ޗޮންޗިންގ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި

Tue, 25 Jun 2024 05:47 PM

View on this article on Sun Online

ޗޮންޗިންގ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި

ޗައިނާގެ ޗޮންޗިން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.



ސްރީލަންކާގައި ޓްރާންސިޓްކުރުމަށްފަހު އެ އެއާލައިނުން ރާއްޖެއަށް ޖެއްސި ފުރަތަމަ ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ޗޮންޗިން އެއާލައިންސްގެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ.

ޗޮންޗިން އެއާލައިންސްއިން ރާއްޖެއަށް ހަފުތާއަކު ތިން ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ޗައިނާގެ ތިން އެއާލައިނުން މިހާރު ވެސް ރާއްޖެއަށް ދަތުރުކުރެއެވެ. އެއީ ބެއިޖިން ކެޕިޓަލްއާއި ސިޗުއާން އެއާލައިން އަދި ޗައިނާ އީސްޓާންއެވެ.

ޗޮންޗިން އެއާލައިންގެ ފްލައިޓަށް މަރުޙަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝަރީފް މުޙައްމަދާއި ޗައިނާ ސަފީރު، ވާންގް ލިޒިންގެ އިތުރުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަދި ޗޮންޗިން އެއާލައިނުގެ ވައިސް ޕްރެސިޑެންޓް ޝިޔެ ޖިންޕިންއާއި އެމްއެމްޕީއާރުސީގެ އިތުރުން މަޓާޓޯގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޗޮންޗިން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް--- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

ޗޮންޗިން އެއާލައިންގެ ދަތުރުތައް ފެށުމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓް ކޮންޕެނީ ލިމިޓެޑް އެމްއޭސީއެލުން ބުނީ ރާއްޖެއަށް ގިނަ އެއާލައިންތައް ގެނައުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ.

ޗައިނާއަކީ ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް އެގައުމުން ވަނީ ރާއްޖެއަށް 113000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.



More from Sun Online