"އެންޓި ކެންޕޭނާގުޅޭ ގާނޫނުތައް ހަރުކަށި ވާން ޖެހޭ"

Wed, 16 Oct 2024 11:37 PM

View on this article on Sun Online

"އެންޓި ކެންޕޭނާގުޅޭ ގާނޫނުތައް ހަރުކަށި ވާން ޖެހޭ"

އެންޓި ކެންޕޭންގެ މައްސަލަތައް އިތުރުވެ، މިހާރު އެ ކަމާ ގުޅުން ހުރި ގާނޫނުތައް އިތުރަށް ހަރުކަށި ކުރަން ޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު މިރޭ ވިދާޅުވެއްޖެއެވެ.



އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ، އިންތިޚާބުތަކުގައި އެންޓި ކެންޕޭން ކުރުމުގެ މައްސަލަތައް މިހާރު އިތުރުވަމުން އަންނަ ކަމަށެވެ.

އެގޮތުން ސިޔާސީ ޕާޓިތަކުން ބައްވާ ބައެއް ޖަލްސާތަކާއި ޑޯޓުޑޯ ހަރަކާތްތަކުގައި ވެސް އެންޓި ކެންޕޭން ވަރަށް ބޮޑަށް ކުރާ ކަމަށާއި އެއީ ގާނޫނީ ވަރަށް ބޮޑު ކުށެއް ކަމަށް ފުއާދު ވިދާޅުވިއެވެ.

އަދި އެ ފަދަ މައްސަލަތަކުގައި ޓީވީ ޗެނަލްތަކާއި ބައެއް މީޑިއާތަކަށް ފިޔަވަޅު އަޅަން ޖެހިފައި ވެސް އެބަ ހުރި ކަމަށް ފުއާދު ވިދާޅުވިއެވެ.

އިންތިޚާބަކާ ދިމާކޮށް މަގުމަތީގައި ދިދަ ފަތި ދަމާފައި: އެންޓި ކެންޕޭންއާ ގުޅޭ ގާނޫނުތައް އިތުރަށް ހަރުކަށި ވާން ޖެހޭ ކަމަށް ފުއާދު ވަނީ ވިދާޅުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުއާދު ވިދާޅުވީ، ފައިސާ ދީގެން ކަމުގައި ވިޔަސް ނުވަތަ ސިޔާސީ ފަރާތަކުން އެދުނު ކަމަށްވީ ނަމަވެސް އެންޓި ކެންޕޭނަށްވާ ފަދަ ޕްރޮގްރާމްތައް ބްރޯޑްކާސްޓު ކޮށްގެން ނުވާނެ ކަމަށެވެ. އަދި އެ ކަން ހިނގާތީ ބައެއް މީޑިއާތަކުގައި އެ ކަން ނުކުރުމަށް މީގެކުރިން އެދިފައި އެބަ ހުރި ކަމަށް ވެސް ވިދާޅުވިއެވެ.

ހަމައެއާއެކު އެ ކަން ހައްލުކުރުމަށް ޓަކައި މަސައްކަތްތައް ކުރެވެމުން އަންނަކަމަށް ފުއާދު ވިދާޅުވިއެވެ.

އެގޮތުން ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލާއެކު އީސީން ބައްދަލުވުންތައް ބާއްވާކަމަށާއި، އެ ފަރާތްތަކާއެކު ކުރެވޭ މަސައްކަތްތަކުން ވެސް ރަނގަޅު ނަތީޖާ ފެންނަ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، އެފަދަ ބައެއް މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ އޮފީސް) އަށާއި ފުލުހުންނަށް ވެސް ހުށަހެޅިފައިވާކަން ފުއާދު ފާހަގަކުރައްވައިފައިވެއެވެ.

"އެހެންވީމަ މި ކަންތައްތަކާ ބެހޭ ގޮތުން ކުރިއަށް އޮތް ތާނގައި ވެސް އިލެކްޝަން ކޮމިޝަނުން ފިޔަވަޅުތައް އަޅާނެ އިނގޭތޯ. އަދި އަޅުގަނޑުމެން ދެކޭ ގޮތުގައި މި ގާނޫނުތައް އަދި ވެސް ބޮޑަށް ހަރުކަށި ވާންޖެހޭ، މި އެންޓި ކެންޕޭނާ ބެހޭ،" ފުއާދު ވިދާޅުވިއެއެވެ.

ފުއާދު ވިދާޅުވީ މިއީ ސިޔާސީ ފަރާތްތަކުން ދުރުވާންޖެހޭ ކަމެއް ކަމަށެވެ. ސަބަބަކީ ސިޔާސީ ބޭފުޅުންނަކީ ސިޔާސީ އިންތިޚާބުތަކުގެ ތެރެއިން ރައްޔިތުންނަށް ނަމޫނާ ދައްކަންޖެހޭ މަގާމުތަކަށް ހޮވޭ ބޭފުޅުންނަށް ވާތީކަމަށް ވިދާޅުވިއެވެ.

އިންތިޚާބަކާ ދިމާކޮށް މަގުމަތީގައި ދިދަ ފަތި ދަމާފައި: އެންޓި ކެންޕޭންއާ ގުޅޭ ގާނޫނުތައް އިތުރަށް ހަރުކަށި ވާން ޖެހޭ ކަމަށް ފުއާދު ވަނީ ވިދާޅުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިސާލަކަށް ރިޔާސީ އިންތިޚާބުގައި ގައުމުގެ އެންމެ އިސްވެރިޔާގެ މަގާމަށް ހޮވޭ ބޭފުޅުންނަށް މިކަން މި ކުރައްވަން މި ޖެހެނީ. އެހެންވީމަ އެ ބޭފުޅުން ވެސް އެ ބޭފުޅުންގެ ޑިސިޕްލިން ހިފަހައްޓަވަން އެބަ ޖެހޭ ވަރަށް ބޮޑަށް

އިތުރު މިސާލެއްގެ ގޮތުން ފުއާދު ވިދާޅުވީ، ރައްޔިތުން މަޖިލިސް މެންބަރުންނަކީ ގާނޫނުތައް ހެދުމަށް ޓަކައި އެންމެ ބޮޑު މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށްވާއިރު، މަޖިލީހަށް އިންތިޚާބުވައިރުގައި ގާނޫނުތައް 'މުގުރުއްވާފައި' މަޖިލީހަށް އިންތިޚާބުވުން ރަނގަޅު ނޫން ކަމަށެވެ. އެކަމުން ރައްޔިތުންނަށް ވެސް ރަނގަޅު މެސެޖެއް ވެސް ނުލިބޭނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުން: އިންތިޚާބަކާ ދިމާކޮށް މަގުމަތީގައި ދިދަ ފަތި ދަމާފައި: އެންޓި ކެންޕޭންއާ ގުޅޭ ގާނޫނުތައް އިތުރަށް ހަރުކަށި ވާން ޖެހޭ ކަމަށް ފުއާދު ވަނީ ވިދާޅުވެފައި -- ސަން ފޮޓޯ/ އަމަން ލަތީފް

އިތުރަށް އޭނާ ވިދާޅުވީ، އިންތިޚާބުތަކުގައި ކުރަންވީ އެންޓި ކެންޕެއިން ނޫން ކަމަށާއި ކުރަންވީ ރަނގަޅު ގޮތުގައި ކެންޕެއިން ކަމަށެވެ.

"ވާދަވެރި ކެންޑިޑޭޓެއްގެ އަބުރު ކަތިލުމެއް ނޫން ކެންޕެއިން ކުރުމަކީ. އެހެންވީމާ އެންޓި ކެންޕެއިން ކުރުމަކީ އަނެއް މީހާގެ އަބުރު ކަތިލުން،" ފުއާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކެންޕެއިން ކުރުމަކީ އެމީހެއްގެ ކިބައިގައި ހުރި ކޮލެޓީ ނުވަތަ ހުނަރުތަކުގެ ވާހަކަތައް ދެއްކުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އިންތިޚާބުތަކާ ދިމާކޮށް އެންޓި ކެމްޕެއިންގެ މައްސަލަތައް އާންމު ގޮތެއްގައި ވެސް ފެންމަތިވެއެވެ. ގިނަ ފަހަރު މި ކަން ހިނގަނީ ސިޔާސީ އެކި ޕޯޑިއަމްތަކުގައާއި، އެކި ޓީވީ ޗެނަލްތަކުން ގެނެސްދޭ ޓީވީ ޕްރޮގްރާމްތަކުގެ ތެރެއިންނެވެ.

މީގެ އިތުރުން ސަޕޯޓަރުންގެ މެދުގައި ދައުރުކުރާ ސޯޝަލް މީޑިއާގެ އެކި ކޮންޓެންޓުގެ ޒަރީއާއިން ވެސް ކެންޑިޑޭޓުންނާ ގުޅޭ ދޮގު މައުލޫމާތާއި، ޚަބަރާއި ވަހަކަ ފަތުރައި އެންޓި ކެމްޕެއިން ހިންގައެވެ.



More from Sun Online