މޭ 6 ހަމަލާ: މައްސަލަ ދިގުލައިގެން ދިޔުން ކުށްވެރިކޮށް، އިންސާފު ގާއިމް ކުރުމަށް ޑިމޮކްރޭޓުން ގޮވާލައިފި

Mon, 06 May 2024 11:13 AM

View on this article on ThePress.mv

މޭ 6 ހަމަލާ: މައްސަލަ ދިގުލައިގެން ދިޔުން ކުށްވެރިކޮށް، އިންސާފު ގާއިމް ކުރުމަށް ޑިމޮކްރޭޓުން ގޮވާލައިފި

ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުން ފުރަތަމަ ފަހަރަށް އިންތިހާބުކުރެވުނު ރައީސް، ރައީސް މުހައްމަދު ނަޝީދު އަވާހަރަ ކޮށްލުމަށް ދިން ހަމަލާގެ މައްސަލައިގައި އެމަނިކުފާނަށް އިންސާފު ނުލިބި 3 އަހަރުވެފައިވާތީ ދަ ޑިމޮކްރެޓްސްއިން އެކަން ކުށްވެރިކޮށްފިއެވެ.



ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް އެމަނިކުފާނަށް މި ހަމަލާ ދީފައި ވަނީ މޭ 6 2021 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި އެމަނިކުފާނު ގެކޮޅުން ނިކުމެވަޑައިގެން ކާރުކޮޅަށް ދިމާލަށް ވަޑައިގެންނެވި ވަގުތުއެވެ.

ބޮމުގެ އެ ހަމަލާގައި ރައީސް ފުރާނަފުޅު ސަލާމަތްވި ނަމަވެސް، ރޭޒާފުއްތައް ހަށިކޮޅުގެ އެތަން މިތަނަށް އަރައި ޒަހަމްކޮށްލާފައިވުމުން ކްރިޓިކަލް ހާލަތެއްގައި 16 ގަޑިއިރުގެ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުން ކުރިކަން ޑިމޮކްރެޓްސްއިން ފާހަގަ ކުރެއެވެ. އަދި އެ މައްސަލާގައި މިއަދަށް 3 އަހަރު ވާއިރު އެމަނިކުފާނަށް އިންސާފު ލިބިވަޑައިގެންފައި ނުވާތީ އެ ޕާޓީއިން ވަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދަ ޑިމޮކްރެޓްސްއިން ބުނީ ދައުލަތުގެ މުހިންމު މަގާމެއްގައި ހުންނެވި ބޭފުޅަކަށް، ދުރާލާ ރާވައިގެން އެ ވަރުގެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ފުރުސަތު ލިބިދީފައި އޮތުމީ އެ ޕާޓީއިން ކަންބޮޑުވާ އަދި ކުށްވެރިކުރާ ކަމެއް ކަމަށެވެ. އަދި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް 3 ފަހަރެއްގެ މަތިން ކުރިންވެސް ރާވައި މަސައްކަތްކުރިކަމުގެ އިންޓެލިޖެންސް މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނިކޮށް، އެމަނިކުފާނަށް ގާނޫނުއަސާސީން ލާޒިމުކުރާ ރައްކާތެރިކަން ކަށަވަރުކޮށްނުދީ އޮތް އޮތުން ވެސް އެ ޕާޓީއިން ވަނީ ކުށްވެރި ކޮށްފައެވެ.

އެ ހަމަލާގެ މައްސަލާގައި އިއުތިރާފުވި ފަރާތް ފިޔަވައި، އެހެން މީހުންގެ ޝަރީއަތްތައް ހިނގުން ލަސްވެ، ހައްޔަރުގައިވާ ބައެއް މީހުން ހައްޔަރުން ދޫވުމުގެ އިތުރުން ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވުމާއި އަދި އެ ހަމަލާގެ އަޑީގައިވާ އެއްވެސް ފަރާތެއް މިއަދާ ހަމައަށްވެސް ނުހޯދި އިންސާފު ގާއިމުނުވެ، އަހަރުތައް ފާއިތުވެ ދިއުމަކީ މި ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެއް ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ. އެއީ ބޮޑެތި މައްސަލަތައް ކުދި ކަންކަމުގެ ގޮތުގައި ދެކި، އެ މައްސަލަތަކުގެ ސީރިއަސްކަން ކަނޑުވާލައި "ނޯމަލައިޒް" ކުރުމުގެ އަމަލެއްކަމުގައި ދަ ޑިމޮކްރެޓްސްއިން ދެކޭ ކަމަށް އެ ޕާޓީއިން ބުނެއެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާގެ މައްސަލަ، އޭގެ އެންމެ ފުންމިނަށް ބަލައި، އެކަމުގައި ބައިވެރިވާ ފަރާތްތަކަށް ހައްގު އަދަބު ކަނޑައަޅައި، އެމަނިކުފާނަށް އިންސާފު ގާއިމުކުރުން އަވަސްކުރުމަށް ދަ ޑިމޮކްރެޓްސްއިން ވަނީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ނަޝީދުގެ ގެކޮޅުން ނުކުމެވަޑައިގެން، މަޖީދީމަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް އައިއީޑީ ގޮއްވާލި އެ ހާދިސާގައި އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވެފައިވާއިރު ނަޝީދު އެންމެ ފުރަތަމަ ފަރުވާ ހޯއްދެވީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އަދި އެމަނިކުފާނުގެ ފުރާނަ ސަލާމަތްކުރުމަށް ވަގުތުން ކުރަން ޖެހުނު ގިނަ އޮޕަރޭޝަންތައްް އެ ހޮސްޕިޓަލްގައި ކުރުމަށް ފަހު ޖަރުނަމަށާއި އިނގިރޭސިވިލާތަށް ވަޑައިގެން ވަނީ އިތުރު ފަރުވާ ހޯއްދަވާފައެވެ.



More from ThePress.mv