"ސީ ޓު އެއާ ކާގޯ ޓްރާންސްޝިޕްމަންޓް" ގެ ހިދުމަތް ދިނުމަށް ތިން ކުންފުންޏަކާއެކު އެމްޕީއެލްއިން އެމްއޯޔޫތަކެއްގައި ސޮއިކޮށްފި

Fri, 29 Mar 2024 11:39 AM

View on this article on ThePress.mv

"ސީ ޓު އެއާ ކާގޯ ޓްރާންސްޝިޕްމަންޓް" ގެ ހިދުމަތް ދިނުމަށް ތިން ކުންފުންޏަކާއެކު އެމްޕީއެލްއިން އެމްއޯޔޫތަކެއްގައި ސޮއިކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) ގެ "ސީ-ޓު-އެއާ" ކާގޯ ޓްރާންސްޝިޕްމަންޓް ގެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ އެމްއޯޔޫތަކެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އާއި ޓާކިޝް އެއާލައިންސް އަދި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އާއެކު ސޮއިކޮށްފިއެވެ.



އެކަމަށްޓަކައި ރޭ މީރުމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޓާކިޝް އެއާލައިންސްއާއެކު ސޮއިކުރީ "ސީ-ޓު-އެއާ" ޓްރާންޝިޕްމަންޓް ހިދުމަތުގެ ކާގޯ ޕާޓްނަރެއްގެ ގޮތުގައެވެ. އެ އެމްއޯޔޫގައި ޓާކިޝް އެއާލައިންސްގެ ފަރާތުން ސޮއިކުރެއްވީ އެ އެއާލައިންއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އޭޖެންޓް، އެކްސްޕެޑައިޓް މޯލްޑިވްސް މެނޭޖިން ޑިރެކްޓަރު އަލީ ތޯރިގެވެ.

އެމްއެސްއެސްއާއެކު އެމްއޯޔޫއެއް ހެދީ ކެރިއާ ޕާޓްނަރަކަށްވުމަށް ކަމަށްވާއިރު އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފެވެ. އަދި އެމްއޭސީއެލްއާއެކު އެމްއޯޔޫ ހެދީ އެ ހިދުމަތް ފޯރުކޮށްދިނުމުގައި ދެ ކުންފުނިން އެއްބާރުލުން ދީ ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންނެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު މުހައްމަދު މިހާދެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ އެ ހިދުމަތަކީ އެމްޕީއެލްގެ އިތުރުން ރާއްޖޭގެ އިގްތިސާދަށްވެސް ފައިދާކުރާނެ ދުމަތެއް ކަމަށާއި އެމްޕީއެލްގެ އާމްދަނީ އިތުރުވެ، ހިދުމަތް ފުޅާވުމުގެ އިތުރުން މިއީ ރާއްޖޭގެ އިގްތިސާދަށްވެސް ކުރިއެރުން ލިބޭ ހިދުމަތެއް ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހި އިގްތިސާދު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި އެމްޕީއެލްއަށް ވަނީ މުހިންމު މަސައްކަތްތަކެއް ހަވާލުކުރެވިފައި ކަމަށާއި އެމްޕީއެލްއިން މަސައްކަތްކުރަނީ އެކަންތައްތައް ހާސިލްކުރުމަށް ކަމަށްވެސް ވަޖީހް ވިދާލުވިއެވެ.

މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން "ސީ-ޓު-އެއާ ކާގޯ ޓްރާންސްޝިޕްމަންޓް"ގެ ހިދުމަތް ފަށާފައިވާކަން ރަސްމީކޮށް އިއުލާންކޮށްފައިވާއިރު ސީ-ޓު-އެއާ ކާގޯ ހިދުމަތަކީ ވައިގެ މަގު އަދި ކަނޑު މަގު ބޭނުންކޮށްގެން މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތައާރަފްކުރާ ފަސޭހަ އަދި އަވަސް ހިދުމަތެއް ކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލްއިން ބުނީ މިއީ އެކި ބާވަތުގެ މުދާ އެކްސްޕޯޓްކުރާ ގައުމުތަކުން ބައެއް މަންޒިލްތަކަށް އަވަހަށް މުދާ ފޯރުކޮށްދިނުމުގައި ބޭނުންކުރެވޭނެ ހިދުމަތެއް ކަމަށާއި އެގޮތުން ރާއްޖެއަށް އެ ހިދުމަތް ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ފައިދާ އަކީ ވައިގެ މަގުން ގިނަ ގައުމުތަކަކަށް ރާއްޖެއަށް ފްލައިޓްތައް ދަތުރުކުރުން ކަމަށެވެ.



More from ThePress.mv