4 ރެޑްބުލް ވަގަށް ނެގި މީހަކު 1 މަހަށް ޖަލަށްލައިފި

Wed, 16 Oct 2024 07:01 PM

View on this article on Sun Online

4 ރެޑްބުލް ވަގަށް ނެގި މީހަކު 1 މަހަށް ޖަލަށްލައިފި

މާލޭގެ ފިހާރައަކުން ހަތަރު ރެޑްބުލް ދަޅު ވަގަށް ނެގި މީހަކު އެއް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.



މި މައްސަލައިގައި ހުކުމްކުރީ ޏ. ފުވައްމުލައް-ހޯދަނޑު، ދުންނިކަގޭ މުހައްމަދު ހަނީޝް ހަފީޒުގެ މައްޗަށެވެ.

އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގައިވަނީ 2022ވަނަ އަހަރު މާލޭ އާފަސްމާޓް ފިހާރައިގެ ރެކުގައި ބަހައްޓާފައިހުރި ހަތަރު ރެޑްބުލް ދަޅު އޭނާ ނަގާފައިވާ ކަމަށެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވަނީ ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް ޙަނީޝް ބުނެފައިވާތީ، ޝަރީއަތުން ނިންމީ އޭނާ ދައުވާއަށް އިންކާރުކުރީ ކަމަށެވެ. އަދި އޭނާގެ ފަރާތުން ދިފާއުގައި އެއްވެސް ހެއްކެއް ވެސް ހުށަހަޅާފައި ނުވެއެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހެޅި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ހަތަރު ރެޑްބުލްގެ އަގަކީ 160 ރުފިޔާއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަނީ 500 ރުފިޔާއަށްވުރެ ދަށް މުދަލެއް ވަގަށް ނަގައިފިނަމަ، އެއީ ދެވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.

މި މައްސަލައިގައި ކޯޓުން ނިންމީ ހަނީޝްގެ މައްޗަށް ކޮށްފައިވާ ދައުވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

އެ ގޮތުން އޭނާގެ މައްޗަށް ކަނޑައަޅާފައިވަނީ އެއް މަހާއި 12 ދުވަހުގެ ޖަލު އަދަބެކެވެ.

ފުލުހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އަހަރުގެ މިހާތަނަށް ވައްކަމުގެ 2,920 މައްސަލައެއް ހުށަހަޅާފައިވެއެވެ.



More from Sun Online