އެމްއެންޔޫ ގްރެޖުއޭޝަން: ދަސްވެނިވި ކުދިންނަށް މެޑަމް ސާޖިދާ ސަނަދު ހަވާލުކޮށްދެއްވައިފި

Sun, 28 Apr 2024 11:12 PM

View on this article on ThePress.mv

އެމްއެންޔޫ ގްރެޖުއޭޝަން: ދަސްވެނިވި ކުދިންނަށް މެޑަމް ސާޖިދާ ސަނަދު ހަވާލުކޮށްދެއްވައިފި

މިއަދު ބޭއްވި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ގްރެޖުއޭޝަންގައި ދަސްވެނިވި ހުރިހާ ދަރިވަރުންނަށް މެޑަމް ސާޖިދާ ސަނަދު ހަވާލުކޮށްދެއްވައިފިއެވެ.



މީގެއިތުރުން ކޯހުން 1 ވަނަ ހާސިލު ކުރި ދެ ދަރިވަރަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު މެޑަމް ސާޖިދާ ވަނީ ހަވާލު ކޮށްދެއްވާފައެވެ.

ގްރެޖުއޭޝަންގެ ފުރަތަމަ ދަންފަޅީގެ ޖަލްސާގައި ސަނަދު ހާސިލު ކޮށްފައިވަނީ އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އިން 28 ދަރިވަރުން އަދި ސްކޫލް އޮފް ނާސިންގެ 94 ދަރިވަރުންނެވެ. މެޑަމް ސާޖިދާ ވަނީ މި ދަރުވަރުންނަށް ސަނަދު ހަވާލުކޮށްދެއްވާފައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ އެމްއެންޔޫއިން ޑިގްރީ ހާސިލު ކުރުމަކީ ކުޑަ ކަމެއް ނޫންކަމަށާއި، ދަރިވަރުންގެ ބުރަ މަސައްކަތް ފާހަގަކޮށް ހުރިހާ ދަސްވެނިންނަށް ތަހުނިޔާއާއި މުބާރިކްބާދީ ދަންނަވާ ކަމަށެވެ. އަދި ހަޔާތުގެ ދެން އޮތް މައިދާނަށް ނުކުންނައިރު އެންމެންގެ ތަފާތުވުންތައް ގަބޫލު ކޮށް، އެކަކުވެސް ބާކީ ނުކޮށް ވަޒީފާ އަދާކުރުމަށް އެކަމާ ވަނީ ދަސްވެނިންގެ ކިބައިން އެދިފައެވެ.

މީގެއިތުރުން ސައިންސާއި، ޓެކްނޮލޮޖީއާއި، އިންޖިނިއަރިން އަދި ހިސާބު ހިމެނޭ "ސްޓެމް" ގެ ދާއިރާތަކަކީ މުޖުތަމައުގައި މުހިންމު ދައުރެއް އޮތް ދާއިރާތަކެއް ނަމަވެސް މި ދާއިރާތަކުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތި ވަމުންދާކަމުގައި މެޑަމް ސާޖިދާ ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން އަންހެނުންނާއި ފިރިހެނުންނަށްވެސް ސްޓެމްގެ ދާއިރާތަކުން މަތީ ތައުލީމު ހޯދުމާއި، މަސައްކަތުގައި ބައިވެރިވުމާއި، ކާމިޔާބީއަށް ހާސިލްވާން ހުރަސްތަކެއް ހުރިކަމަށާއި، މިކަން ހައްލު ކުރުމަށް "ސްޓެމް ކޮމިއުނިޓީ" އެއް އުފެއްދުމުގެ މުހިންމުކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

11 ފެކަލްޓީއަކާއި، މާލޭ ކެމްޕަސް ހިމެނޭ ގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް ކެމްޕަސް ހިންގަމުންދާ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި 3000 އަށްވުރެ ގިނަ ދަރިވަރުން ދަނީ ތައުލީމު ހާސިލުކުރަމުންނެވެ.



More from ThePress.mv