރުމާ ގުޅިގެން ކައުންސިލުތަކަށް ކުރިއެރުން ލިބި ހެޔޮ ބަދަލުތަކެއް ފެނިގެންދާނެކަމަށެވެ. ރައްޔިތުން ކުރާ އިތުބާރު ބޮޑު ކުރަންޖެހޭ ކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުން، ކައުންސިލްތަކަށް މެންބަރުން އައްޔަންކުރަނީ ހަގީގީ މާނައިގައި އެ ކައުންސިލްތަކުން ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދޭނެކަމުގެ އުންމީދުގައި ކަމަށެވެ.

ރައްޔިތުން ކައުންސިލްތަކަށް ކުރާ އިތުބާރު ބޮޑު ކުރުމަށް ކައުންސިލްތަކުގެ ހިދުމަތްތައް ފުޅާކުރަން ޖެހޭ ވާހަކައަކީ އަބަދު ވެސް ދެކެވޭ ވާހަކައެއް ކަމަށެވެ. އެ ގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ލާމަރުކަޒީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް އަންނަމުން ދާކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުވުމަކީ އެ މަނިކުފާނު ވަރަށް ހާއްސަ އިސްކަމެއް ދެއްވާކަމެއް ކަމަށެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ނިޒާމު ހަމަޖެހިފައި އޮތް ގޮތުން ދިވެހި ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދޭނީ ކައުންސިލްތަކުން ކަމަށެވެ. ކައުންސިލްތަކަށް ރައްޔިތުން ވަރަށް ބޮޑަށް ބަރޯސާވާކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ އެއްދުވަހުން އަނެއް ދުވަހަށް އަންނަ ބަދަލުތަކާ އެކު ކައުންސިލްތަކުން ކުރަންޖެހޭ މަސައްކަތްތައް ވެސް ވަރަށް ގިނަ ކަމަށެވެ.

އިތުރަށް އާދަމް ޝަރީފް ވިދާޅުވީ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަނީ ރަށްރަށުގައި ހިންގަންޖެހޭ ތަރައްގީގެ މަޝްރޫއުތަކާއި ރައްޔިތުންނާ ގުޅުންހުރި ކޮންމެ ކަމެއްގައި "އެންމެ ފުރަތަމަ ޓަކިޖަހަން ޖެހޭ ދޮރަކީ" ކައުންސިލްތަކަށް ހެދުމުގެ މަސައްކަތްކަމަށެވެ.



More from ThePress.mv