ހަތަރު ރަށެއްގައި އެއާޕޯޓު ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

Fri, 19 Apr 2024 01:39 PM

View on this article on ThePress.mv

ހަތަރު ރަށެއްގައި އެއާޕޯޓު ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ހަތަރު ރަށެއްގައި އެއާޕޯޓު ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.



އެމްޓީސީސީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އާ ދެމެދު މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިއްޔެ އެވެ. މި އެއްބަސްވުންތަކުގެ ދަށުން އެއާ ޕޯޓު ތަރައްގީ ކުރަން ނިންމާފައިވަނީ:

  • ށ. ބިލެއްފަހި
  • ށ. މިލަންދޫ
  • ތ. ވިލުފުށި
  • ތ. ގުރައިދޫ އެވެ.

ށ. ބިލެއްފަހީގައި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫގައި އެމްޓީސީސީގެ ފަރާތުން ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ ޑީއެމްޑީ ހަސަން މުގުނީއެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކޮށްފައިވަނީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޒީމް އެވެ. މި މަޝްރޫގެ ދަށުން 1500 މީޓަރުގެ ރަންވޭއެއް ގާއިމުކުރުމާއެކު 4550 މީޓަރުގެ ޕެރިމީޓާ ފެންސެއްވެސް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއަކީ 256.78 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ތ. ވިލުފުށި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫގައި އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ ޗީފް ޕްރޮޖެކްޓު މެނޭޖާ އަހުމަދު ލަތީފު ސޮއި ކޮށްފައިވާއިރު، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކޮށްފައިވަނީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. މަޝްރޫގެ ދަށުން 1800 މީޓަރުގެ ރަންވޭއެއް ގާއިމުކުރުމާއެކު 5150 މީޓަރުގެ ޕެރިމީޓާ ފެންސެއްވެސް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫ އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 277.33 މިލިއަން ރުފިޔާއަށެވެ.

ށ. މިލަންދޫގައި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫގައި އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ ޑީއެމްޑީ ހަސަން މުގުނީ އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޒީމް ސޮއި ކޮށްފައިވާއިރު ގުރައިދޫ އެއާޕޯޓު ތަރައްގީ ކުރުމަށް އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ޕްރޮޖެކްޓު މެނޭޖާ އަހުމަދު ލަތީފެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ.

އެމްޓީސީސީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްގީގެ ގިނަ މަޝްރޫތަކެއް ހިންގަމުންނެވެ.



More from ThePress.mv