ދެ އެޕާޓްމަންޓް އެއްކޮށްލި މައްސަލަ: ގެނެސްފައިވާ ބަދަލުތައް ހައްލުކުރަން އިތުރު 7 ދުވަސް ދީފި

Thu, 08 Jun 2023 10:34 AM

View on this article on ThePress.mv

ހިޔާ ފްލެޓުތަކުގެ އިމާރާތެއްގެ ދެ އެޕާޓްމަންޓް އެއްކޮށްލައިގެން އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްލި މައްސަލައިގައި އެ ބަދަލުތައް ހައްލުކުރަން އިތުރު 7 ދުވަހުގެ މުއްދަތެއް އާބަންކޯއިން ވެރިފަރާތަށް ދީފިއެވެ.

އެތަން ހުސްކުރުމުގެ މުއްދަތު އިއްޔެ ހަމަވެފައި ވާއިރު އިއްޔެގެ ނިޔަލަށް އެތަން ހުސްކޮށްފައި ނުވެއެވެ.

މިއަދު އާބަންކޯއިން ބުނީ އެ މައްސަލާގައި ވެރިފަރާތް މީގެ ކުރިން ޖޫރިމަނާކޮށް ޔުނިޓުތައް ހަވާލު ކުރަން އަންގާ، ހަވާލު ކުރާއިރު ހުރިގޮތަށް އަލުން ބަދަލު ކުރުމަށް އަންގާފައި ވާނެ ކަމަށާއި ނަމަވެސް އެކަން އެގޮތަށް ކޮށްފައި ނުވާ ކަމަށެވެ. އެހެން ކަމުން އެތާނގެ އެގްރިމަންޓް ބާތިލު ކުރަން ވެސް ނިންމިއެވެ.

އާބަންކޯއިން ބުނީ އެޕާޓްމަންޓަށް ގެނައި ބަދަލުތައް ހައްލުކުރަން ދިން މުއްދަތު އިތުރު ކޮށްދިނުމަށް އެދި ފުލެޓުގެ ވެރިފަރާތުން ހުށަހަޅާފައިވާ ކަމަށާއި އެ ހުށަހެޅުމުގައި ހިމަނާފައިވާ ސަބަބުތަކަށް ބަލާ އިތުރު 7 ދުވަހުގެ ފުރުސަތެއް ޔުނިޓްތަކަށް ގެނެސްފައި ބަދަލުތައް ހައްލު ކުރުމަށް މިހާރު ދީފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެ މައްސަލާގައި މީގެ ކުރިން 100،000 ރުފިޔާގެ މަގުން ކޮންމެ އެޕާޓްމެންޓެއް ޖޫރިމަނާ ކޮށްފައި ވާއިރު އެ 200،000 ރުފިޔާ ފަސް ދުވަސް ތެރޭގައި ދެއްކުމަށް އާބަންކޯއިން ވަނީ އެ ފަރާތަށް އަންގާފައެވެ. އެހެންނަމަވެސް އެ ފައިސާ ދައްކާފައެއް ނުވެއެވެ.

އެ މައްސަލަގައި އާބަންކޯއިން ވަނީ 10 ދުވަހުގެ ތެރޭގައި ދެއްކުމަށް ކޮށްފައިވާ ޖޫރިމަނާގެ ފައިސާ އަދި އެޕާޓްމަންޓް ހަވާލު ކުރެވުނު އިރު ހުރި ގޮތަށް އިޔާދަކުރުމަށް އަންގާފައެވެ. ނަމަވެސް އެކަން އެގޮތަށް ކޮށްފައި ނުވާތީ 14 ދުވަސް ތެރޭގައި އާބަންކޯއަށް ފުލެޓް ހަވާލު ކުރުމަށް ވެރިފަރާތް ތަކަށް މިދިޔަ މަހުގެ 18 ވަނަ ދުވަހު އާބަންކޯ އިން ވަނީ އަންގާފައެވެ.

އެ މުއްދަތު މި މަހުގެ އެއްވަނަ ދުވަހަށް ހަމަވެފައި ވާއިރު އާބަންކޯއިން ބުނީ، އެ ފްލެޓްގެ ވެރިންނަށް ތަން ހުސްކުރަން ދިން މުއްދަތު ހަމަވި ނަމަވެސް އެތަން ހުސްކޮށްފައި ނުވާ ކަމަށެވެ. ފްލެޓްތައް ހުސް ނުކުރި ނަމަވެސް އާބަންކޯގެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށް އާބަންކޯ އިން ވަނީ ބުނެފައެވެ.

ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާ މައްސަލައިގައި، އެ ކޯޕަރޭޝަނުން ހަދާފައިވާ އުސޫލުތަކާ ހިލާފަށް ދެފަރާތުން ވަނީ ދެ އެޕާޓްމަންޓުގެ މެދު ފާރު ތަޅާލައި 4 ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްފައެވެ.

މި މައްސަލާގައި އެ އެޕާޓްމަންޓްތައް އާބަންކޯއަށް ހަވާލުކުރުމަށް އެންގި އެނގުން ހުއްޓުވުމަށް ވެރިފަރާތުން ވަގުތީ އަމުރަކަށް އެދިފައި ވާއިރު ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުން ވަނީ ތަން އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެެރެދެވެން ނެތް ނިންމާފައެވެ.

ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުން ވަނީ އެ ތަން އަތުލީ ގޯސްކޮށް ކަމަށް ކޯޓުން ނިންމާ ހާލަތުގައި ވެސް ނަތީޖާއަކަށް ވާނީ އެތަން އަނބުރާ ހަވާލުކުރަން އެންގުން ކަމަށް ބުނެފައެވެ. އެހެންކަމުން، އަމުރެއް ނުނެރުނަސް، އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށް އެކޯޓުން ބުނެއެވެ.

އެ މައްސަލާގައި އަމުރަށް އެދިފައި ވަނީ ފްލެޓް އެއްބަސްވުމުގެ މާއްދާތަކާއި އެއްމެދު އިމާރާތުގެ ގާނޫނާ ހިލާފަށް ކަންކަން ކުރުމަށް ފަހު ކަމަށް ވާތީ އަމުރަށް އެދުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ކަމަށް ވެސް ކޯޓުގެ ނިންމުމުގައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ޖޫރިމަނާ ކޮށްފައި ވަނީ "ހިޔާ ޔޫނިއަން" ހިޔާ ޔޫނިއަންގެ ނައިބު ރައީސް އަހުމަދު ޝަމާލްއެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން ފެންނަގޮތުގައި މި ދެ ފްލެޓް އެއްކޮށްގެން ހަދާފައި ވަނީ ޒަމާނީ ފެންވަރުގައެވެ.



More from ThePress.mv