ގުރައިދޫގައި ފެން ބޮޑުވެ ހަ ގެއެއްގެ މީހުން ވަގުތީ ހިޔަލަށް

Tue, 30 Apr 2024 03:05 PM

View on this article on Sun Online

ގުރައިދޫގައި ފެން ބޮޑުވެ ހަ ގެއެއްގެ މީހުން ވަގުތީ ހިޔަލަށް

ކ. ގުރައިދޫގައި ފެން ބޮޑުވެ ގެއްލުންވި ހަ ގެއެއްގެ މީހުން ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފިއެވެ.



މި ކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން ގުރައިދޫ ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ޝަލީޒް ވިދާޅުވީ ރޭ ބޯކޮށް ވެހުނު ވާރޭއާއެކު އެ ރަށުގެ ގިނަ ގެތަކަކަށް ގެއްލުން ވެ، ރޭ ހަ ގެއެއްގެ މީހުން ވަގުތީ ހިޔަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ކައުންސިލުން ހަ ގެއެއްގެ މީހުން އެކި ގެސްޓު ހައުސް ތަކަށް ބަދަކު ކުރީ ރޭގައި. އެ ގޭތަކުގެ ހާލަތު ހުރި ގޮތުން ނުނިދޭނެތީވެ އަޅުގަނޑުމެން އެ ގޭތަކުގެ މީހުން ބަދަލު ކުރީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރޭ ވިއްސާރަ ވެހެން ފެށީ 19:30 ހާއިރު ކަމަށެވެ. އަދި 22:00 ވީ އިރު ވެސް ވާރޭ، ހުއްޓައިނުލައި ވެހެމުން ދިޔަކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

"ވަރަށް ބޮޑަށް ފެން ބޮޑުވެގެން މިހާރު ވެސް އަޅުގަނޑުމެންނަށް 50 އަށްވުރެ ގިނަ ގޭ އެބައިން ނޯޓު ކުރެވިފައި،" އޭނާ ވިދާޅުވިއެވެ.

ރޭ ބޯކޮށް ވާރޭވެހި ގުރައިދޫގައި ފެން ބޮޑުވެފައި-- ފޮޓޯ: އެންޑިއެމްއޭ

އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ވެސް އެގޮތަށް ވާރޭ ވެހި މި ފަހަރު ކުރި ވިއްސާރައިގައި ވެސް ބޮޑަށް ގެއްލުންވި ސަރަހައްދަށް ގެއްލުންވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް މިފަހަރު ކުރީ ފަހަރަށް ވުރެ ބޮޑަށް ގެއްލުން ލިބިފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރޭގެ 1:00 ހާއިރު ކައުންސިލުންނާއި އެމްއެންޑީއެފްގެ ފަރާތުން މަސައްކަތްކޮށް ފެންގަނޑު އެއްކޮށް ހިންދާލެވިފައިވާ ކަމަށެވެ. ރޭ ވާރޭ ހުއްޓާލިފަހުން އަދި އެ ރަށަށް ވާރޭ ނުވެހުނު ނަމަވެސް އުޑުމަތި ބަނަކޮށް އޮންނަކަން އޭނާވަނީ ފާހަގަ ކުރައްވައިފައެވެ.

މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުން އަންނަ ވިއްސާރައިގައި މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށް ރަށުގައި ވެސް ފެންބޮޑުވެއެވެ. އެގޮތުން މިއަދު ވެސް ބޯކޮށް ވާރޭ ވެހި ށ. ފޯކައިދޫގައި ވެސް ވަނީ މުޅި މަގުމަތީގައި ފެންބޮޑުވެ ބައެއް ގެތަކަށް ވެސް ފެން ވަދެފައެވެ.



More from Sun Online