ބޯންމެރޯ ހަދަން އިތުރު 5 ކުއްޖަކު ބޭރަށް ފޮނުވަނީ

Tue, 19 Sep 2023 04:40 PM

View on this article on ThePress.mv

ބޯންމެރޯ ހަދަން އިތުރު 5 ކުއްޖަކު ބޭރަށް ފޮނުވަނީ

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު 5 ކުއްޖެއް ފޮނުވަން ނިންމާ އެކަމުގެ ލިޔުން ހެލްތު މިނިސްޓްރީން ހަވާލު ކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ލިޔުންތައް ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ، ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ އާއި ބޭސް ވީހާވެސް ލުއި ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެއް އަމާޒު ކަމަށާއި މިއަމާޒަށް ވާސިލްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ތެލެސީމިއާ އާ ސެންޓަރެއް ގާއިމުކުރުމަށްޓަކައި ހުޅުމާލެއިން ބިމެއް ހޯދައި، އެބިމުގައި މޯލްޑިވިއަން ބްލަޑް ސާވިސަސްގެ އާ އިމާރާތް ޒާމާނީ ފެންވަރަށް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް ނަސީމް ވިދާޅުވިއެވެ. ނަސީމް ވިދާޅުވީ، އެ ތަނުގައި ތެލެސީމިއާ ސެންޓަރުގެ ހިދުމަތް ލިބެން ފެށުމާއެކު ޖާގައިގެ ދަތިކަމަށް ހައްލެއް ލިިބިގެންދާނެ ކަމަށެވެ. އަދި މިއިމާރާތުގައި ބްލަޑް ބޭންކްގެ ހިދުމަތް ގާއިމްކޮށް އެހިދުމަތް ރާއްޖޭގެ ސިއްހީ ހިދުމަތް ދޭ ހުރިހާ މަރުކަޒަކަށް ފޯރުކޮށްދެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވާހަކަދައްކަވަނީ / ފޮޓޯ: ހެލްތު މިނިސްޓްރީ

ނަސީމު ވިދާޅުވީ، ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމުގެ ހިދުމަތަކީ ވަރަށް ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ މަސައްކަތެއް ކަމަށެވެ. އެހެންވެ ފަރުވާގެ ކަންކަން ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދިއުމަށް އެކި ގައުމުތަކުން މި ހިދުމަތް ދެމުންދާ ގޮތް ހޯދައި ބަލައި ދިރާސާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

ކުރި މަސައްކަތުގެ އަލީގައި މިފަހަރު ބޯންމެރޯ ހަދަންދާ ކުދިންގެ ފަރުވާގެ ކަންކަން ކާމިޔާބުކަމާއެކު ނިންމަލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ނަސީމް ފާހަގަކުރެއްވިއެވެ.

ތެލެސީމިއާ ފަރުވާ ދިނުމުގައި އެންމެ ބޮޑު ކާމިޔާބީއަކީ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުންކަމަށް ވާއިރު، މިފަރުވާ ހޯދުމުގައި ދިގު މުއްދަތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުއްޖާ ބަލަންޖެހޭކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ކުއްޖާއާ ދިމާވާ ޑޯނަރެއް ބޭނުންވުމުގެ އިތުރުން ކަނޑައެޅިފައިވާ ހާއްސަ ކަންކަމަށް ސަމާލުވާންޖެހޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހޮސްޕިޓަލުން ދޭ އިރުޝާދުތަކަށް އެއްބާރުލުންދީ، ބޯންމެރޯ ޓްރާންސްޕްލާންޓްކޮށް، ރާއްޖެ އައުމަށްފަހު ވެސް ގަވައިދުން ހަދަންޖެހޭ ޓެސްޓްތައް ހެދުމަށް މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް އިލްތިމާސްކޮށްފައެވެ.

ތެލެސީމީއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަަމުން ދާއިރު، އޭގެ ތެރެއިން 300 ކުދިންނަކީ މާލޭގައި ދިރިއުޅެމުން ފަރުވާ ހޯދަމުން ގެންދާ ކުދިން ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް އިތުރު ބަޔަކު ފޮނުވަން ސަރުކާރުން ނިންމިއިރު, މީގެ ކުރިން ވެސް ތެލަސީމިއާ ބަލިމީހުން, ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް ޒަކާތު ފަނޑުގެ އެހީގައި ވަނީ ފޮނުވާފައެވެ.More from ThePress.mv