އެމްޑީޕީގެ ނަޒުރާއަށް ޕީއެންއެފުން ތާއިދުކޮށްފި

Wed, 17 Apr 2024 08:46 PM

View on this article on Sun Online

އެމްޑީޕީގެ ނަޒުރާއަށް ޕީއެންއެފުން ތާއިދުކޮށްފި

އެމްޑީޕީ ޓިކެޓުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރައްވާ, ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ އަނބިކަނބަލުން ނަޒުރާ ނަސީމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)އިން ތާއިދުކޮށްފިއެވެ.



ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް "ސަން"އަށް ވިދާޅުވީ، އެހެން ދާއިރާތަކެކޭ އެއްގޮތަށް ފުވައްމުލަކު ދެކުނު ދާއިރާއަށް ވެސް އޮތީ ރައީސް ޑރ. މުޙައްމަދު "މުއިއްޒު ނޫން ގޮތެއް" ކަމަށެވެ.

"ފުވައްމުލަކު ދެކުނުގަ ޕީއެންއެފްގެ ކެންޑިޑޭޓެއް ނެތް. ފުރަތަމަ މަރުހަލާގައި އަޅުގަނޑުމެން ތާއިދުކޮށްގެން ތިބީ ޕީއެންސީން ނެރުނު އަޅުގަނޑުމެންގެ ކެންޑިޑޭޓަށް. އެހެންނަމަވެސް ފަހުން އެ ކެންޑިޑޭޓު އެ ވަނީ މުޅިން ސަރުކާރަށް ގޮސްފައި. މުޅިން އަޅުގަނޑުމެންނާ ދެކޮޅަށް ވާދަކުރާތީ އަޅުގަނޑުމެންގެ ތާއިދެއް ނެތް،" މަލީހް ވިދާޅުވިއެވެ.

ފުވައްމުލަކު ދެކުނަށް ޕީޕީއެމް، ޕީއެންސީން ވާދަކުރަނީ އިބްރާހިމް ހުސެއިން (އިއްބެ) އެވެ.

ޕީއެންއެފްއިން ނަޒުރާއަށް ތާއިދުކުރާކަން އިއުލާން ކުރުމުގެ ކުރިން އެމްޑީޕީން ވަނީ، ޔާމީންގެ ތާއީދާއެކު ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު، މުޙައްމަދު ޝަރަފުއްދީނަށް އެ ޕާޓީން ތާއިދުކުރާކަން އިއުލާންކޮށްފައެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 29 ގައި އުފައްދަން ހުއްދަދިން ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވީ މިދިޔަ ހަފުތާގައެވެ.

އަންނަ އާދިއްތަ ދުވަހު އޮންނަ 20 ވަނަ މަޖިލީސް އިންތިޚާބަށް ކެންޑިޑޭޓުން ކުރިމަތިލާން ފުރުސަތު ހުޅުވާލި މުއްދަތުގައި އެ ޕާޓީ އުފެދިފައި ނުވާތީ، ޕީއެންއެފްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ކުރިމަތިލެއްވީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައެވެ.

މަޖިލިސް އިންތިޚާބުގެ ވޯޓުލުން އޮއްނާނީ އާދިއްތަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން 5:30އާ ހަމައަށެވެ.



More from Sun Online