އުނދުނެއްގެ ތެރޭ ޑްރަގް ފޮރުވި މީހަކު 11 އަހަރަށް ޖަލަށް ލައި 50،000ރ އިން ޖޫރިމަނާ ކޮށްފި

Thu, 25 Apr 2024 07:15 PM

View on this article on ThePress.mv

އުނދުނެއްގެ ތެރޭ ޑްރަގް ފޮރުވި މީހަކު 11 އަހަރަށް ޖަލަށް ލައި 50،000ރ އިން ޖޫރިމަނާ ކޮށްފި

ކައްކާ އުނދުނެއްގެ ތެރޭގައި ކިލޮއަކަށް ވުރެ ބަރު މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅުނު މީހަކު 11 އަހަރަށް ޖަލަށް ލައި، ބައިލައްކަ ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.



މީގެ ހަތް އަހަރުކުރިން 2017 ވަނަ އަހަރުގެ އޭޕްރިލް މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދިވެއްސަކާއި ބިދޭސިއަކު ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ފާސްކުރި ކުރުމުން ބިދޭސީ މީހާގެ އަތުން 49 ގްރާމުގެ މަސްތުވާތަކެތި ފެނުނެވެ. އަދި ދިވެހި މީހާ ދިރިއުޅޭ ތަނަށް ފުލުހުން ގޮސް އެ ތަން ފާސްކުރުމުން، އެ ތަނުގައި ހުރި ބަދިގޭގެ ތެރޭގައި ބަހައްޓާފައި ހުރި އުނދުނެއްގެ ތެރޭގައި 1.2 ކިލޯގެ މަސްތުވާތަކެތި ފޮރުވާފައި ހުއްޓާ ފެނުނެވެ.

އެ މައްސަލައިގައި ފުލުހުން ވަނީ ދިވެހި މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ އުފުލައިފައެވެ.

އިއްޔެ ކުރި ހުކުމުގައި ކްރިމިނަލް ކޯޓުން ބުނީ:

  • ބިދޭސީ މީހާ އަތުން ފެނުނު މަސްތުވާތަކެއްޗާއި އުނދުނުގެ ތެރެއިން ފެނުނު މަސްތުވާތަކެއްޗަކީ ދިވެހި މީހާގެ ތަކެތި ކަމަށް ފުލުހުން ފާސްކުރި ވަގުތު އޭނާ ފުލުހުން ގާތު ބުނި ކަމަށް
  • އެ މައްސަލައިގައި ފެނުނު މަސްތުވާތަކެތި އެހެން މީހަކު އެ ތަނުގައި ބެހެއްޓި އެއްޗެއްކަން އޭނާ އަށް ސާބިތުކޮށްނުދެވުނު ކަމަށް
  • ފުލުހުންނަށް ލިބުނު މައުލޫމާތާއި ދިވެހި މީހާގެ ވާހަކަ ގުޅުވާލުމުން އޭނާ އެ ތަކެތި ބެހެއްޓީ ހަމަހޭގައި ހުރެގެންކަން ސާބިތުވާ ކަމަށް

އެ ކަންކަން ފާހަގަކޮށް ކްރިމިނަލް ކޯޓުން ދިވެހި މީހާގެ މައްޗަށް ހުކުމްކުރީ 11 އަހަރަށް ޖަލަށް ލައި، ބައިލައްކަ ރުފިޔާ އިން ޖޫރިމަނާކުރުމަށެވެ. އަދި އެއް އަހަރު ދުވަހުގެ ތެރޭ އޭނާ ދައުލަތަށް އެ ފައިސާ ދެއްކުމަށް ކޯޓުން އަންގާފައިވެއެވެ.

11 އަހަރަށް އޭނާ ޖަލަށް ލާން ހުކުމްކުރިޔަސް، އެ މައްސަލައިގައި ފަސް އަހަރަށް ވުރެ ގިނަ ދުވަހު އޭނާ ގޭ ބަންދުގައި ހުރުމުން، ދެން ތަންފީޒުކުރަން ޖެހޭނީ ހަ އަހަރުގެ ޖަލު އަދަބެކެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާ ގޮތުން، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ އިތުރުން، ބައިލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.



More from ThePress.mv