ޖުޑިޝަރީއަށް އެމްޑީޕީ ނުފޫޒު އޮތްކަން ސާބިތުވެއްޖެ: ރައީސް

Wed, 17 Apr 2024 10:01 PM

View on this article on Sun Online

ޖުޑިޝަރީއަށް އެމްޑީޕީ ނުފޫޒު އޮތްކަން ސާބިތުވެއްޖެ: ރައީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް, ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާނެ ކަމަށް ވިދާޅުވުމާއެކު އެ މައްސަލަ ދެތިން ދުވަސް ތެރޭ ހައި ކޯޓުން ތާވަލުކުރުމުން، އެ ޕާޓީގެ ނުފޫޒު ޖުޑިޝަރީއަށް ހިންގާކަން ސާބިތުވެއްޖެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.



ޕީއެންސީ ޓިކެޓުގައި ގައްދޫ ދާއިރާއަށް ވާދަކުރައްވާ މުޙައްމަދު އަލީގެ ކެންޕޭން ހަރަކާތުގައި ރައީސް ވިދާޅުވީ ޝަރުއީ ދާއިރާއަށް މި ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރާނެ ކަމަށާއި ނަމަވެސް ޖޭއެސްސީގެ ކޮންޕޮޒިޝަން އޮންނަ ގޮތުން ޖޭއެސްސީގެ ކޮންޓްރޯލް އަދިވެސް އޮތީ އިދިކޮޅު އެމްޑީޕީގެ އަތުގައި ކަމަށެވެ.

"ޖޭއެސްސީގެ ރައީސަކީ ވެސް އެމްޑިޕީ ބޭފުޅެއް. މަޖިލީހުގެ ރައީސަކީ އެމްޑިޕީ ބޭފުޅެއް. އަދި މަޖިލީހުގެ މެންބަރެއް ޖޭއެސްސީގައި ހުންނަވާނެ. އެހެން ގޮސް އެމްޑީޕީގެ ފުލްބާރު ޖޭއެސްސީގެ ރައީސަކަށް އިންނާތީ އެމީހުން އަތުގަ މި އޮންނަނީ،" ރައީސް ވިދާޅުވިއެވެ.

ޔާމީންގެ ޝަރީއަތް ހުކުމާ ހަމައިން ހުއްޓިފައި އޮތް މައްސަލަ ބަލަން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވާނެ ކަމަށް ރައީސް އަސްލަމް ވިދާޅުވީ މިދިޔަ ހުކުރު ދުވަހުއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި މަނީ ލޯންޑްރިންނާއި ރިޝްވަތުގެ ކުށް ކުރިކަން ސާބިތު ވުމުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ މައްސަލައިގެ އިސްތިއުނާފުގެ ހުކުމް އިއްވުން ތާވަލުކޮށްފައި ވަނީ މާދަމާ މެންދުރަށެވެ.

ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ނިމިފައެވެ. ނަމަވެސް ހުކުމް އިއްވުން ތާވަލުނުކޮށް ދިގު މުއްދަތެއް ވެފައިވާތީ އެ މަނިކުފާނާއި އެ މަނިކުފާނަށް ތާއިދު ކުރާ ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.



More from Sun Online