ނިޒާމީ ވޯޓަކަށް ދާން އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ފުރުސަތެއް ނެތް: ޕީޕީއެމް

Tue, 19 Sep 2023 05:45 PM

View on this article on ThePress.mv

ނިޒާމީ ވޯޓަކަށް ދާން އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ފުރުސަތެއް ނެތް: ޕީޕީއެމް

ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމާމެދު ވޯޓަކަށް ދާން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ފުރުސަތު ނެތް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުޅުދޫ ދާއިރާ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރަށް ނެގުނު ވޯޓުގައި މިއަދުގެ މަޖިލީހަށް ހާޒިވެވަޑައިގެން 37 މެންބަރުންގެ ތެރެއިން 35 މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެ ގަރާރަށް ފެންނަ ކަމަށް ހުރިހާ މެންބަރުން ވަނީ ވޯޓުދެއްވާފައެވެ.

އެއަށްފަހު އެ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުވުމަށް ވޯޓުގައި ބައިވެރިވެވަޑައިގެން 34 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތޮލާލް ވިދާޅުވީ، ވެރިކަމުގެ ނިޒާމު 2007 ވަނަ އަހަރު ބަދަލުކޮށްފައި އޮތީ ރައްޔިތުން ބޭނުންވި ގޮތަށް ކަމަށާއި ދެން ވެސް ރާއްޖޭގައި ފެންނަން އޮންނަ ވެރިކަމުގެ ނިޒާމެއް ކަނޑައަޅާނީ ރައްޔިތުން ކަމަށެވެ.

ނިޒާމީ ވޯޓަކަށް ދާން މައްސަލައެއް ނެތް ނަމަވެސް އެފަދަ ވޯޓަކަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ފުރުސަތެއް ނެތް ކަމަށް ތޮލާލް ފާހަގަކުރެއްވިއެވެ.

އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން ތޮލާލް ވިދާޅުވީ، މި ވަގުތު ރާއްޖޭގެ ސިޔާސީ މާހައުލު އޮތް ގޮތުން ރާއްޖެއަށް އެ ނިޒާމު އެކަށީގެންނުވާ ކަމަށް ޔާމީން ފާހަގަކުރައްވާ ކަމަށެވެ.

އެކަން ކުރެވޭނީ ވަރަށް ހަރުދަނާ ގާނޫނުތަކެއް މި ތަނަށް ގެނެސްގެން، އެ ގާނޫނުތައް ހަރުދަނާ ކަމާ އެކު އިމްޕްލިމެންޓުކުރެވޭ ކަމަށްވާނަމަ ބަރުލަމާނީއަށް ދިއުމަކުން މައްސަލައެއް ނެތޭ. އެކަމު އެ މާހައުލެއް މި ތަނަކު އަދިއެއް ނެތޭ. އެއީ ރައީސް ޔާމީން ވިދާޅުވެފައި އޮންނަ އެއްޗަކީ
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ކެމްޕެއިން ތަރުޖަމާނު މުހައްމަދު ތޮލާލް

ތޮލާލު މިހެން ވިދާޅުވެފައިވާއިރު ނިޒާމީ ވޯޓަކަށް ދާން ތާއީދު ކުރައްވާ ކަމަށް ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވެސް ވަނީ ވިދާޅުވެފައެވެ. ނިޒާމީ ވޯޓެއް ނެގުމަށް ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ޝިޔާމް މިއަދު ވަނީ ނިޒާމުގެ ވޯޓެއް ނެގީ މީގެ 16 އަހަރު ކުރިން ކަމަށާއި ނިޒާމުގައި ހުރި ގޯސްކަމަކީ ކޮބައިތޯ އަނެއްކާ ވެސް ރައްޔިތުން ކައިރި އެހުމަށް އޭނާ ތާއީދު ކުރައްވާ ކަން ހާމަކުރައްވާފައެވެ.

މި ނިޒާމުގައި ކޮބައިތޯ ގޯސް ކަމަކީ އަނެއްކާ ވެސް ރައްޔިތުން ކުރެ އަހާލުމަކީ އަޅުގަނޑު ހަމަ ތާއީދުކުރާ ކަމެއް. ރައްޔިތުން ކައިރިން އަހާލައިގެން ރައްޔިތުން ބޭނުންވާ ގޮތަކަށް އަނެއްކާ ކުރިއަށް ދިޔުމަކީ އަޅުގަނޑުމެން ނުރުހޭ ކަމެއް ނޫން، ރުހޭ ކަމެއް އިއްޒަތްތެރި ރައީސް
ޝިޔާމް

ނިޒާމީ ވޯޓެއް ނެގުމާ ގުޅިގެން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެނަމަ، އެފަދަ ވޯޓެއް ނެގުމަށްޓަކައި، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ހަމަތަކަށް ރިއާޔަތްކުރާއިރު، މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އެ އިންތިހާބު ބޭއްވުމަށްޓަކައި ބޭނުންވާނެ ކަމަށެވެ.

އެފަދަ އިންތިހާބެއް ބޭއްވުމަށް ގާތްގަނޑަކަށް 40 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށާއި މިފަދަ އިންތިހާބެއް ބާއްވާއިރު އެންމެ މުހިންމު ކަމަކީ، މިފަދަ ވޯޓެއް ނެގުމުގެ މަގްސަދާމެދު ވޯޓުލާ މީހުން ހޭލުންތެރިކުރުވުން ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ. ހަބީބް އިތުރަށް ވިދާޅުވީ ވަކި ނިޒާމަކަށް ތާއީދުކޮށް ވޯޓުލުމުގައި އެ ނިޒާމެއްގެ ފައިދާ އާއި ގެއްލުމާމެދު، ވޯޓުލާ މީހުން ހޭލުންތެރިކުރުވުމަކީ، އީސީގެ ގާނޫނީ ޒިންމާއެއް ކަމަށެވެ.

ރިޔާސީ ނިޒާމަކީ ވެރިކަން ހިންގަން ރައީސުލްޖުމްހޫރިއްޔާއެއް ހުރެފައި އޭނާގެ ދަށުން މަސައްކަތް ކުރާނެ ކެބިނެޓެއް އޮންނަ ނިޒާމެކެވެ. އެ ނިޒާމުގައި ރައްޔިތުންގެ މަޖިލީހަކީ ވަކި ގުނަވަނެކެވެ. އެއީ ދުވަހުން ދުވަހަށް ސަރުކާރު ހިންގުމުގައި މަސްއޫލުވާ ބައެއް ނޫނެވެ. އެއާ ހިލާފަށް ބަރުލަމާނީ ނިޒާމަނީ، ރަމްޒީ ރައީސުލްޖުމްހޫރިއްޔާއެއް ހުންނަ، އެހެނަސް ބޮޑުވަޒީރަކު ސަރުކާރު ހިންގާ ނިޒާމެވެ. އެ ނިޒާމުގައި ބޮޑުވަޒީރާއި އޭނާ ކެބިނެޓް ވަޒީރުންނަކީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އެތާނގެ މެންބަރުންނެވެ.

ރިޔާސީ ނިޒާމާ ހިލާފަށް ބަރުލަމާނީ ނިޒާމުގައި ބޮޑުވަޒީރާ މެދު ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު، މަޖިލީހުގެ މެޖޯރިޓީއާއެކު ބޮޑުވަޒީރު ބަދަލު ކޮށްލެވޭނެއެވެ.



More from ThePress.mv