ދެވަނަ އިންޓަނެޓް ގަވަނަންސް ފޯރަމް ހުކުރު ދުވަހު ފަށަނީ

Wed, 16 Oct 2024 02:57 PM

View on this article on Sun Online

ދެވަނަ އިންޓަނެޓް ގަވަނަންސް ފޯރަމް ހުކުރު ދުވަހު ފަށަނީ

ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ އިންޓަނެޓް ގަވަނަންސް ފޯރަމް އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.



މި ފޯރަމްގައި ސަރުކާރާއި މަދަނީ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކާއި ތައުލީމީ ދާއިރާ އަދި ޓެކްނޮލޮޖީ ދާއިރާގެ މަންދޫބުން އެއްތަނަކަށް އެއްވާނެއެވެ. އަދި ޑިޖިޓަލް ލޭންޑްސްކޭޕްގައި ހުރި ގޮންޖެހުންތަކާއި ރާއްޖެއާއި ރާއްޖޭން ބޭރުގައި މިދާއިރާއިން ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ފޯރަމްގައި މަޝްވަރާކުރުމަށް ހަމަޖެހިފައި ވަނީ މައިގަނޑު ހަތަރު މައުޟޫއަކަށެވެ. އެއީ:

  • ރާއްޖެ އަދި ދުނިޔޭގެ ބޮޑެތި މަައްސަލަތަކަށް އަމާޒުކޮށްގެން ޑިޖިޓަލް އިނޮވޭޝަން ކުރިއެރުވުން.
  • ޓެކްނޮލޮޖީގެ ޒަރިއްޔާއިން ދިވެހި މުޖުތަމައުތަކަށް ބާރުވެރިކަން ދިނުން.
  • ދެމެހެއްޓެނިވި ތަރައްޤީ އަދި ޑިޖިޓަލް ގަވަނެންސް ކުރިއެރުވުން.
  • ސައިބަ ސެކިއުރިޓީ އަދި މައުލޫމާތުގެ ސައްހަކަން ރަނގަޅުކުރުން.

ޔޫއެސްއެއިޑް، ނޭޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓް (އެންޑީއައި) ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ބާއްވާ މި ފޯރަމަކީ ރާއްޖޭގެ ޑިޖިޓަލް ގަވަނަންސް ކުރިއެރުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި އެ ޖަމިއްޔާތަކުން ބުނެއެވެ. އަދި މި ފޯރަމުން ދައްކުވައިދޭނީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާހުރި، ރައްކާތެރި، ހުރިހާ ރައްޔިތުން ޝާމިލްވާ، ހުރިހާ ހާލަތަކަށް ވެސް އެކަށީގެންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ތަރައްޤީކުރުމުގެ އަމާޒު ކަމަށް ވެސް އެ ޖަމިއްޔާތަކުން ބުނެއެވެ.

ދެވަނަ އިންޓަނެޓް ގަވަނަންސް ފޯރަމް އަންނަ ހުކުރު ދުވަހު ފަށަނީ --

މި ފޯރަމަކީ އާންމުންނަށް ހުޅުވާލައިގެން ބާއްވާ ފޯރަމެކެވެ. އަދި ގިނަބަޔަކަށް މި ފޯރަމްގެ މައުލޫމާތު ލިބޭގޮތަށް ބައެއް ސެޝަންތައް މޯލްޑިވްސް އިންޓަނެޓް ގަވަނަންސް ފޯރަމްގެ ފޭސްބުކާއި ޔޫޓިއުބްއިން ލައިވްކުރާނެއެވެ.

މި ފޯރަމްގެ ބައިވެރިންނަށް ޕެނަލް ޑިސްކަޝަން، ވޯކްޝޮޕް، ލައިޓްނިން ޓޯކްސް، ރައުންޑް ޓޭބަލް ޑިސްކަޝަން، ހޮޓް ސީޓް، ފޯކަސް ގްރޫޕް ޑިސްކަޝަންތަކުގައި ބައިވެރިވެވޭނެއެވެ. މިގޮތުން ފާހަގަކޮށްލެވޭ ބައެއް ސެޝަންތަކުގެ ތެރޭގައި:

  • އުމުރުން ދުވަސްވީ މީހުންގެ ސައިބާ ސޭފްޓީއާއި އިންޓަނެޓް އަދި ޑިޖިޓަލް ޚިދުމަތްތައް ބޭނުންކުރުމުގައި އުމުރުން ދުވަސްވީ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުން
  • ޑިޖިޓަލް އިގްތިޞާދުގައި އަންހެނުން ބާރުވެރިކުރުވުމުގައި ހުރި ފުރުސަތުތަކާއި ގޮންޖެހުންތައް
  • ނޫސްވެރިންނަށް އޮންލައިންކޮށް ކުރާ ފުރައްސާރައާއި ގޮންޖެހުންތަކާއި ގުޅޭ މަޝްވަރާތައް
  • އޮންލައިން ޕްލެޓްފޯމުތަކުން ލާރިހޯދުމާއި އޭއައި އީޖާދުތަކާއި ގަވަނެންސްގެ އެކި މައުޝޫއުތަކުގެ ސެޝަންތައް ހިމެނެއެވެ.

ރާއްޖޭގެ ފުރަތަމަ އިންޓަނެޓް ގަވަނަންސް ފޯރަމް ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ޖޫން އަށްވަނަ ދުވަހެވެ. މި ފޯރަމް ކުރިއަށް ގެންދިޔައީ ދެ ދުވަހުގެ މުއްދަތަކަށެވެ.



More from Sun Online