މީހަކަށް ކުރެވޭ ކުށެއްގެ ފައިދާ ނަގާ އެ މީހާ ފަޟީހަތް ކުރުމަކީ ކޮށްގެންވާނޭ ކަމެއް ނޫން: ރައީސް

Mon, 06 May 2024 11:55 AM

View on this article on ThePress.mv

މީހަކަށް ކުރެވޭ ކުށެއްގެ ފައިދާ ނަގާ އެ މީހާ ފަޟީހަތް ކުރުމަކީ ކޮށްގެންވާނޭ ކަމެއް ނޫން: ރައީސް

މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒް ފައިދާ ނަގާ، އެ މީހަކު ފަޟީހަތް ކުރުމަކީ ކޮށްގެންވާނޭ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މީހަކަށް ކުށެއް ކުރެވޭ ހިނދު އެކަމުގެ ފައިދާ ނަގާ އެއްވެސް މަގްސަދެއްގައި ވީޑިޔޯކޮށް އާންމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ އަހްލާގީ ގޮތުން އަދި އިޖްތިމާއީގޮތުން ބަލާއިރު އެއްގޮތަކަށް ވެސް ކޮށްގެންވާނޭ ކަންކަމެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ކުށެއްކޮށްފި މީހަކާމެދު ކަންކުރާނޭ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ގާނޫނީ ނިޒާމު ގާއިމް ވެފައިވާ ކަމަށެވެ. އެހެންކަމުން ދީނީ ގޮތުންނާއި އިޖްތިމާއީގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ގާނޫނުގެ ވެރިކަން އަމިއްލަ އަތް މައްޗަށް ނެގުމަކީ މުޖްތަމައުން ނައްތާލަން މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫހު ނައްތާލުމަށްވެސް އެޅޭ ހުރަހެއް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމައެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށްވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. ބަދަލުހިފުމުގެ ރޫހު ތާއަބަދަށް ނެތިގެންދާން ޖެހޭ ކަމަށް ރައީސް ވަނީ މީގެކުރިން ވެސް ވިދާޅުވެފައެވެ. ރައީސް ވިދާޅުވެފައި ވަނީ ބަދަލު ހިފުމުގެ ރޫހު ގައުމުން ނައްތާލައިގެން މެނުވީ ގައުމަށް ހަމަޖެހުމެއް ނާންނާނެ ކަމަށެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވާއިރު، ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކާރުގައި ޕިކަޕަކުން ޖެހި އެކްސިޑެންޓުވި މައްސަލައިގެ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އަދި އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ މައްސަލަ ހައްލުކުރެއްވުމަށް ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް (އިންމު) ވަނީ މަސައްކަތް ކުރައްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިމްރާންގެ ކާރުކޮޅު ގައި ޕިކަޕު ޖެހުމާއި ގުޅިގެން ޕިކަޕު ދުއްވި މީހާއަށް ނިސްބަތްކޮށް ރުޅިވެރި ކަމާ އެކު އިމްރާން ވަނީ ވާހަކަ ދައްކަވާފައެވެ. އަދި އެކަން ހައްލު ކުރުމުގެ ގޮތުން ވަނީ އިމްރާންގެ ކިބައިން ޕިކަޕު ދުއްވި މީހާއަށް މާފުކޮށް ދެއްވުމަށް އެދިފައެވެ. އިމްރާން މާފުކޮށް ނުދެއްވާނަމަ ކާރަށް ލިބުުނު ގެއްލުމަށް އިންމު ޒިންމާ ވާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.



More from ThePress.mv