65 އަހަރުން މަތީގެ މީހުންނަށް މުއްދަތު ހަމަނުވާ އައިޑީކާޑު

Tue, 30 Apr 2024 06:31 PM

View on this article on Sun Online

65 އަހަރުން މަތީގެ މީހުންނަށް މުއްދަތު ހަމަނުވާ އައިޑީކާޑު

އުމުރުން 65 އަހަރުން މަތީގެ މީހުންނަަށް ދޭ އައިޑީ ކާޑުގެ މުއްދަތް ހަމަނުވާ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)އިން މިއަދު ބުނެފިއެވެ.



ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ދިވެހި ޕާސްޕޯޓުގެ މުއްދަތަކީ އެންމެ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވާފައެވެ.

މި ކަމާ ގުޅިގެން މިއަދުވަނީ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ޑީއެންއާރުގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަންގެ އިސްވެރީން ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފައެވެ.

މަޖިލީހުގެ ކޮމިޓީގައި, ޑީއެންއާރާ ހަވާލުވެގެން ހުންނެވި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލް ޣަފޫރު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ އައިޑީ ކާޑުގެ މުއްދަތު ހަަމަވާ އުސޫލުގެ ސަބަބުން ދޮށީ އުމުރުގެ މީހުންނަށް ދަތިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ގޮތުން އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑުގެ މުއްދަތް ހަމަނުވާ ގޮތަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފަންނީ ގޮތުން ބަލަންޖެހޭ ބެލުންތައް ބަލާފައި، އަޅުގަނޑުމެންގެ ފަރާތުން ތައްޔާރު ކުރަން ޖެހޭ ކަރުދާސް މިހާރު ވާނީ ކެބިނެޓަށް ފޮނުވާފައި. ދެން ކެބިނެޓުން އެއަށް ގޮތެއް ނިމުނުހާ އަވަހަކަށް އަޅުގަނޑުމެން އަމަލުކުރާ ގޮތެއް އިއުލާނު ކުރާނެ،" ޔޫސުފް ވިދާޅުވިއެވެ.

އުފަންވާ ކުއްޖެއްގެ އައިޑީ ކާޑުގެ މުއްދަތު ހަމަވާނީ އުމުރުން 10 އަހަރުވުމުންނެވެ. އެއަށް ފަހު 10 އަހަރާއި 40 އަހަރާ ދެމެދު ކޮންމެ ފަސް އަހަރަކުން އައިޑީ ކާޑުގެ މުއްދަތު ހަމަވާނެއެވެ. އަދި އުމުރުން 40 އަހަރުވުމަށް ފަހު ކޮންމެ 10 އަހަރަކުން ކާޑު އައު ކުރަން ޖެހޭނެއެވެ.



More from Sun Online