ބީއެމްއެލްގެ އާ ސީއީއޯއަކަށް ޝަރީފް އައްޔަންކޮށްފި

Wed, 16 Oct 2024 05:39 PM

View on this article on Sun Online

ބީއެމްއެލްގެ އާ ސީއީއޯއަކަށް ޝަރީފް އައްޔަންކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ އައު ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް މުޙައްމަދު ޝަރީފް އައްޔަންކުރުމަށް ނިންމައިފިއެވެ.



ބީއެމްއެލްއިން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، އެ ބޭންކުގެ ފުރަތަމަ ދިވެހި ސީއީއޯގެ ގޮތުގައި ޝަރީފް މަގާމާ ހަވާލުވެވަޑައިގަންނަވާނީ މާދަމާއިން ފެށިގެންނެވެ.

ޝަރީފަކީ މާލީ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. މީގެ ތެރޭގައި އެގްޒެކްޓިވް އަދި ބޯޑު ލެވަލްގައި ހަތް އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ވެސް ހޯއްދަވައިފައިވެއެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި ޝަރީފް އެ ބޭންކުގައި މަސައްކަތްކުރެއްވި މުއްދަތުގައި އޭނާވަނީ ބޭންކުގެ ހިންގުން ޒަމާނީ ކުރުމަށާއި ބޭންކުން ހޯދާފައިވާ ކާމިޔާބީގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްދެއްވައިފައެވެ. އެގޮތުން ޝަރީފްވަނީ ކޯ-ބޭންކިން ސިސްޓަމްތައް ގާއިމުކުރުމާއި، ޑެބިޓް އަދި ކްރެޑިޓް ކާޑު ތައާރަފުކުރުމާއި، ބޭންކުގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމަށް ކުރި މަސައްކަތުގެ ދަށުން އިންޓަނެޓް އަދި މޮބައިލް ބޭންކިން، ސެލްފް ސާވިސް ބޭންކިންގެ އިތުރުން އީކޮމާސް ޕޭމަންޓް ގޭޓްވޭ ތައާރަފުކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައި ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އެ ޚިދުމަތްތަކާއެކު ބޭންކުގެ މާލީ ހަލާތު ހަރުދަނާވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވުމާއެކު ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށް މަގުފަހިވި ކަމަށް އެ ބޭންކުން ބުންޏެވެ.

މީގެ އިތުރުން ބޭންކަށް ޚިދުމަތްކުރެއްވި މުއްދަތުގައި ޝަރީފް ވަނީ ބޭންކުގެ ސްޓްރެޓެޖީ ހާސިލްކުރުމަށް ކުރި މުހިންމު މަސައްކަތުގެ އިސް މޭސްތިރިއެއްގެ ދައުރު އަދާކުރައްވާފައި ކަމަށް ބީއެމްއެލުން ބުންޏެވެ. މިގޮތުން ބޭންކުގެ މުހިންމު ޑިޕާޓްމަންތަކެއްކަމަށްވާ އިސްލާމިކް ބޭންކިން، ޓެކްނޮލޮޖީ، މާކެޓިންގ، ރީޓެއިލް ބޭންކިން އަދި އޮޕްރޭޝަންސް ހިންގެވުމުގައި އޭނާ އިސް ދައުރެއް އަދާކުރައްވާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ޝަރީފް ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް މެންޗެސްޓާއިން އެމްބީއޭ ހާސިލްކުރައްވާފައެވެ. މީގެ އިތުރުން ލަންޑަން ބިޒްނަސް ސްކޫލްއިން ސީއީއޯއިންނާއި ސީނިއާ އެގްޒެކްޓިވުންނަށް ފަރުމާކޮށްފައިވާ 'ސީނިއާ އެގްޒެކްޓިވް ޕްރޮގްރާމް' ފުރިހަމަ ކުރައްވާފައެވެ.

ޝަރީފް ވަނީ 2018އިން 2020އަށް އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ވައިސް ޗެއާމަންގެ މަގާމް އަދާކުރައްވާފައެވެ.

ބީއެމްއެލް އިން ވަކިވެވަޑައިގަތުމަށްފަހު ޝަރީފް ވަނީ އެގްޒެކްޓިވް މަގާމުތަކާއި ކޮންސަލްޓެންޓެއްގެ ގޮތުގައި ޕްރައިވެޓް ސެކްޓަރުގައި ވެސް މަސައްކަތްކުރައްވާފައެވެ.

މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ހުސްވި ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ މަހުގެ 22ގައެވެ. ސީއީއޯގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ކާލް ސްޓުމްކަ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ބީއެމްއެލަށް އާ ސީއީއޯއެއް އައްޔަންކުރަންދެން ސީއީއޯގެ ޒިންމާތައް އަދާކުރައްވަނީ ޑެޕިއުޓީ ސީއީއޯ ޢާއިޝަތު ނޫރައްދީނެވެ.

ބީއެމްއެލުން މިދިޔަ މަހު ބޭއްވި، ހާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް)ގައި ވަނީ ޑިރެކްޓަރުންގެ ބޯޑު އެކުލަވައިލައި ޗެއާޕާސަން އައްޔަންކޮށްފައެވެ. އެގޮތުން އެ ބައްދަލުވުމުގައި ބޯޑުގެ ޑިރެކްޓަރުންގެ ގޮތުގައި އައްޔަން ކުރީ:

  • ސ. ހިތަދޫ، ނޫވިލާގެ، އަހްމަދު އަލީ ހަބީބު
  • ހުޅުމާލެ ފްލެޓް ނަންބަރު 02-2-90، މުހައްމަދު ޝާހިދު
  • ސ. މަރަދޫފޭދޫ، ޑޭލައިޓްވިލާ، އަލީ އިރުފާން

https://sun.mv/197005

އެ ޖަލްސާއަށް ފަހު ބޭއްވި ބޭންކުގެ ބޯޑު ބައްދަލުވުމުގައި ވަނީ ހަބީބު ޗެއާޕާސަންއަކަށް އައްޔަންކޮށްފައެވެ.



More from Sun Online