ވިނަރެސް ފްލެޓު ގަންނަން ހުށަހެޅި ފޯމުތައް ބާތިލުކޮށްފި

Tue, 30 Apr 2024 05:55 PM

View on this article on Sun Online

ވިނަރެސް ފްލެޓު ގަންނަން ހުށަހެޅި ފޯމުތައް ބާތިލުކޮށްފި

އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް ފްލެޓު ގަތުމަށް ހުށަހެޅި ފޯމްތައް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބާތިލުކޮށްފިއެވެ.



މިދިޔަ ނޮވެންބަރުމަހު، އޮންލައިންކޮށް ވިނަރެސް ފްލެޓު ގަތުމަށް ޕޯޓަލްއެއް ހުޅުވާލިއިރު، އެއް ފަހަރާ މާ ގިނަ މީހުން ޕޯޓަލްއަށް ވަނުމުން ޓެކްނިކަލް މައްސަލަތަކެއް ދިމާވެ، އެ މައްސަލަ ހައްލުވަންދެން އެ ފްލެޓުތައް ވިއްކުން މެދުކަނޑައިލިއެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ވިނަރެސް ފްލެޓުތަކުން ނުވިކި ހުރި ފްލެޓުތަކެވެ.

އެޗްޑީސީން މިއަދު ބުނީ އޮންލައިންކޮށް ވިނަރެސް ފްލެޓު ގަތުމަށް ހުޅުވާލި ފުރުސަތުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެ، ގިނަ ޝަކުވާތަކެއް ލިބިފައިވުމުން ފޯމްތައް ބާތިލްކޮށްފައިވާ ކަމަށެވެ. އަދި ދިމާވި ޓެކްނިކަލް މައްސަލަތަކާ ގުޅިގެން ގިނަ ބަޔަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ގެއްލުނު ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ފަށާފައިވާ އެކިއެކި ސޯޝަލް ހައުސިން މަޝްރޫއުތަކުން އެޕާޓްމެންޓް ގަތުމަށް ފައިސާ ދައްކައި، އެހެން ނަމަވެސް އެކި ސަބަބުތަކާހުރެ މަޝްރޫއުތައް ކުރިޔަށް ނުގޮސް ހުއްޓުމުގެ ސަބަބުން ބޯހިޔާވަހިކަން ލިބިފައި ނެތް ފަރާތްތަކުގެ ޝަކުވާތައް އެ ކޯޕަރޭޝަނަށް ލިބެމުންދާ ކަމަށެވެ.

އެ ގޮތުން އެ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ވިނަރެސް މަޝްރޫއުގެ ދަށުން ފުރުސަތު ތަނަވަސްވާ މިންވަރަކުން، އެ ފަރާތްތަކުގަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާތީ، އިތުރަށް އެ މަޝްރޫއިން ފްލެޓު ނުވިއްކާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެ މަޝްރޫއުގެ ދަށުން އިމާރާތް ކުރި 10 ޓަވަރުގައި ޖުމްލަ 1344 ޔުނިޓު ހިމެނެއެވެ. އެ މަޝްރޫއުގައި ފްލެޓު ދީފައިވަނީ މާލޭ ރައްޔިތުންގެ އިތުރުން، މާލޭގައި އުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށެވެ.

މިދިޔަ ނޮވެންބަރުމަހުގެ ފަސްވަނަ ދުވަހު ވިނަރެސް ފްލެޓުގެ ނުވިކި ހުރި ފްލެޓުތައް އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ގަންނަން ހުޅުވާލިތާ ބައިގަޑިއިރު ތެރޭގައި ހުރިހާ ފްލެޓެއް ވިކުނެވެ.

މިދިޔަ ފެބްރުއަރީ މަހު ވިނަރެސް ފުލެޓުތަކުގެ އަގު ކުޑަކޮށް، މަހަކު ދައްކަން ޖެހޭ އަދަދުން އެވްރެޖްކޮށް 4،200 ރުފިޔާ ވަނީ ދަށްކޮށްފައެވެ.

ރާއްޖޭގައި އެކަށީގެންވާ ބޯހިޔާވަހިކަމުގެ ފުރުސަތުތައް ތަނަވަސްކޮށް، މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.



More from Sun Online