މުންދު، ސަފީރުކަމުގެ ފަތްކޮޅު ޔޫއޭއީގެ ރައީސަށް އަރުވައިފި

Sat, 15 Jun 2024 12:00 PM

View on this article on Sun Online

މުންދު، ސަފީރުކަމުގެ ފަތްކޮޅު ޔޫއޭއީގެ ރައީސަށް އަރުވައިފި

ދިވެހިރާއްޖެއިން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ހުސައިން ޝަރީފް (މުންދު) އެ ގައުމުގެ ރައީސް އަދި އަބޫދާބީގެ ރޫލާ ޝެއިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާނަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.ޔޫއޭއީގެ ރިޔާސީ ގަނޑުވަރު ޤަސްރު އަލް ވަތަންގައި ބޭއްވި ރަސްމިއްޔާތުގައި ސަފީރު ވަނީ ފަތްކޮޅު އެރުވުމުގެ އިތުރުން ގަނޑުވަރުގައި ދިވެހި ދިދަ ވެސް ނަންގަވާފައެވެ.

ފަތްކޮޅާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ޝެއިޚް މުހައްމަދު ބިން ޒައިދު ވަނީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮންނަ އަހުވަންތަކަމުގެ ގުޅުމަށް އަލިއަޅުވާލައްވާފައެވެ. އަދި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ރާއްޖެއިން ޔޫއޭއީއާ އެކު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރަން ކުރައްވާ މަސައްކަތްތަކަށް އަލިއަޅުއްވައިލެއްވިއެވެ.

ސަފީރު މުންދު ވަނީ ރައީސް މުޢިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ރައްޔިތުންގެ ފަރާތުން ޔޫއޭއީގެ ވެރިންނަށާއި ރައްޔިތުންނަށް ފުރިހަމަ ސިއްހަތާއި ކާމިޔާބީއަށް އެދިވަޑައިގަތެވެ. އަދި، ސަފީރުގެ ހައިސިއްޔަތުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ބަދަހިވެ ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނޭކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

އެ ރަސްމިއްޔާތުގައި ޔޫއޭއީގެ ރައީސް ވަނީ ރާއްޖެއާ އެކު އޮންނަ ގުޅުން އެކި ރޮނގުރޮނގުން ފުޅާކުރުމަށް ތައްޔާރު ކަމަށް ވިދާޅުވެފައެވެ. އަދި، އާ ސަފީރާ އެކު މި ލަނޑުދަނޑި ހާސިލުކުރުމަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ.

ރަސްމިއްޔާތަށް ފަހު ބޭއްވުނު ބައްދަލުވުމުގައި ޔޫއޭއީގެ ރައީސް ވަނީ ސަފީރުކަމުގެ ފަތްކޮޅު އެރުވި އެކިއެކި ޤައުމުތަކުގެ ސަފީރުންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި، ސަފީރުންގެ ޤައުމުތަކާ އެކު އިތުރަށް ގުޅުންތައް ހަރުދަނާކުރުމަށް ޔޫއޭއީން ބޭނުންވާކަމާއި ސަފީރުންގެ މަސައްކަތްތަކަށް ބޭނުންވާ ކަންކަމުގައި ޔޫއޭއީ ސަރުކާރުން ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެއްވާނޭކަން އެ މަނިކުފާނު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ރާއްޖެއާއި ޔޫއޭއީން ސިޔާސީ ގުޅުން ޤާއިމުކުރީ މާޗު 15، 1978 ގައެވެ. މުންދުއަކީ ރާއްްޖެއިން ޔޫއޭއީއަށް ކަނޑައެޅުއްވި ހަވަނަ ސަފީރެވެ.More from Sun Online