މަޝްއަރު ޓުއާސްގެ މައްސަލަ ފުލުހަށް ހުށަހަޅައިފި

Wed, 17 Apr 2024 10:41 PM

View on this article on Sun Online

މަޝްއަރު ޓުއާސްގެ މައްސަލަ ފުލުހަށް ހުށަހަޅައިފި

އިސްލާމިކް މިނިސްޓްރީގެ ހުއްދަނެތި މަޝްއަރު ޓުއާސް ނަމަކަށް ކިޔާ ކުންފުންޏަކުން އުމްރާއަށް ގެންދިޔުމުގެ ނަމުގައި ފައިސާ ހޯދާތީއާއި އެ ކުންފުނީގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން ރާއްޖެ ނާދެވިފައި ތިބި މައްސަލަ މިނިސްޓްރީން ފުލުހަށް ހުށަހަޅައިފިއެވެ.



އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނި އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނެގުމަށް މިނިސްޓްރީއަށް ހުށަހަޅާފައިވާކަން ދައްކައިގެން އޮޅުވާލައިގެން އާންމުންގެ އަތުން ފައިސާ ނަގަމުންދާ ކަމަށާއި މި އަހަރުގެ ރަމަޟާން މަހު އުމްރާއަށް ދިޔަ މީހުން މައްކާގައި ތާށިވެފައި ތިބި ކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށެވެ.

އެހެންވެ، އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލުގެ ދަށުން ހުއްދަނެތި އުމްރާއަށް މީހުން ގެންދިޔުމަކީ މަނާކަމެއް ކަމަށް މިނިސްޓްރީން ބުންނެވެ.

"އަލް މަޝްއަރު ޓުއާސް މެނޭޖިން ޑިރެކްޓަރު އަލީ ފާރިޝްއަކީ މި މިނިސްޓްރީ ހުއްދަ ބާތިލުކޮށްފައިވާ އަލް މަޝްއަރު ޙައްޖު އެންޑް އުމްރާ ކުންފުނީގެ ވެސް މެނޭޖިން ޑިރެކްޓަރެވެ." އެ ބަޔާނުގައިވެއެވެ.

އެހެންކަމުން، އެ ކުންފުންޏަށް ނުވަތަ އަލީ ފާރިޝްއަށް އުމްރާއަށް ދިޔުމަށް އެއްވެސް ފަރާތަކުން ފައިސާ ނުދެއްކުމަށާއި އުމްރާއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އުމްރާއަށް މީހުން ގެންދިޔުމަށް ހުއްދަ ނެތް ކުންފުންޏަކަށް އެއްވެސް ފަރާތަކުން އުމްރާގެ އަޅުކަމަށް ފައިސާ ދެއްކުމަކީ އުސޫލާ ޚިލާފު ކަމެއް ކަމަށް އެ ބަޔާނުގައިވެއެވެ.

"މި އުސޫލާ ޚިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްގެން ދިމާވާ ކަމެއްގެ ޒިންމާ އުފުލަންވާނީ އެ ފަރާތަކުންކަން ވެސް އެންމެހައި ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ." އެ ބަޔާނުގައިވެއެވެ.

ހައްޖާއި އުމްރާއަށް މީހުން ގެންދާ ބައެއް ގުރޫޕުތަކުން އަމަލު ކުރާ ނުރަނގަޅު އުސޫލުތަކުގެ ސަބަބުން އެތައް ބަޔަކަށް މީގެ ކުރިން ލަނޑު ލިބިފައި އެބަހުއްޓެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވެބްސައިޓުގައި ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދެވިފައިވާ ކުންފުނިތަކުގެ ލިސްޓުވަނީ އާންމުކޮށްފައެވެ. އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ޖުމްލަ 50 ކުންފުންޏަކަށް ދީފައިވާއިރު، ހަތަރު ކުންފުންޏެއްގެ ހުއްދަ މިދިޔަ މަހަށް އޮތީ ހަމަވެފައެވެ.

ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގެ ނަމުގައި މަކަރު ހަދައި އޮޅުވާލާ ކުންފުނިތަކުގެ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެއެެވެ. އެހެންވެ މި ފަހުން ސަރުކާރުން ނިންމާފައި ވަނީ ރާއްޖޭން މީހުން ހައްޖަށް ގެންދާނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އެކަނި ކަމަށެވެ.



More from Sun Online