ޑރ. ރަމްޝާ އަވަހާރަވުމުން ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

Thu, 02 May 2024 10:59 PM

View on this article on ThePress.mv

ޑރ. ރަމްޝާ އަވަހާރަވުމުން ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

ކެންސަރަށް ފަރުވާ ހޯއްދަމުން ގެންދަވަނިކޮށް ޑރ. އާމިނަތު ރަޝްމާ އަވަހާރަވުމުން އޭނާގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.



ރައީސް ވިދާޅުވީ ރަޝްމާ އަކީ ހިދުމަތްތެރި އަދި މަގުބޫލު ޑޮކްޓަރެއް ކަމަށާއި އޭނާ އަވަހަރާވި ހަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ. އަދި ދިވެހި ގައުމަށް ގެއްލިގެން އެދިޔައީ ކުޅިވަރުގެ މައިދާނުގައި ރީތި ނަމޫނާ ދެއްކެވި މޮޅު އެތުލީޓެއް ކަމަށާއި އިންސާނިއްޔަތަށް ހިދުމަތް ކުރެއްވުމުގައި ރެޔާއި ދުވާލު މަސައްކަތް ކުރެއްވި ވާގިވެރިއެެއް ކަމަށެވެ.

އަދި އޭނާ އަކީ ބަލިމީހުންނާއި ނުކުޅެދޭ މީހުންނަށް ހިތްވަރުދެއްވުމުގައި އޯގާތެރި އެހީތެރިއެއް ކަމަށް ވެސް ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

މަރްހޫމާ ޑރ. އާމިނަތު ރަމްޝާގެ ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް އެދިވަޑައިގެން ކީރިތިﷲގެ ރުއްސެވުމާ، ފުއްސެވުމާ، ސުވަރުގޭގެ ދާއިމީ ނިއުމަތް އެ މަރްހޫމާއަށް މިންވަރު ކުރެއްވުން ރައީސް ދުއާ ދެންނެވިއެވެ.

ޑރ. ރަމްޝާ އަވަހާރަ ވީ ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާތާ ގިނަ ދުވަސްތަކަކަށް ފަހު ތައިލޭންޑުގައެވެ. ކެންސަރުގެ ބައްޔާ ހުރެ އޭނާ 2000 ވަނަ އަހަރު ދިރިއުޅުން ތައިލޭންޑަށް ބަދަލު ކުރައްވައި އަވަހާރަ ވަންދެންވެސް އިންނެވީ ތައިލޭންޑުގައެވެ.

ޑރ. ރަމްޝާ އަކީ ކޮވިޑް-19 ގެ ދުވަސްވަރު ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން އޮންލައިންކޮށް ކްލަބް ހައުސް މެދުވެރިކޮށް ގިނަ ބަޔަކާ ވާހަކަދައްކަވައި، ކަންކަމާ ގުޅޭ ގޮތުން ނަސޭހަތް ދެއްވިއެވެެ. ޑރ. ރަމްޝާގެ މަންމަވެސް ކެންސަރު ބަލީގައި ދުނިޔެ ދޫކުރައްވާފައި ވުމުން ރަމްޝާ ވަނީ އެ ތަޖުރިބާތައް ހިއްސާކުރައްވައި ކެންސަރު ބަލީގެ ވޭން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ހިތްވަރުވެސް ދެއްވާފައެވެ.

ޑރ. ރަމްޝާ އަބަދުވެސް ފާހަގަ ކުރެވިފައިވަނީ އެންމެންނާވެސް ގުޅޭ ހިތްހެޔޮ މިޒާޖެއްގެ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ރަމްޝާއާ ދިމާވި ބޭފުޅަކު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ރަމްޝާއަށް ނިސްބަތްކޮށް ބުނެފައިވަނީ "ލޯފަން ކުދިންނަށް ނަސޭހަތްތެރިވެ އިރުޝާދު ދެމުން ގެންދިޔަ މިތުރެއް އެއީ. ވަރަށް ހިތްހެޔޮ ހިތްވަރުގަދަ ނަމޫނާ ޝަހްސިއްޔަތެއް" ކަމަށެވެ.

ޑޮކްޓަރެއްގެ އިތުރުން ރަމްޝާ އަކީ އެތްލީޓެއްވެސް މެއެވެ. އެގޮތުން 800 މީޓަރާއި 1500 މީޓަރުގެ ދުވުންތަކަށް އޭނާ ހާއްސަވެފައި ވާއިރު ރާއްޖެ ތަމްސީލު ކުރެއްވުމަށްޓަކައި ބޭރު ގައުމުތަކުގެ ދުވުމުގެ މުބާރާތްތަކަށްވެސް ރަމްޝާ ވަނީ ވަޑައިގެންފައެވެ.



More from ThePress.mv