ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ސިޔާސީ މަގާމުތަކުން ވަކިކުރާ މީހުން ލަނީ އެސްއޯއީ ތަކަށްކަމަށާއި އެކަމުގެ ސަބަބުން ސަރުކާރަށް ލިބޭ ލުޔެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ދީދި ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ޚަރަދު ކުޑަކުރަން 15 ދުވަހުގެ ތެރޭ 228 ސިޔާސީ މުވައްޒަފުން މަގާމުން ވަކިކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމެވީ މިދިޔަ އަންގާރަ ދުވަހުއެވެ.
މިރޭ އެމްޑީޕީން ބޭއްވި ހަވަރު ބެރު ޕެނަލް ޑިސްކަޝަންގައި އެކަމާ ގުޅުވައި ވާހަކަ ދައްކަވަމުން އަހުމަދު ދީދި ވަނީ މި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު އަދިވެސް ހާމަ ނުކުރާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރައީސް ވަކިކުރައްވަން ނިންމެވި 228 މުވައްޒަފުންނަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ ދޭކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.
"އެހެން ދިމާއަކުން މިބޭފުޅުންނަށް އެބަ ޚަރަދު ކުރޭ. އެހެންކަމަށް ވާނަމަ، ސަރުކާރަށް މީގެ ސަބަބުން ލިބޭނެ ލުޔެއް އަދިއެއް ނެތް،" އޭނާ ވިދާޅުވިއެވެ.
ކުންފުނިތަކަށް އެމީހުން ބަދަލުކުރުމުން ސަރުކާރު މުވައްޒަފުންގެ ލިސްޓުން އެމީހުން ގެއްލުނު ކަމުގައި ވީނަމަވެސް، ޚަރަދު ކުރާ ލިސްޓުން އެމީހުން ނުގެއްލޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަހުގެ ތާރީޚެއްގައި ރައްޔިތުން ދެކޭ އެންމެ މަތި ބަރު ސަރުކާރަކީ މިއީކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، 228 ސިޔާސީ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ރައީސް ނިންމެވި އިރު، އެމީހުން ސަރުކާރަށް ކޮށްދެއްވި ޚިދުމަތެއް ވެސް ނޭނގޭ ކަމަށެވެ.
"މި ބޭފުޅުން ސަރުކާރުގައި ބައިތިއްބައިގެން ދިވެހި ރައްޔިތުންނަށް ލިބުނީ ކޮން ފައިދާއެއްކަމެއް ހާމަކޮށެއް ނުދެވުނު. މި ހުރިހާ މުވައްޒަފުންނަކީ ވެސް ސަރުކާރުގެ ބޭނުމަށް ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި އެނަމުގައި ރައީސް މުއިއްޒު ސަރުކާރަށް ލެއްވި މުވައްޒަފުންތަކެއް،" އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ސަރުކާރުން ސިޔާސީ މަގާމުތައް ދެނީ "ހިތުހުރި ގޮތަކަށް" ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.
މީގެ އިތުރުން ވެސް އޭނާ ވަނީ ސަރުކާރުން މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކާކަމަސް ތހުމަތުކޮށް، ކަންބޮޑުވުން ފާޅުކޮށްފައެވެ.
"މިއަދު އެ ދިއްކޮށްލާ ފޯމުގައި ސޮއި ނުކޮށްފިއްޔާ ވަޒީފާއިން ކަނޑާލާނެ ކަމުގެ ބިރު އެބަ ދައްކާ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ މި ސަރުކާރުގައި އައްޑޫ ސިޓީގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދާކަމަށް ބުނެ ވެސް ބވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔާފައެވެ.